Advertisement

ސީރިއާގެ ކޭމްޕުތަކުގައި ތިބި 23 މީހުން ކެނެޑާއަށް ގެންދަނީ

22 ޖަނަވަރީ 2023 - 06:04 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ސީރިއާގެ ކޭމްޕުތަކުގައި އެތައް ހާސް ބަޔަކު ދިރިއުޅެމުންދޭ. -- ފޮޓޯ: ގެޓީ އިމޭޖާޒް


ސީރިއާގެ ކޭމްޕުތަކުގައި ތިބި 23 މީހުން ކެނެޑާއަށް ގެންދަނީ

22 ޖަނަވަރީ 2023 - 06:04 0

ސީރިއާގެ އިރުއުތުރު ކޭމްޕުތަކުގައި ބަންދުވެފައި ތިބި އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅުން ހުރި މީހުންގެ ތެރެއިން 23 މީހަކު ކެނެޑާއަށް ގެންދަން ނިންމައިފި އެވެ.

އެއީ އައިއެސްއާ ބައިވެރިވުމަށް ސީރިއާއަށް ދިޔަ ކެނެޑާގެ ރައްޔިތުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ހަ އަންހެނުންނާއި 13 ކުޑަކުދިންނާއި ހަތަރު ފިރިހެނުންނެވެ.

ވީ އެންމެ އަވަހަކަށް އެ މީހުން ކެނެޑާއަށް ގެންދިޔުމަށް އަންގައި ކޯޓުން މައްސަލަ ނިންމުމުން ހިތްހަމަޖެހޭ ކަމަށް އެ ތަނުން އެކަކުގެ ގާނޫނީ ވަކީލު ބުންޏެވެ.

އިސްލާމީ ވެރިކަމެއް ކުރުމަށް ކަމަށް ބުނެ ސީރިއާ އާއި އިރާގުގެ ބިމުގެ ސަރަހައްދުތަކެއް ކޮންޓްރޯލް ކުރި އައިއެސް ގްރޫޕް ހަނގުރާމައިން ބަލިވީ 2019 ގަ އެވެ.

މީގެ ކުރިން ވެސް ކެނެޑާއިން ވަނީ އައިއެސްއާ ގުޅުނު އެ ގައުމުގެ ބައެއް މީހުން އަަނބުރާ ގެންގޮސްފަ އެވެ. އެކަމަކު މިހާ ގިނަ އަދަދެއްގެ މީހުން އަނބުރާ ގެންގޮސްފައެއް ނުވެ އެވެ.

އެ މީހުން ކެނެޑާއަށް ގެނައުމުގެ މައްސަލަ ކޯޓަށް ވެއްދީ އާއިލާތަކުންނެވެ. އާއިލާތަކުން ބުނީ ކެނެޑާއަށް އެތެރެވުން މަނާކުރުމަކީ ގާނޫނީ ގޮތުން ކަށަވަރުވާ ހައްގަށް ހުރަސްއެޅުން ކަމަށެވެ.

މީގެ ކުރިން ކެނެޑާ ސަރުކާރުން ސީރިއާގައި ތިބި ރައްޔިތުން އަނބުރާ ގެނައުމުގެ ކުރިން ވަކިވަކި އާއިލާތަކުގެ ބެކްގްރައުންޑް ބަލައި، ބޮޑު ތަހުގީގެއް ހިންގަ އެވެ.

އެގޮތުން ހަތަރު އަހަރުގެ ތެރޭގައި އަނބުރާ ކެނެޑާއަށް އެތެރެވެވުނީ މަދު އަދަދެއްގެ އަންހެނުންނާއި ކުޑަކުދިންނަށް އެކަންޏެވެ.

ޖަރުމަނާއި ފްރާންސް އަދި ސްޕެއިން އާއި ނެދަލޭންޑްސުން ވެސް ވަނީ ސީރިއާގައި ތިބި އެ ގައުމުތަކުގެ ބައެއް ރައްޔިތުން އަނބުރާ ގެންގޮސްފަ އެވެ.

ހިޔުމަން ރައިޓްސް ވޮޗް ޖަމިއްޔާއިން ބުނާ ގޮތުގައި އައިއެސްއާ ގުޅުން ހުރި ފަރާތްތައް ބަންދުކޮށްގެން ގެންގުޅޭ ސީރިއާގެ ކޭމްޕުތަކުގައި އެކި ގައުމުތަކަށް ނިސްބަތްވާ 42،400 އަށް ވުރެ ގިނަ މީހުން އުޅެ އެވެ.