ރޭގެ މެޗުގައި ގޯލު ޖެހުމަށް ފަހު ކިއޭސާ އުފާފާޅުކުރަނީ.
ޓިއުރިން (ޖެނުއަރީ 20) - އިޓާލިއަން ކަޕްގެ ގަދަ 16 ބުރުގައި ރޭ މޮންޒާ އަތުން 2-1 އިން ޔުވެންޓަސް މޮޅުވި މެޗުގައި އެ ޓީމުގެ ވިންގް، ފެޑެރީކޯ ކިއޭސާ ޖެހި ލަނޑަކީ ފާއިތުވި 378 ދުވަސް ތެރޭ އޭނާ ޖެހި ފުރަތަމަ ގޯލެެވެ.
އިޓަލީ ގައުމީ ޓީމުގެ ވެސް މުހިންމު ކުޅުންތެރިއެއް ކަމަށްވާ ކިއޭސާ ރޭގެ މެޗުގެ ކުރިން އެންމެ ފަހުން ގޯލެއް ޖެހީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ހަ ވަނަ ދުވަހު އެެވެ. އޭގެ ފަހުން، ކަކުލުގެ ސީރިއަސް އަނިޔާއަކާ ހެދި ކިއޭސާ ވަނީ އޮޕަރޭޝަނެއް ކުރަން ޖެހި ކުޅުމާ ދުރަށް ގޮސްފަ އެވެ. އޭނާ އަލުން ކުޅުމަށް އެނބުރި އައީ މިދިޔަ ނޮވެމްބަރު މަހު ތެރޭގަ އެވެ.
ރޭގެ މެޗުގެ 60 ވަނަ މިނިޓްގައި ކިއޭސާ ކުޅެން އެރިއިރު، ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފަ އެވެ. އޭނާ ވަނީ 78 ވަނަ މިނިޓްގައި ގޯލު ޖަހައި، ޔުވެންޓަސް މޮޅުކޮށްދީ މުބާރާތުގެ ކުއާޓާ ފައިނަލުން އެ ޓީމަށް ފުރުސަތު ހޯދައިދީފަ އެވެ.
ޔުވެންޓަސް ދަނޑުގައި ރޭ ކުޅުނު މެޗުގެ އަށް ވަނަ މިނިޓްގައި އެ ޓީމުން ލީޑުނެގީ މޮއިސް ކީން ޖެހި ގޯލުންނެވެ. މިއީ، ޔުވެންޓަސްގެ ވެސްޓަން މެކްކެނީ ނެގިހުރަހަކަށް އޭރިއާތެރެއިން ހުސްކޮށް އަރައި، ކީން ބޮލުން ޖެހި ގޯލެކެވެ.
މެޗުގެ 24 ވަނަ މިނިޓްގައި މޮންޒާ އަށް އެއްވަރުކޮށްދިނީ މަޓިއާ ވަލޯޓީ ޖެހި ގޯލުންނެވެ. އަންޑްރެއާ ކޮލްޕާނީ ނެގި ކޯނަރަކަށް އަރައި، ވަލޯޓީ ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ދާގަނޑަށެވެ.
ޔުވެންޓަސް މޮޅުކޮށްދިން ގޯލު ކިއޭސާ ކާމިޔާބުކުރިއިރު، މިއީ އިންޑިވިޖުއަލީ މޮޅު ގޯލެކެވެ. އަރިމަތިން ކިއޭސާ އަށް ލިބުނު ބޯޅަ ހިފައިގެން، މޮންޒާ ދެ ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު، އޭރިއާތެރެއިން ގޯލުގެ ދުރު ކަނަށް ކިއޭސާ ބޯޅަ އަމާޒުކޮށްލިއިރު، މޮންޒާ ކީޕަރު، އަލެސިއޯ ކްރާންޔޯ އަށް އެ ހުއްޓުވަން މާ ބޮޑު ކަމެއް ނުކުރެވުނެވެ.
އިޓާލިއަން ކަޕްގެ ކުއާޓާ ފައިނަލުގައި ޔުވެންޓަސް ކުޅޭނީ ލާޒިއޯއާ އެވެ. ގަދަ 16 ބުރުގައި ލާޒިއޯ އިން ވަނީ ބޮލޯނިއާ އަތުން 1-0 އިން މޮޅުވެފަ އެވެ. މެޗުގެ ހަމައެކަނި ގޯލު ޖެހީ ލާޒިއޯގެ ބްރެޒިލް ވިންގް، ފިލީޕޭ އެންޑަސަން އެވެ. މި މެޗު ފެށުމުގެ ކުރިން ވަނީ ކެންސަރު ބަލީގައި ދާދި ފަހުން މަރުވި ބޮލޯނިއާގެ ކުރީގެ ކޯޗު، ސިނީސާ މިހަލޮވިޗްގެ ހަނދާނުގައި ގިނަ ކަންތައްތަކެއް ކޮށްފަ އެވެ. ކުޅުމުގެ ކެރިއަރުގައި މިހަލޮވިޗް ވަނީ ލާޒިއޯއާ އެކު ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ.
Comment