Advertisement

އީރާނުގެ ކޮންސިއުލޭޓަށް ދިން ހަމަލާ ކުށްވެރި ކުރިއިރު، ސަރުކާރުން އިޒްރޭލުގެ ނަން ބޭނުމެއް ނުކުރި

2 އޭޕްރީލް 2024 - 20:16 1

އިޒްރޭލުގެ ހަމަލާގެ ސަބަބުން އީރާނުގެ ކޮންސިއުލޭޓު ފުނޑިފައި: އެ ހަމަލާގެ ބަދަލު ހިފާނެ ކަމަށް އީރާނުން ބުނޭ -- ފޮޓޯ: އޭޕީ


އީރާނުގެ ކޮންސިއުލޭޓަށް ދިން ހަމަލާ ކުށްވެރި ކުރިއިރު، ސަރުކާރުން އިޒްރޭލުގެ ނަން ބޭނުމެއް ނުކުރި

2 އޭޕްރީލް 2024 - 20:16 1

ސީރިއާގެ ދިމިޝްގުގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް އިޒްރޭލުން މިސައިލު ހަމަލާއެއް ދިނުމުން، އެކަން ކުށްވެރި ކުރިއިރު، ދިވެހި ސަރުކާރުން އިޒްރޭލުގެ ނަން ބޭނުން ނުކުރުމުން ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ކޮންސިއުލޭޓަށް އިއްޔެ ދިން ހަމަލާގައި އީރާނު ސިފައިންގެ އިސް ޖެނެރަލަކާއި އޭނާގެ ނަައިބަކު މަރުވި އެވެ. އެ ހަމަލާގައި ޖުމުލަ 11 މީހަކު މަރުވި ކަމަށްވެ އެވެ. އިމާރާތް އޮތީ ވަރަށް ބޮޑަށް ފުނޑިފަ އެވެ. އެކަމާ ގުޅިގެން ދިވެހި ސަރުކާރުން މިއަދު ނެރުނު ބަޔާނުގައި ހަމަލާ ކުށްވެރި ކުރި ނަމަވެސް އެއީ އިޒްރޭލުން ދިން ހަމަލާއެއް ކަމެއް ނުބުނެ އެވެ.

"ސީރިޔާގެ ވެރި ރަށް ދިމިޝްގުގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް މި ފަހުން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރި ކުރަން،" ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ކޮންސިއުލޭޓަށް ހަމަލާ ދިނީ އިޒްރޭލުން ކަމަށް އީރާނު ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި ހަމަލާގެ ބަދަލު ވަރުގަދައަށް ހިފާނެ ކަމަށް ވެސް އީރާނުން ބުންޏެވެ. އީރާނު ކޮންސިއުލޭޓަށް ދިން ހަމަލާގެ ޒިންމާ އިޒްރޭލަކުން ނުނަގަ އެވެ. އެކަމަކު، ކޮންސިއުލޭޓަށްސް ހަމަލާ ދިނީ އިޒްރޭލުން ކަމަށް ބެލެވޭ ކަމަށް ވަރަށް ގިނަ ނޫސްތަކުގައި ވެސް ހުރީ ޖަހާފަ އެވެ.

ކޮންސިއުލޭޓަށް ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރި ކުރިއިރު، އިޒްރޭލުގެ ނަން ބޭނުން ނުކުރުމުން އެކަމާ ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ ސަރުކާރަށް ފާޑުކިޔައިފަ އެވެ. އޭގެ ތެރޭގައި ކުރިން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުރި ސަފީރު ޑރ. ފަރަހަނާޒް ފައިސަލް ހިމެނެ އެވެ.

"ހަމަލާ ދިނީ ކޮން ބައެއް؟ ބައިނަލްއަގުވާމީ ހުރިހާ ނޫހެއްގައި ވެސް ރިޕޯޓުކޮށްފައި އޮތީ ހަމަލާ ދިނީ އިޒްރޭލުން ކަމަށް،" ފަރަހަނާޒް ވިދާޅުވެފައިވެ އެވެ. "ކުށްވެރިންގެ ނަން އަހަރުމެންނަށް ހާމަ ކުރެވެންޖެހޭނެ. ބިރުގަންނަންވީ ކޮން ކަމަކާ؟."

އޮކްޓޯބަރު 7، ގައި އިޒްރޭލުން ގާޒާގައި ހިންގަން ފެށި ގަތުލްއާންމާއެކު މެދު އިރުމަތީގެ ސުލްހަ ވަނީ ގެއްލިފަ އެވެ. ފަލަސްތީނުގެ އިތުރުން ކައިރި ބައެއް ގައުމުތަކަށް ވެސް އިޒްރޭލުން ދަނީ ހަމަލާ ދެމުންނެވެ.

އިޒްރޭލުން ވަނީ މިހާތަނަށް ފަލަސްތީނުގެ 35،000 އަށް ވުރެ ގިނަ މީހުން މަރާލައިފަ އެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. އަދި ގާޒާ ބަނޑަށް ޖެއްސުމުގެ އޮޕަރޭޝަނެއްގައި ކާބޯތަކެއްޗާއި ފެން ނުލިބޭނެކަން އިޒްރޭލުން ދަނީ ކަށަވަރު ކުރަމުންނެވެ.