Advertisement

ތަރައްގީގެ ނަމުގައި މި ސަރުކާރުން ކުޅެނީ އަކުންބަކުން: ނަޝީދު

13 ޖަނަވަރީ 2023 - 11:00 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރޭގެ ޖަލްސާގައި ނަޝީދު ވާހަަކަދައްކަވަނީ: ވިދާޅުވީ ތަރައްގީގެ ނަމުގައި މި ސަރުކާރުން ބޮޑު ސްކޭލެއްގައި ކުޅެނީ އަކުންބަކުން ކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ތަރައްގީގެ ނަމުގައި މި ސަރުކާރުން ކުޅެނީ އަކުންބަކުން: ނަޝީދު

13 ޖަނަވަރީ 2023 - 11:00 0

މި ސަރުކާރުން ތަރައްގީގެ ނަމުގައި ބޮޑު ސްކޭލެއްގައި ކުޅެނީ އަކުން ބަކުން ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރަމަރީގެ އެމަނިކުފާނުގެ ކެމްޕޭނުގެ ތެރެއިން ރޭ ރާޅުގަނޑު ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާ ދެކޮޅަށް ނުކުންނަވާ، ނަޝީދު ދަނީ ރައީސްގެ ގިނަ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުންނެވެ.

އެގޮތުން ރޭގެ ޖަލްސާގައި ނަޝީދު ވިދާޅުވީ ކެމްޕޭނުގައި އެމަނިކުފާނު މިހާތަނަށް ދަތުރުކުރެއްވި ހުރިހާ ރަށެއްގައިވެސް ވެލިފުނިތަކެއް ޖަހާފައި އެބަހުރި ކަމަށާއި، ތަރައްގީގެ ނަމުގައި ސަރުކާރުން ދަނީ ބޮޑު ސްކޭލެއްގައި އަކުން ބަކުން ކުޅެމުން ކަމަށެވެ.

"އަޅުގަނޑު ހިތަށް މި ވަންނަނީ އަތް އަޅަންށޭ ޖެހޭނީ ތަރައްގީ ހޯދަން، ދެން އޭރުން ވަށައިގެން ފުހުނީމާ އަތްދަށުގައި ތަރައްގީ އޮތިއްޔާ ފެންނާނޭ" މަލާމާތުގެ ރާގަކަށް ނަޝީދު ވިދާޅުވި އެވެ.

އަދި އެމަނިކުފާނަށް ދެވުނު އެއްވެސް ރަށެއްގައި މި ތަރައްގީ ގެނައުމަށް މި ސަރުކާރަށް ކަމެއް ވެފައި ނެތް ކަަމަށްވެސް ވިދާޅުވި އެވެ.

"ސަރުކާރުގެ ޝިއާރަކީ އަންނަނީ، އަންނަނީ"

ޖަލްސާގެ ފޯރި ނަންގަވަމުން ނަޝީދު ދެން ފާޑުވިދާޅުވީ މި ސަރުކާރުގެ މަޝްރޫއުތައް ލަސްވަމުން އަންނަ ކަމަށް ވިދާޅުވެ އެކަމަށެވެ. އެގޮތުން މި ސަރުކާރުގެ ޝިއާރަކީ އަންނަނީ، އަންނަނީ ކަމަށް ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި ނަޝީދު، އެމަނިކުފާނުގެ ސަޕޯޓަރުންނާ ސަލާންކުރައްވަނީ -- ފޮޓޯ؛ އަބްދުﷲ އިޔާން / އަދަދު


"އޮލިމްޕަހުގައި އަޅުވާނެ އަންނަނީ، އަންނަނީ، ދެން އަންނަނީ، ދެން އަންނަނީ، މި އަންނަ ކުއާޓަރުގައި އަންނަނީ، އަނެއް ކުއާޓަރުގައި އަންނަނީ، މި ފިލްމެއް ނުއެއް ފެނުނު،" މިހެން ވިދާޅުވެ ނަޝީދުގެ ފާޑުކިޔުން އަމާޒުކުރެއްވީ ސަރުކާރުގެ މަޝްރޫއުތައް ނިމޭނެ ކަމަށް ދެއްވާފައިވާ ތާރީހު ތަކަށެވެ.

މިސާލެއްގެ ގޮތުން ނަޝީދު ނެންގެވީ ނުނިމި ހުރި އޮލިމްޕަހާއި، އެއާޕޯޓު ތަރައްގީ ކުރުމާއި، އަމީނީ މަގު ހެދުމުގެ މަޝްރޫއު އެވެ.

"އަމީނީ މަގުގައި ދެ އަހަރު ވަންދެން ބައްތިއެއް ދިއްލާލައިފައި، ރަތް ދިދައެއް ނަގާފައި، އަންނަނީ އަންނަނީ، އަނެއް ކުއާޓަރުގައި ޖަހާފަ އިންނަ ބޯޑެއް ބައިންދާ ގޮތަށް މިހާރު އެކަން އެ އޮތީ،" ނަޝީދު ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޕްރައިމަރީ ކެމްޕޭނުގެ ތެރެއިން އެކި ރަށްރަށާއި މާލޭގައި ބާއްވާ އެކި ޖަލްސާތަކާއި ބައްދަލުވުންތަކުގައި ނަޝީދު އަންނަނީ ފާޅުގައި ރައީސް ސޯލިހުގެ ސަރުކާރުގެ މަޝްރޫއުތައް ލަސްވަމުންދާ ކަމަށް ވިދާޅުވެ ފާޑުވިދާޅުވަމުންނެވެ.