about 3 hours 0
about 3 hours 0
ލަންޑަން (ޖެނުއަރީ 16) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާސް އަތުން 2-1 އިން މޮޅުވެެ، އާސެނަލުން ލީގުގެ ދެ ވަނަ އަށް ޖެހިލައި، ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލާ ދެމެދު ޕޮއިންޓުގެ ފަރަގުކުޑަކޮށްފި އެވެ.
ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލަށް ވަނީ 20 މެޗުން 47 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް އާސެނަލަށް 21 މެޗުން 43 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ނޮޓިންހަމް ފޮރެސްޓަށް 21 މެޗުން 41 ޕޮއިންޓް ވަނީ ލިބިފަ އެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ޓޮޓެންހަމް އިން ވަނީ 25 ވަނަ މިނިޓްގައި، ސޮން ހެއުން މިންގެ ގޯލުން ލީޑުނަގައިފަ އެވެ. އާސެނަލުން ނަތީޖާ ހަމަހަމަކުރީ، 40 ވަނަ މިނިޓްގައި ޓޮޓެންހަމްގެ ޑޮމިނިކް ސޮލާންކޭ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. މިއީ، ކޯނަރެއްގައި ޓޮޓެންހަމްގެ ރަޑޫ ޑްރަގޫސިން ބޮލުން ޖެހި ބޯޅައެއް ސޮލާންކޭ ގައިގައި ޖެހިފައި ބައިކޮޅަށް ވަން ގޯލެކެވެ. މި ކޯނަރު ދިން ގޮތާ މެދު ޓޮޓެންހަމް އިން ހިތްހަމަނުޖެހުނީ، ބޯޅަ ބޭރުވީ އާސެނަލްގެ ލެއަންޑްރޯ ޓްރޮސާޑް ގައިގައި ޖެހިފައި ކަމަށްވާތީ އެވެ.
މެޗުގެ 44 ވަނަ މިނިޓްގައި އާސެނަލް މޮޅުވި ގޯލު ޖެހީ ޓްރޮސާޑް އެވެ. މިއީ، ޓޮޓެންހަމްގެ މިޑްފީލްޑަރު، ޔީވްސް ބިސޫމާ އަތުން ގެއްލުނު ބޯޅައެއްގައި ކުރި އެޓޭކެއްގައި ޓްރޮސާޑް ޖެހި ގޯލެކެވެ.
ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑުން ވަނީ 3-0 އިން ވުލްވްސް ބަލިކޮށް، ހަތަރު ވަނަ އަށް ޖެހިލައިފަ އެވެ. ނިއުކާސަލްގެ ލަނޑުތައް ޖެހީ ރަނގަޅު ފޯމެއްގައި ހުރި އަލެކްސަންޑަ އިސާކް ދެ ގޯލާއި އޭނާ ދިން ބޯޅައަކުން އެންތަނީ ގޯޑަން އެވެ.
ހަތަރެއްގައި އޮތް ނިއުކާސަލް އަށް 21 މެޗުން 38 ޕޮއިންޓް ލިބިފައިވާއިރު، ފަސް ވަނައިގައި އޮތް ޗެލްސީ އަށް 21 މެޗުން 37 ޕޮއިންޓް އަދި ހަ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 21 މެޗުން 35 ޕޮއިންޓް ވަނީ ލިބިފަ އެެވެ.
Comment