Advertisement

ޗެނަލް13 ގެ ނޫސްވެރިޔަކު ބަންދުގައި ބަހައްޓާތީ އެމްޖޭއޭގެ ކަންބޮޑުވުން

17 ޖަނަވަރީ 2023 - 21:27 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ޕީޕީއެމް މުޒާހަރާއިން މީހަކު ހައްޔަރުކޮށްގެން ގެންދަނީ؛ ޗެނަލް13 ގެ ނޫސްވެރިޔަކު ބަންދުގައި ބަހައްޓާތީ އެމްޖޭއޭއިން ކަންބޮޑުވުން ފާޅުކޮށްފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ޗެނަލް13 ގެ ނޫސްވެރިޔަކު ބަންދުގައި ބަހައްޓާތީ އެމްޖޭއޭގެ ކަންބޮޑުވުން

17 ޖަނަވަރީ 2023 - 21:27 0

އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކުރަމުން އަންނަ މުޒާހަރާތައް ކަވަރުކުރަން އުޅުމުގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ޗެނަލް 13 ގެ ސީއީއޯ އަދި ނޫސްވެރިޔާ މުހައްމަދު ސަމާހް ކޮންމެ ދުވަހަކު 12 ގަޑިއިރަށް ބަންދުކުރަން ކޯޓުން ޝަރުތުކޮށްފައިވާތީ ނޫސްވެރިންގެ ޖަމިއްޔާއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ، ކޮންމެ ދުވަހެއްގެ އިރުއޮއްސި 6:00 އިން ހެނދުނު 6:00 އަށް ބޭރަށް ދިޔުން މަނާކޮށްފައި އޮންނާތީ ސަމާހުގެ ނޫސްވެރިކަމުގެ މަސްއޫލިއްޔަތަށް ހުރަސް އެޅޭ ކަމަށް އޭނާ ބުނަމުންދާ ކަމަށެވެ.

ރޭގަނޑު ވަގުތު ޗެނަލް 13 ގެ ވަޒީފާ އަދާކުރުމަށް އޮފީހަށް ދިޔުމުގެ ފުރުސަތު ދިނުމަށް ފުލުހުގައި އެދުނު ނަމަވެސް އެ ކަން ވެސް ހަމަޖެހިފައި ނުވާ ކަމަށް ސަމާހު ބުނެ އެވެ. ނޫސްވެރިކަމުގެ މަސްއޫލިއްޔަތަށް ހުރަސް އެޅޭތީ އެ ބަންދު އުވާލުމަށް އެމްޖޭއޭ އިން ގޮވާލާފައިވެ އެވެ.

ސިލްސިލާ ގޮތެއްގައި ކޮންމެ ރެއަކު އިދިކޮޅު ފަރާތްތަކުން ކުރަމުން އަންނަ މުޒާހަރާ ކަވަރުކުރުމުގައި ހަރަކާތްތެރިވާ ޗެނަލް 13 ގެ ނޫސްވެރިންނާ މެދު ތަފާތު ކުރުންތަކެއް ގެންގުޅޭ ކަމަށް ވެސް އެ ޗެނަލްގެ ފަރާތުން އެމްޖޭއޭގައި ބުނެފައިވެ އެވެ.

އިދިކޮޅު ފަރާތްތަކުން މި ފަހުން މާލެ މަގުމަތީގައި ކޮންމެ ރެއަކު މުޒާހަރާ ކުރަމުން އަންނަނީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލަ އެވެ.

ޔާމީން 11 އަހަރުގެ މުއްދަތަކަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 25 ދުވަހު ހުކުމް ކޮށްފަ އެވެ. އެއީ ވ. އާރަށް ކުއްޔަށް ދިނުމުގެ ތެރެއިން، 1.1 މިލިއަން ޑޮލަރުގެ ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑަކުރެއްވި ކަމަށް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހުގަ އެވެ. އޭގެ އިތުރަށް، ރ. ފުއްގިރި މައްސަލާގައި ވެސް އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ދައުވާތައް ކޯޓުން ދަނީ ބަލަމުންނެވެ.