Advertisement

ބޮޑެތި ކަންކަން ލައިގަތުމުން ރަށުގައި ދަމު ހިނގުން

21 ޖަނަވަރީ 2023 - 09:58 0

ހަސަން ޒަރީރު (ލަގަން)

ހަސަން ޒަރީރު (ލަގަން)

ބ. ތުޅަދޫގެ ރޭގަނޑު މަންޒަރެއް. މި ކުލަ ފޮޓޯ އެ ވަނީ ކަޅާއި ހުދުގެ ފޮޓޯއަކަށް ބަދަލުކޮށްފަ. -- ފޮޓޯ: އަދަދު


ބޮޑެތި ކަންކަން ލައިގަތުމުން ރަށުގައި ދަމު ހިނގުން

21 ޖަނަވަރީ 2023 - 09:58 0

ދަމުހިނގުމަކީ ވެސް ރަށުތެރެ ނާމާންވެ ރޯގާ ބާރުވެ ދަރަހިލުމުން ކޮށްއުޅޭ ކަމެކެވެ. ދަމުހިނގުމަކީ މި ފަދަ ކަންކަމުން ސަލާމަތްވުމަށްޓަކައި އެދި، ކުރާ ދުއާވެރިކަމެކެވެ. ނަމަވެސް މިފަދަ ހާލަތްތަކުގައި ނޫނަސް ދަމުހިނގާ އުޅެނެވެ.

ދަމުހިނގަން ޖެހޭވަރުގެ ކަމެއް ދިމާވެ ދަމުހިނގަންވުމުން، އަވަށް ވަށައިގެން ހުންނަ މަގުތައް ދިލާ ސާފުކޮށް ހަދަ އެވެ. އަދި ރަށުގެ މުހިންމު ހަތަރު އަނގޮޅިތަކުގައި މަންގަނޑު ޖަހައެވެ. މި ކޮންމެ މަންގަނޑެއް ކައިރީގައި ކާޅިވައްޖަހައި މި ކާޅިވައްތައް ނިވުނަނުދީ ބަލަހައްޓާ މީހުން ތިބެން ޖެހެ އެވެ. މި ކަންތައްތައް ކުރަނީ މުރީދު މީހާ ހަވާލު ކުރާ ބައެކެވެ.

ދަމު ހިނގާ ރޭ ފިރިހެން ވެރިން އިޝާ ނަމާދަށް ދަނީ ހުދު މުންޑެއް ނުވަތަ ހުދު ފޮށައެއް އަނދެގެން، ގައިގައި ހުދު ފޮށައެއް އޮޅައިގެންނެވެ. ޢިޝާ ނަމާދުކޮށް ނިމިގެން ސުންނަތްތައް ކުރުމަށްފަހު ޞަލަވާތް ކިޔެވުމަށްފަހު ދަމުހިނގަން ބޭރަށް ނުކުމެ، އެއްސަފަކަށް މީހުން އަތުރާލާނެ އެވެ. އެންމެ ކުރިއަށް ހުންނަނީ މިކަމުގެ މުރީދު މީހާ އެވެ. ދެން އިސްވެރިންނެވެ. ފަހަތަށް ކުޑަކުދިންނެވެ. އަދި ސަފު ފެންނަނުފެންނަ ހިސާބުގައި ފަސް ބަލަހައްޓާ މީހާ ހުންނާނެ އެވެ. ދަމުހިނގައި ނިމޭންދެން ވެސް ފަސްބަލަހައްޓާ މީހާ ހުންނަނީ އެ ދުރުމިނުގަ އެވެ. އަދި ދަމުހިނގަން ފެށީއްސުރެ ދަމުހިނގައި ނިމެންދެން މިސްކިތުގައި އެކަކު އިންނަން ޖެހެ އެވެ. މިސްކިތުގައި އިންނަ މީހާވެސް މެދުނުކަނޑައި ކިޔަވަންޖެހޭ ކިޔެވެލި ކިޔަވަން ޖެހޭނެ އެވެ.

ފަސްބެލެހެއްޓުމާއި މިސްކިތުގައި ކިޔަވަން ތިބޭ މީހުންނަކީ، ބިރުކުޑަ ޖެހިލުން ކުޑަ މީހުންނެވެ. މި ކަންކަމަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭ ކަންތައްތަކެއް ނޫނެވެ. އެއީ މިކަމުގެ ނުރައްކާތެރިކަން ބޮޑުކަމުންނެވެ. މިކަން އާންމުކޮށް މިރަށުގައި (ށ. ކަނޑިތީމު) ކޮށްއުޅުނު މީހުންނަކީ ދޮން ހުސޭނާއި ބޮޑު އާދަންބެ އާއި އަދި ކަޅު އައްޔެވެ. އެ ދުވަސްވަރު މިސްކިތްތައް ހުންނަނީ އަވަށާ މާދުރުގައި ގަބުރުސްތާނުތަކުގެ ތެރޭގަ އެވެ.

ދަމުހިނގަން ނިކުތުމުގެ ކުރީގައި މަންގަނޑުތަކުގެ އިތުރުން ކޮންމެ ގެއެއްގެ ކައިރީގައި އަލިފާން ގަނޑެއް ޖަހަން ޖަހާނެ އެވެ. އެ އަލިފާން ގަނޑު ނިވުނަނުދީ ދަމުހިނގާ ނިމެންދެން ހުރިހާ ގެއަކުން ވެސް ބަލަހައްޓާނެ އެވެ. ރޭގަނޑުގެ ކަނުއަނދިރީގައި, ދަމުހިނގާ މީހުން ހުދު ހެދުމުގައި އަންނައިރު އަލިފާންގަނޑުގެ އަލިއެޅުމުން ފެންނާނީ ވަރަށް ބިރުވެރި ސިފައެއްގައެވެ.

މިސްކިތް ދޮށުން ފެށިގެން ތަކުބީރު ކިޔަމުން ހިނގަމުން އައިސް އަވަށު ވަށައިގެން އޮންނަ މަގު ނިންމާލުމަށްފަހު އަވަށުތެރެއަށް ވަދެ ހަތަރު އަނގޮޅިތަކުގައި ހުރި މަންގަނޑުތަކުގެ ކައިރީގައި މަޑުކޮށް ބަންގި ގޮވާނެ އެވެ. އެއަށްފަހު ތަކުބީރު ކިޔަމުން ދާނީ މިސްކިތް ދޮށަށެވެ. މިސްކިތްދޮށަށް ދެވުމުން އެރޭގެ ދަމުހިނގުން ނިމުނީ އެވެ. މި ގޮތަށް ތިން ރޭ ދަމުހިނގާނެ އެވެ. ތިންވަނަ ރޭ ދަމުހިނގުން ނިންމާލުމަށްފަހު، އަނެއް ދުވަހު ހަވީރު ކަންޒޫރި ދިޔުން އޮންނާނެކަން އަންގަ އެވެ.

ރަށުތެރޭގައި ދަމުހިނގުމުން ރަށުތެރެއިން ރޯގާ ބަލިމަޑުކަން ފިލައިދެ އެވެ. ނާމާންކަމާއި ބިރުވެރިކަންފިލައި އަމާންވެ އެވެ. މި ގޮތަށް ކޮންމެ އަހަރަކުވެސް ދަމުހިނގަމުންއަ އެވެ. ޒަމާނުގެ އޮއިވަރުގައި ދަމުހިނގާ އުޅުނު އުޅުން މިއަދު ވަނީ މި ރާއްޖެ ދޫކޮށް ގޮސް އޮބާލައިފަ އެވެ.

---

ތިޔަ ރަށުގައި ދަމުހިނގި ހެއްޔެވެ؟ އެކަން ކުރީ ކޮން ގޮތަކަށް ހެއްޔެވެ؟ ދިވެހިންނާއި ގުޅިފައިވާ މިފަދަ އާދަކާދަތައް ހިއްސާކޮށް ދެއްވާށެވެ. ދަމު ހިނގުމާ ގުޅޭ ގޮތުން ޝުއޫރެއް އޮތް ނަމަ މި ލިޔުމަށް ކޮމެންޓު ކުރާށެވެ. އަދި މިފަދަ ލިޔުމެއް ހިއްސާ ކުރައްވަން ބޭނުން ވާނަމަ [email protected] އަށް އީމެއިލް ކުރާށެވެ.