10 ޖަނަވަރީ 2023 - 16:48 0
މުހައްމަދު އުޝާމް
10 ޖަނަވަރީ 2023 - 16:48 0
އދ. ދަނގެތީ ވިޔަފާރިވެރިޔާ މަހްމޫދް އަބޫބަކުރުގެ އަނިޔާވެރި ގޮތަކަށް މަރައިލި ކަމަށް ކުރިން އެއްބަސްވި ނަމަވެސް މަހްމޫދު މަރާލުމުގައި ބައިވެރިނުވާ ކަމަށް، އެ މައްސަލާގައި މަރުގެ އަދަބު ދިނުމަށް ހުކުމްކޮށްފައިވާ ބަންގްލަދޭޝްގެ ޝާ އޮލަމް މިއާ (ސާލިމް) ހައި ކޯޓުގައި މިއަދު ބުނެފި އެވެ.
ވިޔަފާރިވެރިޔާ މަހްމޫދުގެ ހަށިގަނޑު ފެނުނީ އޮކްޓޯބަރު 13، 2021 ގައެވެ. އޭގެ ކުރީ ރެއިން ފެށިގެން މަހްމޫދުގެ ހަބަރެއް ނުވެގެން އާއިލާއިން އުޅުމުން، ރަށު އެންމެން ނުކުމެ ހޯދަން އުޅުމުގެ ތެރެއިން މަހްމޫދުގެ ހަށިގަނޑު ފެނުނީ އޭނާގެ އުފަންގޭގެ ފެން ވަޅެއް ތެރޭ އޮއްވަ އެވެ. އެ ގެ މިހާރު ހުންނަނީ ފަޅަށެވެ.
ދަށު ކޯޓުން ސާލިމް މަރަން ހުކުމް އިއްވި ނަމަވެސް، މަރުގެ މައްސަލަތަކުގައި ޝަރީއަތުގެ ތިން މަރުހަލާ ފުރިހަމަ ކުރަން ގާނޫނުގައި ލާޒިމުކޮށްފައިވެ އެވެ. އެހެންވެ މި މައްސަލަ ވެސް ކުށް ކުރި ކަން ޔަގީން ކުރަން އަދި ހައި ކޯޓާއި ސުޕްރީމް ކޯޓުގައި ޝަރީއަތް ގެންދަން ޖެހޭނެ އެވެ.
ގާނޫނުގައި އޮންނަ ގޮތުގެ މަތިން، ސާލިމްގެ މައްޗަށް ކޮށްފައިވާ ހުކުމް ޔަގީންކުރުމުގެ ގޮތުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ވަކީލެއް ބޭނުންވާނެތޯ މައްސަލަ ބައްލަވާ ބެންޗުން ސުވާލުކުރުމުން ސާލިމް ވަނީ ކުށަށް އިންކާރުކޮށް ވަކީލަކު ބޭނުންވާ ކަމަށް ބުނެފަ އެވެ.
ބަންްގްލަދޭޝް ބަހުން ދައްކާ ވާހަކަ ތަރުޖަމާ ކުރަން މީހަކު ހުރި ނަމަވެސް ސާލިމް ދިވެހި ބަހުން ވާހަކަ ދައްކަމުން ދިޔަ އެވެ. އަދި އޭނާ ކުރިން ކުށަށް އެއްބަސްވީ، އެ ގޮތަށް އެ ކަން ކުރުމުން ބަންގްލަދޭޝްއަށް ފޮނުވާލާނެ ކަމަށް ތަހުގީގު މަރުހަލާގައި ތަރުޖަމާނު އޭނާ ކައިރީ ބުނެފައި އޮތުމުން ކަމަށް ބުންޏެވެ.
ތަހުގީގު މަރުހަލާގައި، ފުލުހުންނާއެކު ތަރުޖަމާނަކަށް މަސައްކަތް ކުރި މީހަކީ، ދަށު ކޯޓު އަދި ހައި ކޯޓުގައި ވެސް ސާލިމް ދައްކާ ވާހަކަ ޝަރީއަތަށް ތަރުޖަމާކޮށްދޭން އަދި ޝަރީއަތާއި ދައުލަތުން ދައްކާ ވާހަކަ ސާލިމަށް ތަރުޖަމާކޮށްދޭން ގޮސް ހުރި ދިވެހި މީހެކެވެ.
"ހަލީލް ބާއީ ބުނީމަ އަހަރެން އެއްބަސްވަނީ، އޭނާ ބުނަނީ އަހަރެން އޭނާ ބުނާ ގޮތަށް ބުނަނީމަ ފަހުން ބަންގްލަދޭޝް ފޮނުވަނީ، އެކަމު ނުފޮނުވަނީ، އަހަރެން އެ ވައްތަރު ކަންތައް ނުކުރަނީ،" ކުށަށް އިންކާރުކޮށް ވާހަކަ ދައްކަމުން ސާލިމް ބުންޏެވެ.
ދައުލަތުގެ ހަރަދުގައި ވަކީލުން ހަމަޖައްސަން އަމަލުކުރަން ޖެހޭ ގޮތް އޭނާއަށް ޝަރީއަތުން ދެން ސާފުކޮށްދެއްވި އެވެ.
ހައި ކޯޓުގައި މައްސަލަ ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ހަސަން ޝަފީއެވެ. ދެން ތިއްބެވީ ފަނޑިޔާރު މުހައްމަދު ނިޔާޒްގެ އިތުރުން ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment