Advertisement

ބާސެލޯނާ ކުއާޓާ އަށް، ރެއާލުން ފަހަތުން އަރައި ވިޔަރެއާލް ކަޓުވާލައިފި

20 ޖަނަވަރީ 2023 - 03:27 0

ލަނޑު ޖެހުމަށް ފަހު ރެއާލްގެ ވިނީޝިއުސް އާއި ސެބާޔޯސް އުފާފާޅުކުރަނީ.


ބާސެލޯނާ ކުއާޓާ އަށް، ރެއާލުން ފަހަތުން އަރައި ވިޔަރެއާލް ކަޓުވާލައިފި

20 ޖަނަވަރީ 2023 - 03:27 0

މެޑްރިޑް (ޖެނުއަރީ 20) - ސްޕެނިޝް ކަޕްގެ ގަދަ 16 ބުރުގައި މިރޭ ތިން ވަނަ ޑިވިޝަންގެ އޭޑީ ކުއޭޓާ އަތުން 5-0 އިން މޮޅުވެ، ބާސެލޯނާ އިން މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރިއިރު، ފަހަތުން އަރައި ވިޔަރެއާލް ދަނޑުގައި އެ ޓީމު އަތުން ރެއާލް މެޑްރިޑް 3-2 އިން މޮޅުވެއްޖެ އެވެ.

ކުއޭޓާ ދަނޑުގައި މިރޭ ކުޅުނު މެޗުގެ 41 ވަނަ މިނިޓްގައި ބާސެލޯނާ އަށް ލީޑުނަަގައިދިނީ އޭރިއާބޭރުން ޖެހި ޝޮޓަކުން ރަފީނިއާ އެވެ.

ރަފީނިއާގެ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިން ބާސެލޯނާގެ މިޑްފީލްޑަރު، ފްރޭންކް ކެސިއޭ ދިން ބޯޅައަކުން، މެޗުގެ 50 ވަނަ މިނިޓްގައި ބާސެލޯނާގެ ރޮބަޓް ލެވަންޑޯސްކީ ވަނީ ބާސެލޯނާގެ ލީޑުފުޅާކޮށްދީފަ އެވެ. ލެވަންޑޯސްކީ ވަނީ ތިރިތިރިން ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

ބާސެލޯނާގެ އަންސޫ ފާޓީ (ކ) އާއި އަލްބާ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.


މެޗުގެ 70 ވަަނަ މިނިޓްގައި އަންސޫ ފާޓީ ބާސެލޯނާގެ ތިން ވަނަ ގޯލު ޖެހީ ޖޯޑީ އަލްބާ ދިން ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ ގޯލުގެ ދުރު ކަނަށް ފޮނުވާލައިިގެންނެވެ. އޭގެ ހަތް މިނިޓް ފަހުން، ކެސިއޭ ބޮލުން ޖެހި ގޯލާ އެކު ބާސެލޯނާ އިން ހަތަރު ލަނޑު ހަމަކުރި އެވެ.

އަދި މެޗުގެ އިތުރު ވަގުތުގައި އެރިކް ގާސިއާ ދިން ބޯޅައަކުން ލެވަންޑޯސްކީ ވަނީ ބާސެލޯނާގެ ފަސް ވަނަ ލަނޑު ޖަހައިފަ އެވެ.

މީގެ 12 ވަރަކަށް ދުވަސް ކުރިން ވިޔަރެއާލުން ސްޕެނިޝް ލީގުގައި ވަނީ 2-1 އިން ރެއާލް ބަލިކޮށްފަ އެވެ. ވިޔަރެއާލުން މިރޭ ސްޕެނިޝް ކަޕް މެޗުގައި ފުރަތަމަ ހާފުގައި ވަނީ ރެއާލް ކޮޅަށް ދެ ގޯލުގެ ލީޑެއްނަގައިފަ އެވެ.

ވިޔަރެއާލް ދަނޑުގައި މެޗުގެ ހަތަރު ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަަގައިދިނީ އެޓިއެން ކަޕޫ ޖެހި ގޯލުންނެވެ. އޭރިއާތެރެއިން ކަޕޫ އަށް ލިބުނު ފުރުސަތުން އޭނާ ވަނީ ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. އަދި މެޗުގެ 41 ވަނަ މިނިޓްގައި ވިޔަރެއާލްގެ ނައިޖީރިއާ ފޯވާޑް، ސެމިއުލް ޗުކުވޭޒީ އަށް އޭރިއާތެރެއިން ލިބުނު ހުސް ފުރުސަތުން އޭނާ ވަނީ ގޯލެއް ޖަހައި، އެ ޓީމަށް ލީޑުފުޅާކޮށްދީފަ އެވެ.

ވިޔަރެއާލްގެ އެޓިއެން ކަޕޫ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ: ރެއާލުން ދެ ވަނަ ހާފުގެ ގޯލުތަކާ އެކު ވިޔަރެއާލް އަތުން ވަނީ މޮޅުވެފައި.


ވިޔަރެއާލްގެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ރެއާލުން ނަތީޖާ އަނބުރާލީ ދެ ވަނަ ހާފުގައި ތިން ގޯލު ޖަހައިގެންނެވެ.

އެ ގޮތުން، މެޗުގެ 57 ވަނަ މިނިޓްގައި ރެއާލްގެ ފުރަތަމަ ގޯލު ޖެހީ ޑެނީ ސެބާޔޯސް ދިން ބޯޅައަކުން ވިނީޝިއުސް ޖޫނިއާ އެވެ. އޭރިއާތެރެއިން ވިނީޝިއުސް އަށް ލިބުނު ބޯޅަ ވަނީ ތިރިތިރިން ގޯލަށް ފޮނުވާލައިފަ އެވެ.

މެޗުގެ 69 ވަނަ މިނިޓްގައި ރެއާލުން އެއްވަރުކުރީ އެޑާ މިލިޓާއޯ ޖެހި ގޯލުންނެވެ. މިއީ، ވިޔަރެއާލްގެ އޭރިއާތެރެއިން ރެއާލްގެ ކަރިމް ބެންޒެމާ ބޮލުން ޖެހި ބޯޅައެއް ވިޔަރެއާލްގެ ކީޕަރު، ފިލިޕް ޔޯގެންސަން އަތުގައި ޖެހިފައި ނުކުތް ވަގުތު، ރީބައުންސް ބޯޅައަކުން މިލިޓާއޯ ޖެހި ގޯލެކެވެ.

ރެއާލް މޮޅުވީ މެޗު ނިމެން ހަތަރު މިނިޓަށް ވެފައިވަނިކޮށް ސެބާޔޯސް ޖެހި ގޯލުންނެވެ. މެޗުގެ 86 ވަނަ މިނިޓްގައި މާކޯ އަސެންސިއޯ ދިން ބޯޅަ އޭރިއާ ރޮނގުކައިރިން ސެބާޔޯސް އަށް ލިބުމުން އޭނާ ވަނީ ތިރީ ކަނަށް އަމާޒުކޮށްލައިފަ އެވެ.

މިއީ ފަހަކަށް އައިސް ދަށް ނަތީޖާތަކުގެ ސަބަބުން ފޯމަށް އަސަރުކޮށްފައިވާ ރެއާލް އަލުން ހަމަޔަކަށް އެޅެން ބަލާއިރު ބޭނުންހިފޭނެ މޮޅެކެވެ. ރެއާލުން އެންމެ ފަހުން، ސްޕެނިޝް ކަޕް ކާމިޔާބުކުރީ 2014 ވަނަ އަހަރު އެވެ.