Advertisement

ބައްސާމްއާ ދުރަށް: މުފާ އެފްއޭއެމް އިން އިސްތިއުފާދީފި

22 ފެބުރުވަރީ 2024 - 16:15 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ޮއޮލިމްޕިކް ކޮމިޓީ ކޮންގްރެސެއްގެ ތެރެއިން ބައްސާމް (ވ) އާއި މުފާ.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ


ބައްސާމްއާ ދުރަށް: މުފާ އެފްއޭއެމް އިން އިސްތިއުފާދީފި

22 ފެބުރުވަރީ 2024 - 16:15 0

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ހިންގާ ކޮމިޓީން ކްލަބް އީގަލްސްގެ ވައިސް ޗެއާމަން، މުފާވިޒް ހާޝިމް (މުފާ) އިސްތިއުފާދީފި އެވެ.

މިދިޔަ ދެ ދައުރުގައި ވެސް އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުންނެވި ބައްސާމް އަދީލް ޖަލީލްގެ އަރިސް މީހެއްގެ ގޮތުގައި މަސައްކަތް ކުރެއްވި މުފާ މަގާމުން އިސްތިއުފާ ދިންކަން ވަނީ "އަދަދު" އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.

"ކެތްވާނީ ވަކި ވަރަކަށް ދޯ،" ކުއްލިއަކަށް އެހާ ބޮޑު ނިންމުމެއް ނިންމި ސަބަބު އޮޅުންފިލުވުމަށް "އަދަދު" އިން ކުރި ސުވާލަށް ދިން ޖަވާބުގައި މުފާ ވިދާޅުވި އެވެ.

މުފާ އަކީ، އެފްއޭއެމް އިން މިދިޔަ މަހު، 31 ވަނަ ދުވަހު ބާއްވަން އިއުލާނުކުރި އެ އެސޯސިއޭޝަންގެ އިންތިހާބުގައި ރައީސްގެ މަގާމަށް ކެންޑިޑެސީ ހުށަހެޅި ފަރާތެކެވެ. އެ އިންތިހާބަށް ސައްހަ ކެންޑިޑެސީ އަކާ އެކު ކުރިމަތިލި ފަރާތެއްގެ ގޮތުގައި އޮތް މުފާ އަށް ފުރަތަމަ ޑިވިޝަނުން ގިނަ ކްލަބްތަކެއް ތާއީދުކުރި އެވެ. އެހެން ނަމަވެސް، އެ އިންތިހާބު ކުރިއަށްނުދިޔައީ، އިލެކްޓޯރަލް ކޯޑުގައިވާ ގޮތަށް އިލެކްޓޯރިއަލް ކޮމިޓީ އާއި އިލެކްޓޯރިއަލް އެޕީލް ކޮމިޓީ އުފައްދާފައިނުވާތީ އެވެ. އެކަން ހާމަވީ، އެފްއޭއެމް އިންތިހާބަށް ކުރިމަތިލި އަނެއް ކެންޑިޑޭޓް، އަހުމަދު ތޯރިގު (ޓޮމް)ގެ ކެނޑިޑެސީ ބާތިލްކުރަން، އިލެކްޓޯރިއަލް ކޮމިޓީން ނިންމި ނިންމުން، އޭނާ އެޕީލްކުރަން ހުށަހެޅިިއިރު، އެޕީލް ކޮމިޓީއެއް އުފައްދާފައި ވެސް ނެތުމުންނެވެ.

މި މައްސަލައިގައި އޭއެފްސީ އާއި ފީފާ އިން އެންގީ، ކުރިން އިއުލާނުކުރި އިންތިހާބުގެ ކަންކަން ކެންސަލްކުރުމަށާއި އަލުން އިލެކްޓޯރިއަލް ކޯޑުގައިވާ ގޮތަށް ކޮޮމިޓީތައް އެކުލަވާލުމަށެެވެ. ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް ވަނީ މި މަހު އަށް ވަނަ ދުވަހު ބޭއްވި އެފްއޭއެމް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ނިންމައިފަ އެވެ.

އެފްއޭއެމްގެ އެކްޓިން ޖެނެރަލް ސެކްރެޓަރީ، ޖައުޝަން ޝަރީފް (ޖައު)، "އަދަދު" އަށް މީގެ ކުރިން ވިދާޅުވީ، ވަރަށް އަވަހަށް އަލުން އިންތިހާބަށް އިއުލާނުކުރެވޭނެ ކަމަށެވެ.

ދެން ބާއްވާ އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރާނެތޯ ނުވަތަ ނޫންތޯ މުފާ ވަކި ގޮތެއް ނިންމަނީ ފަހުން ކަމަށް މިޑިއާގައި ބުނެފައިވެ އެވެ.

ދެން އޮންނަ އެފްއޭއެމްގެ އިންތިހާބެއްގައި ވާދަނުކުރައްވާނެ ކަމަށް ބައްސާމް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. އެކަމަކު، ދާދި ފަހުން ބައްސާމް ވިދާޅުވީ، ވާދަނުކުރައްވާނެ ކަމަށް ވިދާޅުވީ ކެންސަލްވި އިންތިހާބު (މިދިޔަ މަހު 31 ގައި ބާއްވަން އޮތް އިންތިހާބު) ކަމަށާއި ކުރިއަށް ދެން އޮތް އިންތިހާބާ މެދު އެއްޗެއް ހާމަކުރުމަށް ވުރެ ކުރަން ހުރި މުހިންމު އެހެން ކަންތައްތަކަށް އިސްކަން ދޭ ކަމަށެވެ.

އަބަދުވެސް އޭނާ ފުޓްބޯޅައިގައި ކުރިއަށްދިއުމުގައި ގޮތް ނިންމަނީ، ކްލަބްތަކުން އެދޭ ގޮތަށް ބަލާފައި ކަމަށް މި ފަަހަރު ވެސް ބައްސާމް ވަނީ ވިިދާޅުވެފަ އެވެ. މިއީ މީގެ ކުރިން ވެސް އެކި ޕްލެޓްފޯމްތަކުގައި ބައްސާމް ދައްކަވާފައިވާ ވާހަކަ އެކެވެ.

ބައިނަލްއަގުވާމީ ޖަމިއްޔާތަކުން އެފްއޭއެމަށް ދޭ ފައިސާ އަށް ބައްސާމް ހިމެނޭ ގޮތަށް އޭނާގެ ލީޑަޝިޕުން ހިޔާނާތްތެރިވެފައިވާ މައްސަލައިގެ ޖިނާއީ ތަހުގީގެއް ދަނީ ކުރިއަށެވެ. މީގެ ތެރެއިން އެއް މައްސަލައިގައި، ބައްސާމްގެ މައްޗަށް މަނީ ލޯންޑަރިން އާއި ހިޔާނާތުގެ ދައުވާ އުފުލާފައިވާއިރު، އޭނާގެ ޕާސްޕޯޓް ވެސް އޮތީ ހިފަހައްޓައިފަ އެވެ.

ބައްސާމާ އެކު އިތުރަށް ކުރިއަށް ނުދާން ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކަކުން މިހާރު ވަނީ ނިންމައިފަ އެވެ.