މެންޗެސްޓާ (މާޗް 13) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑް ދަނޑުގައި އެ ޓީމާ 1-1 އިން އެއްވަރުވެ، ލީގުގެ ރޭހުގައި ކުރިއަށްދާން މަސައްކަތް ކުރަމުން އަންނަ އާސެނަލުން ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ އެވެ.
މި ނަތީޖާއާ އެކު، އާސެނަލް އޮތީ ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލަށް ވުރެ އެއް މެޗު މަދުން ކުޅެ، އެ ޓީމަށް ވުރެ 15 ޕޮއިންޓު ފަހަތުގަ އެވެ. ލިވަޕޫލަށް 29 މެޗުން 70 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އާސެނަލަށް ވަނީ 28 މެޗުން 55 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ނޮޓިންހަމް ފޮރެސްޓަށް ވަނީ 28 މެޗުން 51 ޕޮއިންޓް ލިބިފަ އެވެ.
ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑްގައި ކުޅުނު މެޗު ފަށައިގެން އެ ޓީމު ހާފުގެ ތެރޭގައި އާސެނަލުން ބޯޅަ ހިފަހައްޓައިގެން ކުޅެމުންދިޔަ ނަމަވެސް ގޯލެއް ޖެހޭގޮތެއްނުވި އެވެ. މެޗުގެ އޮއެވަރު ދިޔަ ގޮތާ ހިލާފަށް ލީޑުނެގީ ޔުނައިޓެޑުންނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި، ޔުނައިޓެޑަށް ލީޑުނަގައިދިނީ ހިލޭ ޖެހުމަކުން އެ ޓީމުގެ ކެޕްޓަން، ބްރޫނޯ ފެނާންޑޭސް އެވެ.
ދެ ވަނަ ހާފުގައި ޔުނައިޓެޑަށް ލީޑުފުޅާކުރަން ރަނގަޅު ފުރުސަތެއް ލިބުނުއިރު، މެޗުގެ ބޮޑުބައި ރޯދަ ހިފައިގެން ހުރެ ކުުޅުނު މޮރޮކޯގެ ނުސައިރު މަޒްރައޮއީ ޖެހި ބޯޅަ އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ ވަނީ މަތަކޮށްފަ އެވެ.
އާސެނަލުން އެއްވަރުކުރީ މެޗުގެ 74 ވަނަ މިނިޓްގައި ޑެކްލަން ރައިސް ޖެހި ގޯލުންނެވެ. ލީޑުނަގަން އާސެނަލަށް ފަހުން ލިބުނު ފުރުސަތުތަކުގައި ޖެހި ޝޮޓްތައް ޔުނައިޓެޑްގެ ކީޕަރު އަންދްރޭ އޮނާނާ މަތަކުރި އެވެ. އަނެއްކޮޅުން، ޔުނައިޓެޑް މޮޅުކޮށްދޭން ފެނާންޑޭސް ޖެހި ޝޮޓް ކީޕަރު ރާޔާ ވަނީ ހުށިޔާރުކަމާ އެކު މަތަކޮށްފަ އެވެ.
މި ޕޮއިންޓާ އެކު، ޔުނައިޓެޑް ލީގުގެ 14 ވަނައިގައި އޮތީ 28 މެޗުން 34 ޕޮއިންޓާ އެކު އެވެ. ލީގުގެ 13 ވަނައިގައި އޮތީ މިރޭ ބޯންމައުތާ 2-2 އިން އެއްވަރުވި ޓޮޓެންހަމް އެވެ. ޓޮޓެންހަމް އަށް ވަނީ 28 މެޗުން 34 ޕޮއިންޓް ލިބިފަ އެވެ.
ލީގުގައި މިރޭ ޗެލްސީން ވަނީ މާކް ކުކުރޭއާ ޖެހި ގޯލުން 1-0 އިން ލެސްޓާ ސިޓީ ބަލިކޮށްފަ އެވެ. މި މެޗުގައި، ޗެލްސީގެ ކޯލް ޕާމާ އަތުން އޭނާގެ ކެރިއަރުގައި ފުރަތަމަ ފަހަރަށް ޕެނަލްޓީއެއް ވަނީ ނާކާމިޔާބުވެފަ އެވެ. މި މޮޅާ އެކު، ޗެލްސީ ވަނީ ލީގުގެ ހަތަރަކަށް ޖެހިލައިފަ އެވެ. ހަތަރެއްގައި އޮތް ޗެލްސީ އަށް 28 މެޗުން 49 ޕޮއިންޓް ލިބިފައިވާއިރު، ފަސް ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ވަނީ 28 މެޗުން 47 ޕޮއިންޓް ލިބިފަ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment