މާލެ ސަރަހައްދުގައި ދަތުރު ދިއުމަށް ތައްޔާރުކުރި ކުޑަގިރި: ރަށް ހުޅުވަން ވަނީ ތައްޔާރުވެފައި. -- ފޮޓޯ: އެޗްޑީސީ
ތޮއްޖެހިފައި މިއޮތް މާލޭގައި ދިރިއުޅޭ މީހުން ހަފުތާގެ ހާސްކަމުން މިންޖު ވެލަން ދަތުރު ގޮސް ހިތް އުފާ ކޮށްލި ކުޑަބަނޑޮހުގެ ހަނދާންތައް ފިލައެއް ނުދާނެ އެވެ. ނަމަވެސް، އެ ރަށާއި މާލެ ކައިރީގައި އޮތް އެހެން ހުރިހާ ފަޅުރަށަކާއި ފަޅަކާއި ފަރެއް ކުރީގެ ސަރުކާރުން ޑޮލަރަށް ވިއްކާލުމުން ދަތުރު ދިޔުމުގެ އުފަލުން މާލޭގެ ރަށްވެހިންނާއި މާލޭގައި އުޅޭ މީހުން މަހުރޫމުވި އެވެ.
ދުނިޔެމަތީގެ މި ސުވަރުގޭގެ ވެރިރަށުގެ އަހުލުވެރިންނަށް އެ އުފާ ގެނެސްދޭނެ އެނޫން އެހެން މޮޅު ގޮތެއް ނެތުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވީ ފަޅެއް ހިއްކައި ރަށެއް ތައްޔާރު ކުރުމަށެވެ.
އެއީ މާލެއާ ގާތްގަނޑަކަށް 10 ކިލޯމީޓަރު ދުރުގައި، 15 މިނެޓުން ދެވޭ ހިސާބުގައި ފަޅެކެވެ. މިހާރު އެއީ ހިއްކާފައި އޮތް ކުޑަގިރި އެވެ. އެއީ ރައީސް ސޯލިހުގެ ވައުދުތަކުގެ ތެރެއިން ދުޅަހެޔޮ، ހިތް ފަސޭހަ އަދި އިޖުތިމާއީ ގުޅުމާއި ހަމަޖެހުން ދެމެހެއްޓުމާއި، ރައްޔިތުންގެ ނަފުސާނީ ދުޅަހެޔޮކަން އިތުރުކޮށްދިނުމަށް ހިންގާ މަޝްރޫއުއެކެވެ.
އަށް ހެކްޓަރުގެ އެ ރަށް ހިއްކައި، ގޮނޑުދޮށް ތައްޔާރުކޮށް، އިންދި ގަސްތައް ރޯވެ، ބޮޑުވެ ފިނިކަން ފެތުރަމުން އަންނައިރު، ރަށަށް ބޭނުންވާ އެހެން ވަސީލަތްތަކެއް މިހާރު ވަނީ ފުރިހަމައަށް ގާއިމުކޮށްފަ އެވެ. ކަރަންޓާއި ފެނާއި ނަރުދަމާގެ ނިޒާމު ވަނީ ގާއިމުކޮށްފަ އެވެ.
ކުޅިވަރު ކޯޓުތަކާއި ޑޭ ރޫމުތަކާއި ފާހަނާ ބަރި އާއި ޗޭންޖިން ރޫމާއި ނާސިންގ ރޫމް އެބަ ހުއްޓެވެ. ނާސިންގ ރޫމް ގާއިމްކުރެވިފައި ވަނީ ކުޑަކުދިންގެ ނެޕީ ބަދަލުކޮށް، ތުއްތު ކުދިންނަށް ގާތުން ދިނުން ފަދަ ކަންކަން ކުރުމަށް ފަސޭހައިން ބޭނުން ކުރެވޭނެ ގޮތަށެވެ.
މިސްކިތް ވެސް ނިންމައިފި އެވެ. ކްލިނިކަކާއި، ކޮންވީނިއެންސް ސްޓޯރަކާއި ރީޓެއިލް ސްޓޯރެއްގެ އިތުރުން ކެފޭ އަކާއި ޕިކްނިކް ދާ މީހުންނަށް ދޫކުރަން ހާއްސަ 12 ކޮޓަރި އެބަ ހުއްޓެވެ. ރަށުގެ އެކި ސަރަހައްދުތަކުގައި އެކި މިނުގެ އަށިތައް ހުރެ އެވެ. ދަތުރު ގޮސް މަޖާ ކޮށްލަން ގިނަ ކުޅިވަރުތައް ކުޅެވޭނެ ވަސީލަތް އެބަ ހުއްޓެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފު ވިދާޅުވީ މާލެ ސަރަހައްދުގެ ރައްޔިތުން ދަތުރު ގޮސް އުފާކޮށްލަން ޒަމާންތަކަކަށް ބޭނުންކުރަމުން ދިޔަ ކުޑަބަނޑޮސް ގެއްލި ދިއުމުން އެކަން އިއާދަކުރުމަށްޓަކައި ރަށެއް ތަރައްގީ ކުރުމަށް މި ސަރުކާރުން ވީ ވައުދު ފުއްދުމަށްޓަކައި ބުރަ މަސައްކަަތްތަކެއް ދިޔައީ ކުރެވެމުން ކަމަށެވެ.
"އެހާމެ ދިގު އިންތިޒާރަކަށް ފަހު ކުޑަގިރީގެ މަސައްކަތް ނިމިގެން ދިއުން މިއީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" އޭނާ ވިދާޅުވި އެވެ.
މި ރަށުގެ ހިދުމަތްތައް ގާއިމުކުރީ ސަރުކާރުގެ ކުންފުނިތައް ގުޅިގެންނެވެ.
އެ ރަށުގެ އިދާރީ ކަންކަން ހިންގުމަށް އިމާރާތަކާއި ފްރަންޓް އޮފީހެއްގެ އިތުރުން ސެކިއުރިޓީ އޮފީހެއް އެބަ ހުރެ އެވެ. މުޅިރަށް ސީސީޓީވީ ކެމެރާއިން ބެލެހެއްޓޭނެ ގޮތް ވެސް ވަނީ ހަދައިފަ އެވެ.
ކުޑަގިރި: މާލެއާ 10 ކިލޯމީޓަރު ދުރުގައި އޮތް ހިއްކި މި ރަށަށް 15 މިނެޓުން ދެވޭނެ. -- ފޮޓޯ: އެޗްޑީސީ
ބޮޑު ހަރަދެއް ކޮށްގެން ހިއްކައި ތަރައްގީކުރި ކުޑަގިރިޔަށް ދަތުރު ދިޔުމުގެ އިތުރުން އެ ތަނުގައި ކައިވެނި ހަފުލާތަކާއި، އުފަން ދުވަހުގެ ޕާޓީތަކާއި އެހެން ހަރަކާތްތަކާއި ކޯޕަރޭޓް އިވެންޓްތައް ބޭއްވުމަށް ފުރުސަތު އޮންނާނެ ކަމަށް އެޗްޑީސީން ބުނެ އެވެ. އަދި ޓޫރިސްޓުންނަށް ޒިޔާރާތްކުރެވޭނެ އެވެ.
ކުޑަގިރި ހުޅުވާލެވޭއިރު ޕިކްނިކް ދިޔުމަށް ހަދައިފައިވާ އެންމެ ފުރިހަމަ ރަށްކަމުގައި އެރަށް ވެގެންދާނެކަން ޔަގީންކަން އެޗްޑީސީއަށް އެބަ އޮތެވެ. އިހުގެ ދަތުރު ދިއުމުގެ އާދަ އަތްފޯރާ ފަށުގައި އިޔާދަކުރުން ލަހެއް ނުވެ އެ ލިބެނީ އެވެ. ދަތުރު ދިޔުމާއި ގާއިމުކޮށްފައިވާ ވަސީލަތްތަކާއި ހިދުމަތްތަކާއެކު ކުޑަގިރީގައި ލިބޭ އުފާ ބޮޑުވާނެ އެވެ. ކުޑަގިރި މުޅިން ނިންމައި އިއްޔެ ދޫކޮށްލި ވީޑިއޯ އާއި ފޮޓޯއިން ގޮނޑުދޮށުގެ ރީތިކަމާއި، ރަށުގެ ހިތްގައިމު ކަމާއި އުފާވެރިކަން އިހުސާސް ކުރެވެ އެވެ.
0.00%
0.00%
25.00%
75.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment