Advertisement

މާލޭގައި ރެޑްވޭވުގެ މުޅިން އާ ފިހާރައެއް ހުޅުވައިފި

12 ޖަނަވަރީ 2023 - 19:24 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ހެންވޭރުގައި މިއަދު ހުޅުވި ރެޑްވޭވް ފިހާރަ. އެފިހާރަ ހުންނަނީ މަޖީދީ މަގު އެސްޓީއޯ ފާމަސީ ކުރިމަތީގައި -- ފޮޓޯ: އަދަދު


މާލޭގައި ރެޑްވޭވުގެ މުޅިން އާ ފިހާރައެއް ހުޅުވައިފި

12 ޖަނަވަރީ 2023 - 19:24 0

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސުޕަމާކެޓުގެ ވިޔަފާރި ކުރަމުން އަންނަ އެއް ކުންފުނި، ރެޑްވޭވުގެ މުޅިން އާ ފިހާރައެއް މިއަދު މާލޭގައި ހުޅުވައިފި އެވެ.

މަޖީދީ މަގު، ހެންވޭރު ކޮޅުގައި މިއަދު ހަވީރު ރެޑްވޭވް އެކްސްޕުރެސްގެ ނަމުގައި އެފިހާރަ ހުޅުވައިދެއްވީ އެ ކުންފުނީގެ ވެރިޔާ، އަހުމަދު ސަލީމް އެވެ.

ރެޑްވޭވުގެ އާ ފިހާރަ ހުޅުވައިދެއްވުމަށް ފަހު ރެޑްވޭވް ސަލީމް ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: އަދަދު


އެފިހާރަ ހުޅުވައިދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން އޭނާ ވިދާޅުވީ ރެޑްވޭވުގެ އިތުރު ފިހާރައެއް މާލޭގައި ހުޅުވުމަށް ނިންމީ މާދުރަށް ހިނގަން ނުޖެހި ކަސްޓަމަރުން ބޭނުންވާ ހުރިހާ ސާމާނެއް ކައިރިން ލިބޭނެ މަގު ތަނަވަސް ކޮށްދިނުމަށް ކަމަށެވެ.

"މާލޭގައި މިހާރު ދުއްވާ އެއްޗެހި ގިނަވެ، ހިނގާބިނގާވެ އުޅުން މިއޮންނަނީ ދަތި ކަމަކަށް ވެފައި، އެހެންވެ ކައިރި ކައިރީގައި ރެޑްވޭވުގެ ފިހާރަތަކެއް ހުރުމަކީ ކަސްޓަމަރުންނަށް ފަސޭހަ ވާނެ ކަމެއް،" ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ސަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއަންނަ މަސް ނިމުމުގެ ކުރިން ރެޑްވޭވުގެ އިތުރު ދެފިހާރަ މާލޭގައި ހުޅުވުމަށް ނިންމާފައިވާ ކަމަށެވެ. އެއީ ސޯސަން މަގާއި މަޖީދީ މަގުގައި މީގެ ކުރިން އަގޯރާއިން ހިންގަމުން އައި ދެފިހާރަ ހުރި ތަނެވެ.

އެގޮތުން މަޖީދީމަގުގައި ރެޑްވޭވުން ހުޅުވަން ނިންމާފައިވާ ފިހާރައަކީ ހަތަރު ފަންގިފިލާގެ ފިހާރައެއް ކަމަށާއި އެތަނުން ރެޑްވޭވުން ވިއްކާ ހުރިހާ ބާވަތްތަކުގެ މުދާ ވެސް ލިބެން ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަލަށް ހުޅުވި ރެޑްވޭވް އެކްސްޕުރެސް ފިހާރަ -- ފޮޓޯ: އަދަދު


އަލަށް ހުޅުވި ރެޑްވޭވް އެކްސްޕްރެސްއާ އެކު ރެޑްވޭވުން ހިންގާ ފިހާރަތަކުގެ ޖުމްލަ އަދަދު ވަނީ ބާރަ އަށް އަރާފަ އެވެ. އެއީ މާލޭގައި ދިހަ ފިހާރަ އަދި ހުޅުމާލޭގައި ދެ ފިހާރަ އެވެ.

ސަލީމް ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ވެސް ރެޑްވޭވުގެ ފިހާރައެއް ހުޅުވުގެ ޝައުގުވެރިކަން އެބަހުރި ކަމަށެވެ. އެހެންނަމަވެސް އެތަނުގައި ފިހާރައެއް އަދި ހުޅުވިފައި ނުވަނީ ފިހާރަ ހިންގާނެ ބިމެއް މިހާތަނަށް ކުރި މަސައްކަތުން ލިބިފައި ނުވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންނަމަވެސް ކުރިއަށް އޮތް ތަނުގައި ވެސް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެ ކުންފުނީގެ ފިހާރައެއް ހުޅުވުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.