19 ޖަނަވަރީ 2023 - 09:59 0
19 ޖަނަވަރީ 2023 - 09:59 0
ލަންޑަން (ޖެނުއަރީ 19) - ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު، އިޓަލީގެ އެންޓޯނިއޯ ކޮންޓޭގެ ގާތް ތިން އެކުވެރިއަކު ގާތްގާތުގައި މަރުވެފައިވާތީ، މިއީ ދިރިއުޅުމުގެ ކަންކަމަށް ބަލާއިރު ވެސް ވަރަށް އުނދަގޫ ދުވަސްތަކެއް ކަމަށް ބުނެފި އެވެ.
ކޮންޓޭއާ އެކު ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗިން ސްޓާފުން ތެރޭގައި މަސައްކަތްކުރި، ފިޓްނަސް ކޯޗު، ޖިއަންޕިއޭރޯ ވެންޓްރޯނޭ، މިދިޔަ އޮކްޓޫބަރު މަހު މަރުވިއިރު، މިިދިޔަ މަސް ތެރޭ، ޔޫގޮސްލާވީއާގެ ކުރީގެ ތަރި ސިނީސާ މިހަލޮވިޗް ވަނީ މަރުވެފަ އެވެ. އަދި މީގެ 10 ވަރަކަށް ދުވަސް ކުރިން، އިޓަލީގެ ތަރި، ޖިއަންލޫކާ ވިއާލީ ވެސް ވަނީ މަރުވެފަ އެވެ. ތިން މީހުންނަކީ ވެސް ކޮންޓޭއާ ގާތްގުޅުމެއް އޮތް އުމުރުގެ ގޮތުން ވެސް މާ ބޮޑު ފަރަގެއް ނެތް އެކުވެރިންނެވެ.
ވެންޓްރޯނޭ އާއި މިހަލޮވިޗް އަދި ވިއާލީ ވެސް މަރުވީ ބަލިހާލަތު ގޯސްވެގެންނެވެ.
"މި ސީޒަނަކީ ހަގީގަތުގައި ވަރަށް ގިނަ ގޮތްގޮތުން އަހަންނަށް އުނދަގޫ ސީޒަނެއް، ޓީމުގެ ފޯމު ދަށްވުމާއި އަމިއްލަ ދިރިއުޅުމުގައި ވެސް ކަންތައްތަކެއް ދިމާވެއްޖެ،" ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ސިޓީ ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންޓޭ ބުންޏެވެ.
"އެހާ ކުރު މުއްދަތެއްގެ ތެރޭގައި އަހަރެން ވަރަށް ރަނގަޅަށް ދަންނަ ގާތް ތިން މީހަކު އެހެން ކުއްލިއަކަށް ވަކިވެދިއުމުން އެ ކަންކަމުން އަރައިގަތުމަކީ ފަސޭހަކަމެއް ނޫން. މިއީ އަހަރެން ކުރާ މަސައްކަތުގެ މާހައުލުން ވެސް ގިނަ ފަަހަރުތަކެއްގެ މަތިން ދިމާވި ބައެއްގެ ވާހަަކަ މި ދައްކަނީ، އެހެންވީމަ، މި ކަހަލަ ކަންކަން ދިމާވީމަ ހަގީގަތާ ކުރިމަތިލައިގެން ކުރިއަށްދާން ވަގުތު ނަގާނެ،"
މި ސީޒަނުގެ ނިޔަލަށް ޓޮޓެންހަމްގެ ކޯޗަކަށް ހުރި ކޮންޓޭއާ އެކު އެ ކްލަބުން އިތުރަށް ކުރިއަށްދާނެތޯ މީޑިއާ އިން އަންނަނީ ސުވާލު އުފައްދަމުންނެވެ.
ކޮންޓޭ ބުނީ މީޑިއާގައި ދެކެވޭ ވާހަކަތަކަށް ނުވިސްނާ ކަމަށާއި އޭނާގެ މަސައްކަތަކީ މިހާރު ޓޮޓެންހަމް އަށް ހާސިލްކުރެވޭނެ ކަމަށް ގަބޫލުކުރެވޭ އެންމެ މައްޗަކަށް ޓީމު ގެންދިއުން ކަމަށެވެ.
"އަދިވެސް ޓާގެޓްތަކެއް އެބައޮތް އެ އަށް މަސައްކަތް މި ކުރަނީ. އަހަރެން މި ކްލަބްގައި މި ކުރާ މަސައްކަތާ މެދު ހިތްހަމަނުޖެހޭ ކަމަށް ކްލަބަކުން ނުބުނޭ، އެހެންވީމަ އަހަރެން މި ހުރީ ކުރިއަށްދާން،" ކޮންޓޭ ބުންޏެވެ.
ލީގުގެ ފަސް ވަނައިގައި ޓޮޓެންހަމް އޮތީ ހަތަރެއްގައި އޮތް ނިއުކާސަލް ޔުނައިޓެޑަށް ވުރެ ފަސް ޕޮއިންޓް ފަހަތުގަ އެވެ. މިރޭ ސިޓީ ދަނޑުގައި ޓޮޓެންހަމް މޮޅުވެއްޖެނަމަ އެ ޓީމު ވެގެންދާނީ ޕެޕް ގާޑިއޯލާ ހުރި ޓީމެއް އަތުން ޖެހިޖެހިގެން ތިން މެޗުން މޮޅުވާ ފުރަތަމަ ޓީމަށެވެ.
Comment