Advertisement

ކޮންޓޭ ވަކިވެއްޖެނަމަ ޓޮޓެންހަމްގެ ޓާގެޓަކީ ޓުޗެލް

18 ޖަނަވަރީ 2023 - 08:35 0


ކޮންޓޭ ވަކިވެއްޖެނަމަ ޓޮޓެންހަމްގެ ޓާގެޓަކީ ޓުޗެލް

18 ޖަނަވަރީ 2023 - 08:35 0

ލަންޑަން (ޖެނުއަރީ 18) - ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗުކަމުން އެންޓޯނިއޯ ކޮންޓޭ ވަކިވެއްޖެނަމަ އެ މަގާމަށް ގެންނަން ޓޮޓެންހަމްގެ ވެރިން އެންމެ ބޭނުންވާ ކޯޗަކީ ކުރިން ޗެލްސީގައި ހުރި، ޖަރުމަނުގެ ކޯޗު، ތޯމަސް ޓުޗެލް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ކޮންޓޭ، ޓޮޓެންހަމާ ހަވާލުވީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އޭރު ކޮންޓޭ ސޮއިކުރި ކޮންޓްރެކްޓްގެ މުއްދަތު އަންނަ ޖޫން މަހުގެ ނިޔަލަށް ހަމަވާނެ އެވެ. އެ ކޮންޓްރެކްޓް އިތުރު އެއް އަހަރަށް އާ ކުރެވޭ ގޮތަށް އޮތް ނަމަވެސް، ފަހަކަށް އައިސް ޓޮޓެންހަމްގެ ފޯމު ދަށްވުމާއި މީޑިއާގައި ކޮންޓޭ ދައްކަމުން އަންނަ ވާހަކަތަކަށް ބަލާއިރު، އޭނާ މާ ގިނަ ދުވަހު އެ މަގާމުގައި ދެމިނުހުންނާނެ ކަމަށް ފުޓްބޯޅަ ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ.

އެންމެ ފަހުން ކޮންޓޭ ދިން އިންޓަވިއުގައި ވެސް ބުނެފައިވަނީ، ކްލަބްގެ ނަތީޖާތަށް ދަށްވާ ދަނޑިވަޅެއްގައި މީޑިއާ އިން އަމާޒުކުރާ ހުރިހާ ސުވާލަކަށް ކޯޗު ޖަވާބު ދިނުމުގެ ބަދަލުގައި ބައެއް ކަންކަމަށް ކްލަބްގެ ވެރިން ވެސް ޖަވާބުދާރީވާން ޖެހޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ކޮންޓޭއާ އެކު ޓޮޓެންހަމަށް ނަތީޖާ ނެރުމުގައި ހައްލެއް ނުލިބިއްޖެނަމަ، އޭނާ މަގާމުން ވަކިވުމަށް ކްލަބްގެ ބޯޑުން ލަފާދޭނެ އެވެ. އަދި ބޯޑުގެ މެޖޯރިޓީ ބޭނުންވަނީ މި ސީޒަނުގައި ޗެލްސީގެ ކޯޗުކަމުން ވަކިކުރި ޓުޗެލް ގެނައުމަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މީގެ ހަތަރު ވަރަކަށް މަސް ކުރިން ޗެލްސީގެ ކޯޗުކަމުން ވަކިކުރި ޓުޗެލް އަދި ހުރީ ވަޒީފާއެއް ނެތި އެވެ. ބަޔާން މިއުނިކްގެ ކޯޗު ހޫލިއަން ނާގަލްސްމަން އަށް ޕްރެޝަރު ބޮޑުވި ވަގުތު، ޓުޗެލް އެ ޓީމާ ހަވާލުވާން އުޅޭ ކަމަށް ވާހަކަ ދެކެވުނެވެ. އޭގެ ފަހުން، ޔުވެންޓަސްގެ ކޯޗު މެސިމޯ އަލެގްރީ އަށް އެ ޓީމާ އެކު ނަތީޖާ ނުނެރެވި ދިޔަ ދުވަސްވަރު، ޔުވެންޓަސް އިން ޓުޗެލް ގެންގޮސްދާނެ ކަމަށް އިޓަލީ މީޑިއާގައި ރިޕޯޓްކުރި އެވެ.

ޖަރުމަނުގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި ޓުޗެލް ދެން ވެސް ފެނުން އެންމެ ގާތީ އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބެއްގެ ބެންޗުންނެވެ. އެހެންކަމުން، ޓޮޓެންހަމްގެ އޮފާއެއް ލިބިއްޖެނަމަ ޓުޗެލް ގަބޫލުކުރުމުގެ ފުރުސަތު އެބައޮތެވެ.