Advertisement

ފަޅުރަށްތައް ވިއްކުމަށް ނިންމުމުގައި އަތޮޅު ކައުންސިލްތައް ބައިވެރިކުރުން މުހިންމު

15 ޖަނަވަރީ 2023 - 09:01 0

އަހުމަދު އާއިދު

އަހުމަދު އާއިދު


ފަޅުރަށްތައް ވިއްކުމަށް ނިންމުމުގައި އަތޮޅު ކައުންސިލްތައް ބައިވެރިކުރުން މުހިންމު

15 ޖަނަވަރީ 2023 - 09:01 0

"ދިވެހިރާއްޖޭގެ ރަސްރަސްކަލުން، ދުވަހަކުވެސް އެބޭފުޅުންގެ ވެރިކަމުގެ ދަށުގައިވާ އެއްވެސް ރަށެއްގެ ބިންބިމާ އެބިންބިމުގައި އުފެއްދޭ ތަކެތީގެ މިލްކުވެރިކަން ބަންޑާރައިން އުނިކޮށް އަމިއްލަ ކުރައްވާފައެއް ނުވެ އެވެ. ދިވެހިރާއްޖޭގެ ބިން ވަނީ ވަކިނުކުރެވޭނެހެން ބަންޑާރަޔަށް މަތިކުރެވިފަ އެވެ."

މިއީ ނ. އަތޮޅުގެ ރަށެއް, އަތޮޅު ކައުންސިލްގެ މަޝްވަރާއާ ނުލައި ވިއްކާލި ކަމަށް ބުނެ ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިކަން އިއުލާނު ކުރަމުން އަތޮޅު ކައުންސިލުން ނެރުނު ބަޔާނުގައި ހިމަނާފައިވާ ބަސްކޮޅެކެވެ. މިއީ އެޗްސީޕީ ބެލް، ދިވެހިރާއްޖޭގެ ބިމާ ގުޅޭ ގޮތުން އޭނާގެ މޮނޮގްރާފުގައި ލިފެޔަފައިވާ ބަސްކޮޅެކެވެ.

ބޭނުމެއް ކަމުގައި ބެލެވެނީ އަތޮޅުގައި ހިމެނޭ ފަޅުތަކާއި ރަށްތަކުގެ ބެލެނިވެރިކަން އަތޮޅު ކައުންސިލަށް ލިބިގެންވާކަން ހާމަ ކުރުމެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން މިހާތަނަށް އަތޮޅު ކައުންސިލްތަކުގެ އިހުތިސާސް ކަނޑައެޅިފައި ނުވާއިރު، ރާއްޖޭގެ ފަޅުރަށްތަކާބެހޭ ގާނޫނާއި ލާމަރުކަޒީ ގާނޫނު ބުނާ ގޮތުން އަތޮޅެއްގައި ހިމެނޭ ފަޅު ރަށެއް ކުއްޔަށް ނުވަތަ ވަރުވާއަށް ދޭނަަމަ އަތޮޅު ކައުންސިލްގެ މަޝްވަރާ ހޯދަންވާނެ އެވެ. ނަމަވެސް އެ މަގުން މަޝްވަރާ ނުކުރާ ކަމަށް ބައެއް ކައުންސިލްތަކުން ތުހުމަތުކުރެ އެވެ.

ނ. އަތޮޅު ކައުންސިލުން ކޯޓަށް

ނ. އަތޮޅުގެ ދެ ރަށެއް ދިގު މުއްދަތަކަށް ޓޫރިޒަމަށް ދޫކުރަން ސަރުކާރުން ކުރާ މަސައްކަތް ހުއްޓުވައިދިނުމަށް އެދި އަތޮޅު ކައުންސިލުން ސިވިލް ކޯޓުށް މައްސަލަ ހުށަހެޅީ މި މަހުގެ އަށް ވަނަ ދުވަހު އެވެ. މި ފަހަރު ހުށަހަޅާފައި ވަނީ ކެނދިވަރު އަދި ދޮނައެރިކަނޑޫދޫގެ މައްސަލަ އެވެ.

މިއީ މިފަދަ މައްސަލައެއްގައި އެ ކައުންސިލުން ކޯޓަށް ދިޔަ ފުރަތަމަ ފަހަރެއް ވެސް ނޫނެވެ. ނ. ތޮޅެންދޫ ކުއްޔަށް ދިނުމުގައި އަތޮޅު ކައުންސިލުން ދިން މަޝްވަރާއާ ސަރުކާރުން ހިލާފުވި ކަމަށް ބުނެ ވެސް ސިވިލް ކޯޓުގައި އެ ކައުންސިލުން ދައުވާ އުފުލި އެވެ. އެ މައްސަލާގައި ސަރުކާރުން އެ ކަން އެ ގޮތަށް ނުކުރެވޭނެ ކަމަށް ސިވިލް ކޯޓާއި ހައި ކޯޓުން ނިންމާފައިވެ އެވެ. އެ މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގަ އެވެ.

މިހާތަނަށް ކޯޓަށް ހުށަހަޅާފައި ނެތް ނަމަވެސް މިފަހުން ވެސް ނ. އަތޮޅުގެ ބޮޑު ފަޅެއް ސަރުކާރުން ވަނީ ވިއްކާލައިފަ އެވެ. އެކަން ވެސް އަތޮޅު ކައުންސިލަށް އަންގާފައިނުވާ ކަމަށް ބަޝީރު ވިދާޅުވި އެވެ.

ރަށްތައް ދޫކޮށްލުމުގައި މަޝްވަރާކުރި ކަމަށް ސަރުކާރުން ބުނާއިރު، ބަޝީރު އެކަން ދޮގުކުރެ އެވެ.

"ރަސްމީ މަޝްވަރާއެއް ވެއްޖިއްޔާ ރެކޯޑު އޮންނާނެތާ، ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިބެ ކުރާ މަޝްވަރާ ލިޔެކިޔުމުން ފެންނަން އޮންނަންވާނެތާ، މިކަމުގައި މަޝްވަރާއެއް ނޯންނާނެ ހިނގާފައެއް،" ނ. އަތޮޅުގެ ރަށްތަކެއް ވިއްކާލި މައްސަލައާއި ގުޅޭގޮތުން "އަދަދު" ނޫހާ ވާހަކަ ދައްކަވަމުން ނ. އަތޮޅު ރައީސް މުހައްމަދު ބަޝީރު ވިދާޅުވި އެވެ.

ނ. އަތޮޅުން އެންމެ ފަހުން ވިއްކާލި ކަމަށް ބުނާ ފަޅުގެ މައްސަލައިގައި ސަރުކާރުން މަޝްވަރާ ނުކުރާ ކަމަށާއި ފަޅު ވިއްކާލިކަން ވެސް އަންގާފައިނުވާ ކަމަށް ބަޝީރު ވިދާޅުވާއިރު ސަރުކާރުން ވަނީ އެކަން ދޮގުކޮށްފަ އެވެ.

އެ މައްސަލައިގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ އެ ކަމުގައި ކައުންސިލާ މަޝްވަރާ ކޮށްފައިވާނެ ކަމަށެވެ. އެގޮތުން އެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށް ކަމަށް ވެސް މިއުވާން ވިދާޅުވި އެވެ.

"ކައުންސިލް ރައީސް ރާއްޖެއިން ބޭރުގައި ހުންނަވާފައި މީޓިންއަށް ޖޮއިން ވެސް ކުރެއްވި، އެހެން ނަމަވެސް ފަހުން މީޓިން ދޫކުރައްވައި ވަޑައިގެންނެވީ،" މިއުވާން ވިދާޅުވި އެވެ.

މިއުވާން އިތުރަށް ފާހަގަ ކުރެއްވީ ނ. އަތޮޅުގެ ކައުންސިލާ މަޝްވަރާ ކުރިކަން ކައުންސިލްގެ އެހެން މެންބަރުންނަށް އެނގިވަޑައިގަންނަވާނެ ކަމުގަ އެވެ.

ގާނޫނު އޮތީ ކިހިނެއް؟

ރަށްތަކުގެ އިން ކަނޑައަޅާފައި އޮތް އިރު ކޮންމެ އަތޮޅެއްގެ އިން ވަކިކޮށް އިހްތިސާސް ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުގައި މަޝްވަރާ ކުރި ނަމަވެސް މިހާތަނަށް އެ މަސައްކަތް ނިމިފައެއްނުވެ އެވެ. ނަމަވެސް ގާނޫނު މިހާރު އޮތް ގޮތުން ވެސް، އަތޮޅު ކައުންސިލުގެ އިހްތިސާސް ނެތް ނަމަވެސް އަތޮޅުގެ ފަޅުރަށެއް ނުވަތަ ފަޅެއް ކުއްޔަށްދޭ ހާލަތުގައި، އަތޮޅު ކައުންސިލްގެ މަޝްވަރާ ހޯދަންޖެހޭނެ އެވެ. ފަހުގެ ނިންމުން ނިންމުމުގެ ބާރު ގާނޫނުން ދީފައި އޮތީ ސަރުކާރަށެވެ.

އެގޮތުން ފަޅު ރަށްރަށާ ބެހޭ ގާނޫނުގެ 11 ވަނަ މާއްދާއަށް މި ފަހުން އިތުރު ކުރި މާއްދާގައި ބަޔާންކޮށްފައިވަނީ "މަސްވެރިކަމުގެ ނުވަތަ ދަނޑުވެރިކަމުގެ ނުވަތަ ސިނާއީ އެހެން ބޭނުމަކަށް އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ތަރައްގީކުރުމަށް ފަޅުރަށެއް ކުއްޔަށް ދޭނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން އެ ސިނާއަތެއް ހިންގާ ބެލެހެއްޓުމުގެ މެންޑޭޓު ތަންފީޒުކުރާ މިނިސްޓްރީއަކުން ނުވަތަ އިދާރާއަކުންނެވެ. އަދި އެފަދަ ރަށެއް ކުއްޔަށް ދިނުމުގެ ކުރިން އެ މިނިސްޓްރީ އަކުން އަތޮޅު ކައުންސިލްގެ މަޝްވަރާ ހޯދަން ވާނެ" ކަމަށެވެ.

އޭގެ އިތުރުން ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން އަތޮޅުގެ ފަޅުތަކާއި ފަޅުރަށްތަކާއި ގުޅޭ ގޮތުން ކައުންސިލާއި ސަރުކާރުން ނިންމާ ނިންމުންތައް ވާންވާނީ އަތޮޅު ރައްޔިތުންގެ ލާބަޔަށް އިސްކަންދީގެން ނިންމާ ނިންމުންތަކަކަށެވެ.

އެ މައްސަލައިގައި ފާޑުކިޔާ ގިނަ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ނ. އަތޮޅު ކައުންސިލުގެ މަޝްވަރާއެއް ނެތި އެ ފަޅު ރަށް ނެގުމަކީ އަތޮޅުގެ ރައްޔިތުންގެ ލާބަޔަށް އިސްކަމެއް ދިނުމެއް ނެތި ކުރި ކަމެކެވެ. އަތޮޅު ކައުންސިލްގެ މަޝްވަރާއެއް މިކަމުގައި ނެތުމުން "އަދަދު" އާ ވާހަކަ ދެއްކި ނ. އަތޮޅުގެ ބައެއް ރައްޔިތުން ވެސް އެގޮތަށް ގަބޫލުކުރެ އެވެ.

އެ މީހުން ކަންބޮޑުވުމަކީ ނ. އަތޮޅުގެ ފަޅެއް ވިއްކައިގެން، މާލޭ ރައްޔިތުންނަށް ގިރާވަރު ހިއްކުމެވެ.

"ނޫނު އަތޮޅުގަ ބޯހިޔާވަހިކަމަށް ބޭނުންޖެހިފައިވާ 1300 އާއިލާ އެބަތިބި. އެމީހުންގެ ހައްގު ނުލިބި އަތޮޅު ވިއްކާ ކައިފަ މާލޭ ގޮޅިއަކަށް މަހާލާ ބޮލުގަ ދަރަންޏެއް ނޭޅުވޭނެ," ބަޝީރު ވިދާޅުވި އެވެ.

އަތޮޅު ކައުންސިލްތައް އެކަހެރިކުރާކަމުގެ ތުހުމަތު

ކުރިން ބުނި ގާނޫނުތައް އެގޮތަށް ހުރި ނަމަވެސް ފަޅުރަށްތައް ކުއްޔަށް ދޭއިރު އަތޮޅު ކައުންސިލްތައް އެކަހެރި ކުރުމުގައި ސަރުކާރުން މައިގަނޑު ތިން އުކުޅެއް ގެންގުޅޭ ކަމަށް ބަޝީރު ތުހުމަތު ކުރައްވަ އެވެ.

އެގޮތުން ފުރަތަމަ އުކުޅެއް ގޮތުގައި އޭނާ ފާހަގަ ކުރެއްވީ ކައުންސިލްތަކާ މަޝްވަރާ ކުރުމަކާނުލައި ރަށްތައް ކުއްޔަށް ދިނުމެވެ. މިސާލެއްގެ ގޮތުގައި ނެންގެވީ މި މަހުގެ ތެރޭގައި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި ދެ ރަށުގެ މައްސަލަ އެވެ.

ދެ ވަނަ އުކުޅެއްގެ ގޮތުން ސަރުކާރުން އަމަލުކުރާ ގޮތް ކަމުގައި ބަޝީރު ފާހަގަކުރެއްވީ ކައުންސިލްތަކާ މަޝްވަރާކުރުމަށް ފަހު އެ މަޝްވަރާތަކާއި ކައުންސިލުން ހުށަހަޅާ ލަފަޔަށް ބެލުމެއް ނެތި ސަރުކާރުން ރަށްރަށް ކުއްޔަށް ދިނުމުގައި އަމަލުކުރުމެވެ. ނ. ތޮޅެންދޫ އަކީ އެގޮތަށް ސަރުކާރުން އަމަލުކުރި އެއް ރަށެވެ. ބަޝީރު އެހެން ވިދާޅުވި ނަމަވެސް ގާނޫނު އޮތްގޮތުން ކައުންސިލްގެ މަޝްވަރާއާ އެއްގޮތަށް އަމަލުކުރުން ސަރުކާރަށް ލާޒިމެއް ނުވެ އެވެ.

ތިން ވަނަ އަށް ބަޝީރު ފާހަގަކުރެއްވީ އެންމެ ފަހުން ނ. އަތޮޅުން ވިއްކާލި ކަމަށް ބުނާ ފަޅުގެ މައްސަލައިގައި ސަރުކާރުން އަމަލުކުރި ގޮތެވެ. އެގޮތުން އެއްވެސް އެންގުމެއް މަޝްވަރާއެއް ނެތި ވިއްކާލުމަށް ފަހު ކައުންސިލްތަކަަށް ވިއްކާލިކަން ވެސް ނޭންގުމެވެ.

ރަށްރަށުގެ އިހުތިސާސްއާ ގުޅޭ މައްސަލަތަކުގައި ސަރުކާރުން އެގޮތަށް އަމަލުކޮށްފައި އެބަހުއްޓެވެ. އެގޮތުން އޮގަސްޓު 30، 2021 ގައި ހއ. ފިއްލަދޫގެ އިހްތިސާސްގެ ތެރޭގައި އޮތް ދައްޕަރުން ނަފާ ހޯދުމަށް ރަށު ކައުންސިލުން ތައްޔާރުވެ ތިއްބާ، އެ ރަށުގެ އިހުތިސާސުން އެ ރަށް ވަކިކުރީ ރަށުގެ ކައުންސިލަށް އެންގުމެއް ނެތި ކަމަށް އެ ކައުންސިލުން ބުނެ އެވެ.

މިފަހުން މި ހުށަހެޅުނު މައްސަލަތަކަށް ފަހު ރައީސް ސޯލިހު ވެސް ވަނީ ނުރަސްމީ ރައްދެއްގެ ގޮތުގައި ސަރުކާރުގެ ނިންމުން ދިފާއު ކުރައްވާފަ އެވެ. ޅ. ކުރެންދޫގައި ހުންނަވައި ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގައި އޮތް އެއްޗަކީ ފަޅު ރަށްތައް ކަމަށާއި އެ ރަށްތައް ތަރައްގީކޮށްގެން ނުވަތަ އެ ތަނުގައި އިންވެސްޓްމެންޓްތައް ގާއިމުކޮށްގެން ނޫނިއްޔާ ރާއްޖޭގެ އިކޮނޮމީއެއް ނުހިފެހެއްޓޭނެ ކަމަށެވެ.

"އެއީ އެކަން ކުރަން ޖެހޭނެ ގޮތް. ރާއްޖޭގައި އޮތް އެއްޗަކީ އެއީ. ފަޅުރަށްތައް ތަރައްގީކޮށްގެން ނޫނިއްޔާ، އެ ތަނުގައި އިންވެސްޓްމެންޓްތައް ގާއިމުކޮށްގެން ނޫނިއްޔާ ރާއްޖޭގެ އިކޮނޮމީއެއް ނުހިފެހެއްޓޭނެ،" ރައީސް ސޯލިހު ވިދާޅުވެފައިވެ އެވެ. "އެހެންވީމާ ރާއްޖޭގައި ހުރި ފަޅުރަށްތައް ވެސް އެބަ ޖެހޭ ވިޔަފާރި އުސޫލުން ތަރައްގީކުރަން. އެ ވިސްނުމުގައި ރިސޯޓްތައް ހެދުމާއި އިންޑަސްޓްރިއަލް ކަންކަން ކުރުމަށް އެ ރަށްތައް ބޭނުން ކުރަން ޖެހޭ."

ނ. އަތޮޅު ކައުންސިލްގެ އަދި މިކަމުގައި ކަންބޮޑުވުން ފާޅުކުރާ ގިނަ ފަރާތްތަކުގެ މައިގަނޑު ކަންބޮޑުވުން ގުޅިފައިވަނީ ވެސް ސަރުކާރުން ފަޅުރަށް ކުއްޔަށް ދޫކުރުމުގައި އަތޮޅު ކައުންސިލްގެ ދައުރާއި ބައިވެރިވުން އިތުރުކުރުމަށް މަސައްކަތް ނުކުރުމާ އެވެ. ސަރުކާރުގެ ފަންނީ އެހީތެރިކަން އިތުރުކޮށް އަތޮޅު ކައުންސިލްތަކަށް މާލީ ނަފާ އިތުރުވާނޭ ގޮތަށް އަތޮޅު ކައުންސިލް މެދުވެރިކޮށް އަތޮޅުގެ ފަޅުރަށްތައް ކުއްޔަށް ދޫކުރެވޭ ގޮތަށް ގާނޫނު އިސްލާހުކުރުމަކީ މި މައްސަލައަށް ހޯދޭނެ ދެމެހެއްޓެނިވި ހައްލެވެ.