Advertisement

ޔުއެފާގެ ރައީސް ކަމަށް ކުރިމަތިލީ ޗެފެރިން އެކަނި، ތިން ވަނަ ދައުރެއް ކަށަވަރުވެއްޖެ

7 ޖަނަވަރީ 2023 - 15:05 0


ޔުއެފާގެ ރައީސް ކަމަށް ކުރިމަތިލީ ޗެފެރިން އެކަނި، ތިން ވަނަ ދައުރެއް ކަށަވަރުވެއްޖެ

7 ޖަނަވަރީ 2023 - 15:05 0

ޕެރިސް (ޖެނުއަރީ 7) - ޔުއެފާގެ ރައީސްގެ މަގާމަށް ކުރިމަތިލެއްވީ މިހާރު ވެސް އެ މަގާމުގައި ހުންނެވި ސްލޮވީނިއާގެ އަލެކްސަންޑަ ޗެފެރިން ކަމަށް ޔުއޭފާ އިން އިއްޔެ އިއުލާނުކޮށްފައިވުމާ އެކު، އޭނާ އަށް، ތިން ވަނަ ދައުރެއް ކަށަވަރުވެއްޖެ އެވެ.

ޗެފެރިން، ތިން ވަނަ ދައުރަކަށް ޔުއެފާގެ ރައީސްގެ މަގާމު ކުރައްވާނެކަން ކަށަވަރުވެފައިވާއިރު، 2019 ވަނަ އަހަރު ދެ ވަނަ ދައުރަކަށް ވެސް އޭނާ ހޮވުނުއިރު، ވާދަކުރާނެ ކެނިޑޭޓެއް ނެތެވެ. ސްލޮވީނިއާގެ ގާނޫނީ ވަކީލެއް ކަމަށްވާ ޗެފެރިން ،55، ޔުއޭފާގެ ރައީސްގެ މަގާމަށް އެންމެ ފުރަތަމަ އިންތިހާބުވެވަޑައިގަތީ 2016 ވަނަ އަހަރު އެވެ.

ދެ ވަނަ ދައުރުގައި، ޗެފެރިން، ޔޫރަޕްގެ ބޮޑެތި ކްލަބުތަކާ ވަނީ މައްސަލަތަކެއް ޖެހިފަ އެވެ. ހާއްސަކޮށް، ޔޫރަޕްގެ ބޮޑެތި ބައެއް ކްލަބުތަކުން ޔުއޭފާއާ ވަކިވެ، ހަދަން މަސައްކަތްކުރި ސުޕަ ލީގާ އެކު، ޗެފެރިން އާއި ޔޫރަޕްގެ ބައެއް ބޮޑެތި ކްލަބުތަކާދެމެދު ވަނީ މައްސަލަތަކެއް އުފެދިފަ އެވެ.

ސުޕަ ލީގު ހެދުމަށް ޔޫރަޕްގެ ބޮޑު 12 ކްލަބަކުން 2021 ވަނަ އަހަރު ކުރި މަސައްކަތްތައް ނާކާމިޔާބުވީ ސަޕޯޓަރުންނާއި އިދާރާތަކާއި ސަރުކާރުތަކުގެ ފިއްތުންތަކާ ގުޅިގެންނެވެ.

އެކަމަކު ޔުވެންޓަސް އާއި ބާސެލޯނާ އަދި ރެއާލް މެޑްރިޑުން އަދިވެސް ސުޕަ ލީގުގެ ޕްރޮޖެކްޓް ދުލެއްނުކުރެ އެވެ. ޔުއޭފާ އާއި ފީފާއާ ދެކޮޅަށް ޔޫރަޕިއަން ކޯޓް އޮފް ޖަސްޓިސް އަށް ހުށަހަޅާފައިވާ މައްސަލަ ފީފާ އާއި ޔުއޭފާއާ ދެކޮޅަށް ނިމޭނެ ކަމަށް މި ކްލަބުތަކުން ގަބޫލްކުރެއެވެ.