Advertisement

ރައީސް ސޯލިހު "ރިއެކްޓު ނުކުރެއްވުމަށް" ތައުރީފާއި ފާޑުކިޔުން

9 ޖަނަވަރީ 2023 - 14:09 4

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް ސޯލިހުގެ ދެކަބަލުން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ: ރައީސް އޮފީސް


ރައީސް ސޯލިހު "ރިއެކްޓު ނުކުރެއްވުމަށް" ތައުރީފާއި ފާޑުކިޔުން

9 ޖަނަވަރީ 2023 - 14:09 4

މިހާރު ކުރިއަށްދާ އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި އެންމެ އަޑުހަރުކޮށް ދެކެވޭ އެއް ވާހަކައަކީ، ރައީސް ސޯލިހު "ރިއެކްޓު" ނުކުރައްވާ ވާހަކަ އެވެ. ރައީސްގެ ރިއެކްޝަން ސްލޯވުމާއި އެކަމުން ލިބެނީ ފައިދާތޯ ނޫނީ ގެއްލުންތޯ އަހާ އުފައްދަމުންދާ ސުވާލެވެ. ދެކޮޅުންވެސް ދަނީ ގިނަ ވާހަކަތަކެއް އަޑުހަރުކޮށް އެކި ރަށްރަށުގައި ދައްކަމުންނެވެ.

ރައީސް ސޯލިހާއި ދެކޮޅަށް އެންމެ ފުރަތަމަ "ރިއެކްޓް" ނުކުރައްވައޭ ނުވަތަ ރިއެކްޓު ކުރެއްވުން ސްލޯއޭ ވިދާޅުވެ ފާޑުވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. އެގޮތުން އިދިކޮޅު ރިޔާސީ ޓިކެޓާއި ހަވާލުވެވަޑައިގެންނެވި ޖަލްސާގައި ޔާމީނު ވިދާޅުވީ ގައުމު މިއަދު ވެއްޓިފައިވާ ހާލަތަށް ވެއްޓުމުގެ މައިގަނޑު ސަބަބަކީ ރައީސް ސޯލިހު ކަންކަމާ ރިއެކްޓު ނުކުރުން ކަމަށެވެ.

ނަމަވެސް އެއީ މިކަމުގެ ފެށުމެއް ނޫނެވެ. ރައީސްއަށް އެގޮތަށް ޔާމީން މުހާތަބު ކުރެއްވީ އެމަނިކުފާނުގެ އަބިކަނބަލުން، ފަޒްނާ އަހުމަދު 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު 'މިހާރު' ނޫހަށް ދިން އިންޓަވިއުއެއްގައި ވިދާޅުވި ބަހެއް ބޭނުންކުރައްވައިގެންނެވެ.

ރައީސް ސޯލިހު ވެރިކަމަށް ހޮވި ގިނަ ދުވަސްތަކެއް ނުވަނީސް ފަޒްނާ ދެއްވި މި އިންޓަވިއުގައި ރައީސް ސިފަކުރައްވަނީ ކިހިނެއްތޯ އެހުމުން ވިދާޅުވީ:

"އެހެން ބޭފުޅުންނަށް އަޅުގަނޑަށް ކޮންމެ ގޮތަކަށްވެސް ފެންނާނެ ދެއްތޯ، އަޅުގަނޑަށްވެސް އިބޫ ކައިރިން ކަންނޭގެ އެކަން ދަސްވަނީ، ކަމެއް ދިމާވެއްޖިއްޔާ އިބޫ އެއް ރިއެކްޓެއް ނުކުރައްވާނެ، އެއްބައިމީހުން މީހަކު އެއްޗެއް ބުނާއިރަށް އަނެއްކާ އެއްޗެއް ބުނެއެއްނޫންތޯ، އަވަހަސް އަވަހަށް އެކަމަށް ފިޔަވަޅުއަޅާ ނޫންތޯ. އަޅުގަނޑަށް ފާހަގަކުރެވޭ އިބޫ ރިއެކްޓު ނުކުރައްވާކަން، ފަހަތަށް ޖެހިލައްވާފައި އެކަމާ ދޭތެރޭގައި ވިސްނަވާފައި ނޫނިއްޔާ ހަމަ ވަރަށް ކަމެއް ނުކުރައްވާނެ އިބޫއެއް"

ވެރިކަމަށް ހޮވުމުގެ ކުރިން ޔާމީނުގެ ވެރިކަމުގައި ދިމާވި ބައެއް ކަންކަން ފާހަގަކުރައްވާ ފަޒްނާ އެދުވަހު ވިދާޅުވީ ރައީސް ސޯލިހު ކަން ކަމުގައި ފިޔަވަޅު އެޅުމުގެ ކުރިން ފަހަތަށް ޖެހިވަޑައިގެން ވިސްނަވާ ވާހަކަ އެވެ. އެކަމަށް މިހާރު އެމަނިކުފާނާ ވާދަކުރައްވާ ރައީސް ނަޝީދުގެ އިސް ބޭފުޅުންވެސް މީގެ ކުރިން ވަނީ ތައުރީފުކުރައްވާފަ އެވެ.

ތައުރީފާއި ފާޑުކިޔުން އަންނަނީ ދެ ސަބަބަކާ ހުރެ

ތައުރީފު ކުރައްވާ ބޭފުޅުން ތައުރީފުކުރައްވަނީ ދިމާވާ ދަތި ކަންކަމުގައި، ކަމުގެ ދެކޮޅު ބައްލަވައި ވިސްނަވާފައި މެނުވީ ރިއެކްޓު ނުކުރައްވާ ކަމަށް ވިދާޅުވެ އެވެ. ފާޑުކިޔަމުންދަނީ އެބޭފުޅުން ވިދާޅުވާ ގޮތުންނަމަ ވެރިކަން ކުރުމުގައި "ސްލޯ" ވެ ވެރިކަމުގައި ދިމާވާ ކަންކަމުގައިވެސް ފިޔަވަޅު ނާޅުއްވައި ފަހަތަށް ޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވެ އެވެ.

ކުރިން ތައުރީފު ކުރެއްވި ބޭފުޅުންގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް، އީވާ އަބްދުﷲ އެވެ. އެގޮތުން އީވާ އެ ދުވަހު ވިދާޅުވީ އެ ބޭފުޅުންނާ ދިމާވި މާޔޫސްވާ ދުވަސްތަކުގައިވެސް ރައީސް ސޯލިހު އުންމީދު ކަނޑުއްވައިނުލައްވާ ކަމަށެވެ.

"ކިތަންމެ ކަމެއް ކުރިމަތިވެގެން ދިޔަޔަސް، ސިޔާސީ މަސްރަހު ކިތަންމެ ހަލަބޮލިވެގެން ދިޔަޔަސް، ކިތަންމެ ބިރުވެރިވެގެން ދިޔަޔަސް އިބޫ އަބަދުވެސް އިސްކުރައްވާނީ ވިސްނުން" އީވާ އެ ދުވަހު ވިދާޅުވި އެވެ. ދެން މިސާލު ނެންގެވީ ޔާމީނުގެ ވެރިކަމުގައި އޭރު ސަރުކާރަށް ނިސްބަތްވާ މަޖިލީހުގެ މެންބަރުން ހަމަނުޖެހުން ހިންގި ދުވަހެއްގެ ހާދިސާތަކުންނެވެ. އެގޮތުން ސަރުކާރުގެ މެންބަރުން، އޭރު އިދިކޮޅު މަޖިލިސް ލީޑަރުގެ ގޮތުގައި ހުންނެވި ރައީސް ސޯލިހުގެ ކޮޓަރިކޮޅަށް ވަނުމުން ވެސް ރައީސް މަޑުމަޑުން އިންނެވިކަން ފާހަގަކުރައްވާ ތައުރީފުކުރެއްވި އެވެ.

ނަމަވެސް ކުރިން ބުނެވުނުހެން ތައުރީފާއި ފާޑުކިޔުމުގެ ސަބަބު ވަރަށްވެސް ތަފާތެވެ. 'ރިއެކްޓު' ނުކުރުމަށް ތައުރީފުކުރަނީ ދިމާވާ ހާލަތުގެ ސަބަބުންނެވެ. ރިއެކްޓު ނުކުރުން ގޯސްވެ ފާޑުކިޔާ ކަމަށް އެބޭފުޅުން ވިދާޅުވަނީ އަވަހަށް ފިޔަވަޅު އަޅަންޖެހޭ ކަންކަމުގައިވެސް ފަހަތަށް ޖެހިވަޑައިގަތުމުގެ އުސޫލު ގެންގުޅުއްވާތީ އެވެ.

ނަޝީދުގެ ސީދާ ފާޑުކިޔުމާއި ރައީސްގެ ރައްދު

ޔާމީނުގެ ފާޑުކިޔުމަށްފަހު ދެން ރައީސް ސޯލިހާއި ދެކޮޅަށް "ރިއެކްޓު" ކުރެއްވުން ބޭނުން ކުރެއްވީ ޕްރައިމަރީގެ ވާދަވެރި ކެންޑިޑޭޓު މުހައްމަދު ނަޝީދު އެވެ.

ނަޝީދުގެ ކެމްޕޭން ފެށުމަށް މިދިޔަ މަހުގެ 28 ވަނަ ދުވަހު ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާގައި އެމަނިކުފާނު މަލާމާތުގެ ރާގަކަށް ރައީސް ސޯލިހު ރިއެކްޓު ނުކުރައްވާ ކަމަށް ވިދާޅުވެ ފާޑުވިދާޅުވީ ފާޅުގަ އެވެ.

އެގޮތުން ރައީސް ސޯލިހު ވެރިކަމަށް ވަޑައިގަތުމަށް ވެދެއްވި ގިނަ ވައުދުތައް ނުފުއްދޭކަން ނަޝީދު ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި ހިޔާނާތްތެރިވާ މީހުންގެ މައްސަލަތައް ނުބެެލޭ ކަމަށާއި ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ނުހޯދޭ ކަމަށްވެސް ވިދާޅުވި އެވެ.

"މިއިން އެއްވެސް ކަމެއް ނުވި، ހަމަ ނުވި، [ރައީސް ސޯލިހް] ރިއެކްޓެއް ނުކުރެއްވި، ވެށިފަހި މާލެ ޕްރޮގްރާމަށް ވެސް އެއްވެސް ރިއެކްޝަނެއް ނެތް، އެއް ދަންފަޅީގެ މަދަރުސާތަކަށް ވެސް ނެތޭ ރިއެކްޝަނެއް" ފޯރީގައި ހުންނަވާ ނަޝީދު އެ ރޭ ވިދާޅުވި އެވެ.

ނަޝީދުގެ މި ބަސްތަކަށް ރައީސް ސޯލިހު ރައްދު ދެއްވީ އެ މަނިކުފާނުގެ ކެމްޕޭނުގައި ފުރަތަމަ ފަހަރަށް ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި، މި މަހުގެ ހަތަރު ވަނަ ދުވަހު އެވެ.

އެގޮތުން އިންތިހާބުތަކުގައި ނަޝީދުގެ ނާކާމިޔާބު މާޒީއެއް ވާކަމަށް ވިދާޅުވެ، ނަޝީދުއަށް ރިޔާސީ ޓިކެޓު ނުދޭން ޖެހޭ ސަބަބަކީ އެއީ ކަމަށް ރައީސް އެ ރޭ ވިދާޅުވި އެވެ.

އެމްޑީޕީގެ މައި ހަރުގޭގައި ބޭއްވި އެ ޖަލްސާގައި ރައީސް އިތުރަށް ވިދާޅުވީ ތަރައްގީގެ މަޝްރޫއުތަކާއި ހާއްސަކޮށް އިގުތިސޯދީ ހާލަތާ ގުޅޭގޮތުން ނަޝީދު ދެއްކެވި ބައެއް ވާހަކަތަަކަށް "ރިއެކްޓު" ނުކުރިޔަސް، "ރެސްޕޮންޑު" ކޮށް އޭގެ ހަގީގަތް ހާމަކޮށްދޭންޖެހޭ ކަމަށެވެ.

"ފާޑުކިޔަސް ވަރިހަމަ. ކިތަންމެ ވަރަކަށް ވެސް ފާޑުކިޔަންވީ. އެކަމަކު ރައްޔިތުންނަށް އޮޅުވާނުލައްވަން އަޅުގަނޑު އެދެން،" ވެރިކަމުގައި މިހާތަނަށް ދެއްވި އެންމެ ފޯރި ގަދަ ސްޕީޗުގައި ރައީސް ވިދާޅުވި އެވެ.

ރައީސްގެ އިތުރުންވެސް ނަޝީދުގެ ފާޑުކިޔުމަށް ރައީސަށް ތާއިދުކުރާ ގިނަ ފަރާތްތަކުން އަންނަނީ ރައްދު ދެމުނެވެ. އެގޮތުން އެންމެ ފާހަގަ ކުރެވެނީ ރޭ ރައީސް ސޯލިހުގެ ކެމްޕޭނުން ނ. ވެލިދޫގައި ބޭއްވި ޖަލްސާގައި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ދެއްވި ރައްދެވެ.

ދެހާސް ބާރައިގައި ނަޝީދުގެ ވެރިކަން ބަދަލުވި ގޮތަށް އިޝާރާތް ކުރައްވާ ހިސާން ވިދާޅުވީ ރައީސުން ކުއްލިއަށް ކަންކަމަށް ރިއެކްޓް ކުރުމުގެ ނަތީޖާ ރަނގަޅު ނޫން ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ވެރިކަން ވެސް ވެއްޓިފައިވާ ކަމަށެވެ.

"ރިއެކްޓް" ކުރުމުގައި އަވަސްމިނުގެ ރަނގަޅު ނުރަނގަޅު ބަލާންވާނީ ރިއެކްޓު ކުރަން ޖެހިފައި އޮތް ކަމެއްގެ ބާވަތަށް ބަލައިގެންނެވެ. އެ ލަސްކަމަށްފަހު އަންނަނީ މޮޅު، ފައިދާ ހުރި ނިންމުމެއް ނަމަ ވަގުތުން ރިއެކްޓު ނުކުރެއްވުން ވަރަށްވެސް ރަނގަޅެވެ. އެއާ ހިލާފަށް، އަވަހަށް ރިއެކްޓު ނުކުރެއްވުމުގެ ސަބަބުން ކަންކަން ބޮއްސުން ލައިގެންދާނަމަ އެއީ ގޯހެކެވެ.

ފަޒުނާގެ އިންޓަވިއުގައި ރައީސްގެ މިޒާޖާ ގުޅޭ ގޮތުން ވިދާޅުވި ވާހަކަފުޅަކީ ރައީސްގެ ނިންމެވުންތަކުގެ ހަރުދަނާކަން ސިފަކޮށް ވިދާޅުވި ވާހަކަފުޅެކެވެ. އެހެން ނަމަވެސް އެ ވާހަކައިގެ މާނަ ފުރޮޅާލައިގެން ބޭނުންކުރަމުންދާ ގޮތަށް ބަލާއިރު، މި އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ޓީމަށް އަމާޒުވާ އެންމެ ބޮޑު ފާޑުކިޔުމަކީވެސް ރިއެކްޓު ނުކުރެއްވުން ކަމަށް މިއޮތީ ވެފަ އެވެ.