Advertisement

މެމްބަރު ސިރާޖުގެ ތާއީދު ރައީސް ސޯލިހަށް

19 ޖަނަވަރީ 2023 - 17:54 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު؛ އޭނާ ވަނީ ރައީސް ސޯލިހަށް ތާއީދުކުރަން ނިންމާފައި-- ފޮޓޯ: މަޖިލިސް


މެމްބަރު ސިރާޖުގެ ތާއީދު ރައީސް ސޯލިހަށް

19 ޖަނަވަރީ 2023 - 17:54 0

މި އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީ އަށް ކާމިޔާބުކޮށްދެވޭ ފަދަ ކެންޑިޑޭޓަކާއެކު ނުކުތުން މުހިންމު ކަމަށް ދެކެވަޑައިގަންވާ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ނިންމައިފި އެވެ.

މި މަހުގެ 28 ގައި ބާއްވާ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި ސިރާޖު އެއްވެސް ކެންޑިޑޭޓެއްގެ ފަޅިން ފެނިފައެއް ނުވެ އެވެ.

އެމްޑީޕީ ދެ ފެކްޝަނަކަށް ބެހިފައިވާއިރު، ކުރިން ސިރާޖު ފެނިފައިވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރައްވާ މެމްބަރެއްގެ ގޮތުގަ އެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވެސް ސިރާޖު ތާއިދު ކުރެއްވީ، ނަޝީދު ތާއިދު ކުރެއްވި ކެންޑިޑޭޓު މެމްބަރު އިމްތިޔާޒް ފަހުމީ އަށެވެ. އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް މަގާމުން ދުރުކުރެއްވުމަށް ނަޝީދު އިސްވެ ހިންގެވި ޕެޓިޝަންގައި ވެސް ސިރާޖު ސޮއި ކުރެއްވެވި އެވެ.

ފަޅި ބަދަލުކުރެއްވި ކަން އާންމު ކުރައްވަމުން ކުރެއްވި ޓްވީޓުގައި ސިރާޖު ވިދާޅުވީ "ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދެވޭނެ ކެންޑިޑޭޓަކާއެކު އިންތިހާބަށް ނުކުތުން މުހިންމު ކަމަށް ފެންނާތީ، ދާއިރާގެ ރައްޔިތުންގެ މަޝްވަރާއާއެކު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ތާއީދުކުރުމަށް ނިންމައިފިން," ކަމަށެވެ.

މި ޕްރައިމަރީގައި، ނަޝީދު ފަޅީގައި ކުރިން ތިއްބެވި ބައެއް މެމްބަރުން ވަނީ ސޯލިހަށް ތާއީދު ކުރައްވައިފަ އެވެ. އެއީ އިނގުރައިދޭ ދާއިރާގެ މެމްބަރު ހަސަން އަހުމަދާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް ނަސީމް އަދި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގެވެ.