Advertisement

2026 ގެ ފީފާ ވޯލްޑް ކަޕަށް ވެސް ފްރާންސް ކޯޗަކީ ޑެޝޯމްޕްސް

7 ޖަނަވަރީ 2023 - 16:00 0


2026 ގެ ފީފާ ވޯލްޑް ކަޕަށް ވެސް ފްރާންސް ކޯޗަކީ ޑެޝޯމްޕްސް

7 ޖަނަވަރީ 2023 - 16:00 0

ޕެރިސް (ޖެނުއަރީ 7) - ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު، ޑިޑިއޭ ޑެޝޯމްޕްސްގެ ކޮންޓްރެކްޓް، 2026 ވަނަ އަހަރު އެމެރިކާ އާއި މެކްސިކޯ އަދި ކެނަޑާގައި ބާއްވާ ފީފާ ވޯލްޑް ކަޕްގެ ނިޔަލަށް އާކޮށްފި އެވެ.

ޑެޝޯމްޕްސް، 54، ފްރާންސްގެ ކޯޗުކަމާ 2012 ވަނަ އަހަރުގެ ޖުލައި މަހު ހަވާލުވި ފަހުން، އެ ޓީމުން ވަނީ ހަތަރު ފައިނަލުގައި ކުޅެ ދެ ތަށި ހޯދައިފަ އެވެ. ތަށި ހޯދީ 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ފީފާ ވޯލްޑް ކަޕާއި 2021 ވަނަ އަހަރު ބޭއްވި ޔުއެފާ ނޭޝަންސް ލީގުގެ އެވެ. ޑެޝޯމްޕްސްގެ ކޯޗުކަމުގައި ފްރާންސް އިން ވަނީ 2016 ވަނަ އަހަރުގެ ޔޫރޯ އާއި މިދިޔަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ފައިނަލުން ބަލިވެފަ އެވެ.

މި ފަހަރުގެ ވޯލްޑް ކަޕަށް ފަހު ޑެޝޯމްޕްސް ފްރާންސްގެ ކޯޗުކަމުން ވަކިވާނެ ކަމަށް ވާހަކަ ދެކެވުނު ނަމަވެސް، ފްރާންސްގެ ފުޓްބޯޅަ ފެޑެރޭޝަނާ އެކު ބޭއްވި ބައްދަލުވުމަށް ފަހު ޑެޝޯމްޕްސް ވަނީ އެ ޓީމުގައި މަޑުކުރަން ނިންމައިފަ އެވެ.

ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ފްރާންސްގެ ފުޓްބޯޅަ ފެޑެރޭޝަނުން ބޭނުންވީ 2024 ވަނަ އަހަރު ޖަރުމަނުގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ނިޔަލަށް ޑެޝޯމްޕްސް އަށް ދެ އަހަރު ދުވަހުގެ ކޮންޓްރެކްޓެއް ދިނުމަށެެވެ. އެކަމަކު، ޑެޝޯމްޕްސް އެއްބަސްވީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ނިޔަލަށް ކޮންޓްރެކްޓް މުއްދަތު ހެދުމަށެވެ.

ޑެޝޯމްޕްސް ވަނީ ފްރާންސް ކޯޗެެއްގެ ގޮތުގައި އޭނާ ކޮންޓްރެކްޓް އާ ކުރަން ނިންމިކަން ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުގެ ޖެނެރަލް އެސެމްބްލީގައި އިއުލާނުކޮށްފަ އެވެ.

"ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުން އަހަންނަށް ކުރާ އިތުބާރުގެ ބަދަލު ހެޔޮގޮތުގައި ދޭން ބޭނުން. ފްރާންސް ޓީމު އަބަދުވެސް ކާމިޔާބު ހޯދާތަން ދެކެން ބޭނުން. އެކަން ކުރުމުގެ ޒިންމާއާ ހަވާލުވެ އަހަރެން ހުރުމަކީ ފަހުރެއް،" 1998 ވަނަ އަހަރު ފްރާންސަށް ވޯލްޑް ކަޕް ޗެމްޕިއަންކަން ހޯދައިދިން ކެޕްޓަން، ޑެޝޯމްޕްސް ބުންޏެވެ.

ޑެޝޯމްޕްސް ހަވާލުވި ފަހުން ފްރާންސް ކުޅުނު 139 މެޗުގެ ތެރެއިން 89 މެޗުން މޮޅުވި އެވެ. އޭގެ ތެރެއިން 26 މެޗު އެއްވަރުވިއިރު، 24 މެޗުން ވަނީ ބަލިވެފަ އެވެ.