Advertisement

އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ބިދޭސީންގެ ވަގުތީ ހިޔަލަކަށް ކޮވިޑް ފެސިލިޓީ

9 ޖަނަވަރީ 2023 - 23:43 0

އައިޝަތު އަހުމަދު

އައިޝަތު އަހުމަދު

އަލިފާން ފުރަތަމަ ރޯވި ނީލަން ފިހާރައާ ޖެހިގެން ހުންނަ ސިޓީ ކައުންސިލްގެ ބިދޭސީ މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކު ވެސް އަނދައި ހުލުވެފައި.. ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ބިދޭސީންގެ ވަގުތީ ހިޔަލަކަށް ކޮވިޑް ފެސިލިޓީ

9 ޖަނަވަރީ 2023 - 23:43 0

ނީލަން ފިހާރައިގައި ހިނގި އަލިފާނުގެ ހާދިސާގައި ސިޓީ ކައުންސިލުގައި މަސައްކަތްކުރާ ބިދޭސީންގެ އެކޮމޮޑޭޝަން އަނދައި ހުލިވެފައިވާތީ، އެ މީހުން ބައިތިއްބަން ވަގުތީ ހިޔަލެއްގެ ގޮތުގައި ހުޅުމާލޭގައި ހުރި ކުރިން ކޮވިޑު ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރި އިމާރާތް ހަމަޖައްސައިފި އެވެ.

ރޭ ފަތިހު ނީލަން ފިހާރައިގައި ރޯވި އަލިފާނުގެ ހާދިސާގެ ސަބަބުން ހާލުގައި ޖެހުނު ގާތްގަނޑަކަށް 250 ބިދޭސީން މި ވަގުތު އެމީހުން ތިބީ ޑިޒާސްޓާ މެނޭޖްމަންޓުގެ ފަރާތުން ހަމަޖައްސާފައިވާ ވަގުތީ ހިޔާގަ އެވެ.

"އެއްވެސް އޮޕްޝަނެއް ނުލިބިގެން ހުޅުމާލޭން އަދި ފަރުކޮޅުފުށި ބެލުނު. އެޗްޑީސީން ވިދާޅުވީ ފަރުކޮޅުފުށި ހުރީ ބޭނުންކުރެވޭ ހާލަތެއްގައެއް ނޫނޭ. ވަރަށް ބޮޑަށް ހަލާކުވެފައޭ. އެހެންވީމަ އެންމެ ފަހު އޮޕްޝަނެއްގެ ގޮތުގަ ކޮވިޑް ފެސިލިޓީ އަޅުގަނޑުމެންނަށް ހަމަޖައްސައި ދެއްވި. ޑިޒާސްޓާ މެނޭޖްމަންޓުން އެތަނަށް ގޮދަޑިއާ ހުރިހާ އެއްޗެއް ހަމަކޮށްދެއްވާނެ ކަމަށް،" މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.

އެޗްޑީސީން ބުނީ ޓްރީ ޓޮޕް ހޮސްޕިޓަލް ކައިރީގައި ހުންނަ ކޮވިޑް ފެސިލިޓީގައި ގާތްގަނޑަކަށް 160 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވާ ކަމަށާއި އެ މީހުންނަށް ފާހަނާކޮށް ފެންވެރޭނެ އިންތިޒާމްތައް ވެސް ހަމަޖެހިފާފައިވާ ކަމަށެވެ.

މޭޔަރު މުއިއްޒު ވިދާޅުވީ ހާލުގައި ޖެހުނު ބިދޭސީންނަށް ކެއުންބުއިމުގެ ކަންކަން ހަމަޖައްސައިދޭނީ ސިޓީ ކައުންސިލުން ކަމަށާއި އެމީހުން ކޮވިޑު ފެސިލިޓީއަށް ގެންދިއުމަށް އެމްޓީސީސީގެ ދެ ބަސް ހަމަޖެހިފައިވާ ކަމަށެވެ.

އެ ބިދޭސީން މަހެއް ނުވަތަ ދެމަހެއް ވަރު ވަގުތީ ހިޔާތަކުގައި ތިބެން ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި، ނަމަވެސް، ވީހާވެސް އަވަހަށް ދާއިމީ އެކޮމޮޑޭޝަނެއް ހަމަޖައްސުމަށް މަސައްކަތް ކުރާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.