ށ. ކަނޑިތީމު: މިރަށުގައި ތެލާ ހިނގުން ހުއްޓުނީ 1966 ހާ ހިސާބު. -- ފޮޓޯ: އަފޫ ފޮޓޯގްރަފީ
އިހު ދިވެހީންގެ ދިރިއުޅުމަކީ ރީތި ހަމަޖެހޭ ދިރިއުޅުމެއް ނަމަވެސް އެދުވަސްވަރު ވެސް ތަފާތު މައްސަލަތައް ދިވެހީންގެ ކިބައިގައިވެސް ހުއްޓެވެ. މިގޮތުން މީހުންގެ އެއްޗިއްސަށް ގެއްލުން ދިނުމާއި ވައްކަން ކުރުން ފަދަ ކަންތައްތައް ހިނގަމުންދެ އެވެ. މިފަދަ ކަންތައްތައް ކުރުމުން އެކަމެއް ކުރި މީހެއް ހޯދައި، ދޭންވާ އަދަބެއް އޭރުވެސް ދީ އުޅުނެވެ. ތަފާތުވީ އެފަދަ މީހުން ހޯދާ ގޮތެވެ.
މީހަކަށް ނުވަތަ ރައްޔިތުންނަށް ލިބޭ ގެއްލުންތައް ހޯދުމަށް އެކަންކަމަށް ހާއްސަ ކަންވެރިން ލައްވާ ފަންޑިތަ ހެދުމާއި ފާލު ބެލުމާއި ރަމަލު ޖެހުން ފަދަ ކަންކަން ކޮށްގެން އެ މީހަކު ހޯދައި އުޅުނެވެ. މި ގޮތަށްވެސް މީހަކު ނުފެނިއްޖެނަމަ އެންމެފަހުން ކޮށްއުޅޭ ކަމަކީ ތެލާ ހިނގުމެވެ.
ތެލާ ހިނގުމަކީ މީހެއްގެ އެއްޗެއް ގެއްލިގެން ނުވަތަ އެއްޗަކަށް ގެއްލުމެއް ދީގެން އެކަންކުރި މީހަކު ހޯދުމަށްޓަކައި ހިނގާ ހިނގުމެކެވެ. މިކަމަށްޓަކައި ފުޅިއަކަށް ކަރާސީނު ތެޔޮ އެޅުމަށްފަހު އެފުޅި ހިފައިގެން ރަށުގެ ހުރިހާ ގެއަކަށް ހިންގާނީ އެވެ. މިހެން ހިނގާއިރު މި ފުޅީގައި, ގެއެއްގެ އެންމެން އަތް ޖައްސަން ޖެހޭނެ އެވެ. މި ފުޅި ހިފައިގެން އާންމުކޮށް ހިނގަނީ ގެއްލުމެއް ލިބުނު މީހާ އެވެ. ނުވަތަ އޭނަ ފޮނުވާ މީހެކެވެ. މި ފުޅީގައި ހުރިހާ ގެއަކުން ވެސް ކުޑަކުދިން ފިޔަވައި އެންމެން އަތްލަން ޖެހޭނެ އެވެ. ފުޅީގައި މީހަކު އަތްނުލައިފި ނަމަ އެކަން ކުރި މީހާއަކީ މިއީ ކަމަށް ބަލައި ކުށްވެރިވެގެން ދޭންވާ އަދަބެއްދެ އެވެ.
ހުރިހާ ގެއަކަށް ހިނގައި އެންމެންވެސް އެ ފުޅީގައި އަތްލައިފިނަމަ އެ ފުޅި ހަވާލު ކުރަނީ ޒިޔާރަތަށެވެ. އޭރުން އަދި މާގޯސްވީ ކަމަށް ބަލައި މި ހިސާބުން މީހުން އަދި މާ ބިރު ގަންނާނެވެ. ޒިޔާރަތަށް ގެންދިޔަ ތެޔޮފުޅި ބޭނުން ކުރާނީ ޒިޔާރަތު ބައްތި ދިއްލާށެވެ. ދެން އެ ދުވަސްވަރު ރަށުތެރެއިން މީހަކު ބަލި ވެއްޖެނަމަ އެ މީހަކާ އެ ކަމެއް މަތި ކޮށްއުޅެ އެވެ. އެ މީހާ ދައްކާ ވާހަކަ އަޑުއެހުމެއް ނޯންނާނެ އެވެ.
މިކަން މި ރަށުގައި [ށ. ކަނޑިތީމު] ހުއްޓުނު ވަކި ދުވަސްވަރެއް އެނގެން ނެތްކަމަކު އެންމެ ފަހުން ތެލާ ހިނގި ކަމަށް ވަނީ ގާތްގަނޑަކަށް 1966 ހާ ހިސާބުގަ އެވެ. މިކަން ހުއްޓުނު ކަމަށް ފެންނަނީ މީހުން ހޭލުންތެރިވެ މި ފަދަ ކަންކަމަށް އެއްބާރުލުން ދިނުން ކުޑަވުމާ ގުޅިގެންނެވެ.
ރަށުތެރޭގައި ރޯގާ ބާރުވެ ދަރަހިލި ރަށުތެރެ ނާމާންވުމުން ކަންޒޫރީއަށްދެ އެވެ. މިކަމަށްޓަކައި ރަށުގެ ކޮންމެ ގެއަކުން މީހަކު، ފެން ކުރައެއް ހިފައިގެން ރަށުގެ މައި ޒިޔާރަތް ދޮށަށްދެ އެވެ. ދެން މި ފެން ކުރާތައް ޒިޔާރަތް ދޮށުގައި ބަހައްޓައިގެން ކިޔެވެއްޔެއް ކިޔަވާ ދުންބުރުވުމަށްފަހު ގެނެސް ގޭގެ ބަނޑިޔަލަށް އަޅަ އެވެ. އެއަށް ފަހު މި ފެން ބޯން ފެށުމުން އިސާހިތަކު ރަށުތެރެ އަމާންވެ ރޯގާ ބަލިމަޑުކަން ފިލަ އެވެ. ހަމަ މިގޮތަށް ދަނޑުވެރިކަމާއި މަސްވެރިކަން ރަނގަޅު ކުރުމަށްވެސް ފެން ކިޔަވާ ފެން ޖަހަ އެވެ. މީގެ އިތުރުންވެސް ރޯގާ ބަލިމަޑުކަމަށް އެތައްކަމެއް ކޮށްއުޅެ އެވެ. ´
Comment