19 ޖަނަވަރީ 2023 - 03:16 0
ލަނޑު ޖެހުމަށް ފަހު ޕެލަސްގެ ކުޅުންތެރިން އުފާފާޅުކުރަނީ.
19 ޖަނަވަރީ 2023 - 03:16 0
ލަންޑަން (ޖެނުއަރީ 19) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކްރިސްޓަލް ޕެލަސް އިން އިތުރު ވަގުތުގައި ގޯލު ޖަހައި، 1-1 އިން އެއްވަރުކޮށް، މެންޗެސްޓާ ޔުނައިޓެޑް މޮޅުވިޔަނުދީ ހިފަހައްޓައިފި އެވެ.
މި މެޗުން މޮޅުވެގެން ޔުނައިޓެޑަށް ދެ ވަނަ އަށް އެރެން އޮތެވެ. އެކަމަކު އެ ޓީމު އޮތީ ތިން ވަނައިގަ އެވެ. އާސެނަލް އެއް ވަނައިގައި އޮތީ 18 މެޗުން 47 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ސިޓީ އަށް ވަނީ 18 މެޗުން 39 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ޔުނައިޓެޑަށް 19 މެޗުން ވަނީ 39 ޕޮއިންޓް ލިބިފަ އެވެ.
ސެލްހާސްޓް ޕާކުގައި ކުޅުނު މެޗަށް ޔުނައިޓެޑުން ނެރުނު ފުރަތަމަ އެގާރައިގައި ވަނީ އެ ޓީމަށް ޖެނުއަރީ ޓްރާންސްފާގައި ލޯން އެއްބަސްވުމެއްގެ ދަށުން ބަދަލުވި ނެދަލެންޑްސްގެ ފޯވާޑް ވައުޓް ވެގްހޯސްޓް ކުޅެން އަރުވައިފަ އެވެ. ޔުނައިޓެޑުން އަވަސް ކުޅުމަކާ އެކު ހާފު ފެށި ނަމަވެސް ޕެލަސްގެ ކީޕަރު ވިސެންޓޭ ގައީޓާ ޕްރެޝަރަށް ވައްޓާލެވޭ ވަރުގެ ހަމަލާތަކެއް ނުއުފެއްދުނެވެ.
ޕެލަސް އަށް ލީޑުނަގައިދޭން އެ ޓީމުގެ ފޯވާޑް އޮޑްސަން އެޑޮއާޑް، އޭރިއާ ރޮނގުމަތިން ޖެހި ބާރު ބޯޅަ ބޭރުވީ ޔުނައިޓެޑްގެ ކީޕަރު، ޑޭވިޑް ޑެހެއާ އަތުގައި ޖެހިފައި، ހުރަސްދަނޑީގައި ވެސް ޖެހިފަ އެވެ.
ޔުނައިޓެޑުން ލީޑުނެގީ 44 ވަނަ މިނިޓްގައި ބްރޫނޯ ފެނާންޑޭސް ޖެހި ގޯލުންނެވެ. ޔުނައިޓެޑްގެ މާކަސް ރެޝްފޯޑް ހުސްކޮށްލާފައި އޭރިއާތެެރެއިން ކްރިސްޓިއަން އެރިކްސަން އަށް ދިން ބޯޅަ އޭނާ ވަނީ އޭރިއާތެރެއަށް ހުސްކޮށް އެރި، ފެނާންޑޭސް އަށް ހުރަސްކޮށްލައިފަ އެވެ. އެރިކްސަން ދިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ފެނާންޑޭސް ވަނީ ގޯލުގެ ދުރު ކަނަށް ފޮނުވާލައިފަ އެވެ.
ލަނޑު ޖެހުމަށް ފަހު ޔުނައިޓެޑްގެ ކުޅުންތެރިން އުފާފާޅުކުރަނީ.
ދެ ވަނަ ހާފުގައި ބަދަލުތަކެއް ގެނެސްގެން ދެ ޓީމުން ވެސް ގޯލެއް ޖެހޭތޯ ބަލަމުންދިޔައިރު، މި ހާފުގައި ޕެލަސްގެ ކެޕްޓަން މާކް ގޭހީ ބޮލުން ޖެހި ބޯޅައެއް ޔުނައިޓެޑްގެ ކީޕަރު، ޑެހެއާ ވަނީ މަތަކޮށްފަ އެވެ.
ޔުނައިޓެޑްގެ ކަސެމީރޯ ދެ ވަނަ ހާފުގައި ޕެލަސްގެ ވިލްފްރިއެޑް ޒަހާ އަށް ކުރި ފައުލަކަށް އޭނާ އަށް ރަތް ކާޑު ދެއްކިއިރު، މި ކާޑާ އެކު އޭނާ އަށް ވަނީ ފަސް ރީނދޫ ކާޑު ހަމަވެ، ސަސްޕެންޝަނަކާ ކުރިމަތިލާން ޖެހިފަ އެވެ. ކަސެމީރޯ ސަސްޕެންޑްވާނީ އާދިއްތަ ދުވަހު، ޔުނައިޓެޑުން އާސެނަލާ ދެކޮޅަށް ކުޅޭ މެޗަށެވެ.
ޕެލަސް އިން އެއްވަރުކުރީ އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި ހިލޭ ޖެހުމަކުން މައިކަލް އޮލީސޭ ޖެހި މޮޅު ގޯލުންނެވެ. އޭރިއާބޭރުން ޕެލަސް އަށް ލިބުނު ހިލޭ ޖެހުން އޮލީސޭ ވަނީ ހުރަސްދަނޑީގައި ޖައްސާފައި ގޯލަށް ވައްދާލައިފަ އެވެ.
ޔުނައިޓެޑް މޮޅުކޮށްދޭން ކަސެމީރޯ އަށް ހުސް ފުރުސަތެއް ލިބުނެވެ. އެ ގޮތުން ކޯނަރެއްގައި ފެނާންޑޭސް ނެގި ބޯޅައެއް ޖަހަން އެރި ކަސެމީރޯ އަށް ފޮނުވާނުލެވި ފުރުސަތު ގެއްލުނީ އެވެ.
މިއީ މި ފަހަރުގެ ސީޒަނުގައި ޔުނައިޓެޑް ލީޑުނަގާފައި އޮތް މެޗެއްގައި އެ ޓީމަށް މޮޅުނުވެވި ދިޔަ ފުރަތަމަ ފަހަރެެވެ. ޖެހިޖެހިގެން ނުވަ މެޗުން މޮޅުވުމަށް ފަހު ޔުނައިޓެޑްގެ މޮޅުވުމުގެ ސިލްސިލާ އަށް ވެސް މި ވަނީ ނިމުން އަތުވެފަ އެވެ.
Comment