Advertisement

ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓު އަދާހަމަކޮށް އަލުން އިއުލާނުކޮށްފި

5 ފެބުރުވަރީ 2025 - 21:58 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު؛ ރާޢްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓު އަދާހަމަ ކޮށްފައި މިވަނީ 24 އަހަރަށްފަހު -- ފޮޓޯ: ރައީސް އޮފީސް


ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓު އަދާހަމަކޮށް އަލުން އިއުލާނުކޮށްފި

5 ފެބުރުވަރީ 2025 - 21:58 1

ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ނަންތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަދާހަމަ ކުރައްވައި އިއުލާނު ކުރައްވައިފި އެވެ.

މިއީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން 2010 ވަނަ އަހަރު އޭރުގެ ރައީސް މުހައްމަދު ނަޝީދު އިއުލާނު ކުރެއްވި، މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓުގެ ފަހުން ރަށްތަކުގެ ނަންތައް އަދާ ހަމަ ކުރެއްވި ފުރަތަމަ ފަހަރެވެ.

މިއަދު ގެޒެޓު ކުރި ލިސްޓުގައި މީހުން ދިރިއުޅޭ ރަށްތަކަށް ބަދަލެއް ރައީސް މުއިއްޒު ގެންނަވައިފައެއް ނުވެ އެވެ. ނަމަވެސް މީގެ ކުރީގެ ވެރިކަންތަކުގައި ގެނެސްފައި ހުރި ބައެއް ބަދަލުތަކާ އެއްގޮތަށް މީހުން ދިރިއުޅޭ ރަށްތަކުގެ ނަންތައް އެމަނިކުފާނު އަދާހަމަ ކުރައްވާފައިވެ އެވެ.

އެގޮތުން 2004 ގައި ސުނާމީއާ ގުޅިގެން ފަޅުވި ދ. ވާނި ކުރިން މީހުން ދިރިއުޅުނު ޅ. ފެލިވަރު ރައީސް މުއިއްޒު ވަނީ މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓުން އުނި ކުރައްވައިފަ އެވެ. އަދި، މީހުން ދިރިިއުޅޭ ރަށްތަކުގެ ލިސްޓުން ލ. ގާދޫ އުނިކުރައްވައި ލ. ކަލައިދޫ ވަނީ އެ ލިސްޓަށް އިތުރު ކުރައްވައިފަ އެވެ.

މިއަދު ގެޒެޓު ކުރި ލިސްޓުގައި ރައީސް ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކަށް ކިޔާ ދިވެހި ނަންތަކާއި އެ ނަންތައް އިނގިރޭސިން ލިޔާނެ ގޮތުގެ އިތުރުން އެ ރަށްތައް ނިސްބަތްވާ އަތޮޅުތަކުގެ ނަންތަކާއި އެ އަތޮޅުތަކަށް ދީފައިވާ ކޯޑުތައް ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ލިޔާނެ ގޮތް ކަނޑައަޅުއްވައި، ހިމަނުއްވައިފަ އެވެ.

އެ ލިސްޓު އާންމު ކުރެއްވުމާއެކު ކުރީގެ ރައީސް ނަޝީދު އިއުލާނު ކުރެއްވި ލިސްޓު އުވުނީ އެވެ.