Advertisement

ރ. އަތޮޅުގެ ދެކުނު ބިތުގައި އަޅާ އެއާޕޯޓުގެ މަސައްކަތް އަވަސްކޮށްދޭން އެދިއްޖެ

5 ޖަނަވަރީ 2023 - 19:23 0

އައިޝަތު އަހުމަދު

އައިޝަތު އަހުމަދު

ރައީސް ސޯލިހު ރ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކައުންސިލާ އެކު ބޭއްވި ބައްދަލުކުރެއްވުން


ރ. އަތޮޅުގެ ދެކުނު ބިތުގައި އަޅާ އެއާޕޯޓުގެ މަސައްކަތް އަވަސްކޮށްދޭން އެދިއްޖެ

5 ޖަނަވަރީ 2023 - 19:23 0

ރ. އަތޮޅުގެ ދެކުނު ބިތުގައި އަޅާ އެއާޕޯޓުގެ މަސައްކަތް އަވަސްކޮށްދޭން ރައީސް ސޯލިހުގެ އަރިހުގައި އެ އަތޮޅު ކައުންސިލުން އެދިއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރ. އަލިފުއްޓަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ވަނީ އެ އަތޮޅު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންނާ ބައްދަލު ކުރައްވައިފަ އެވެ.

ރ. އަލިފުށީގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ އެ އަތޮޅުގައި ކުރުމަށް ހަމަޖެހިފައިވާ ބައެއް ކަންތައްތަކާ ގުޅޭގޮތުން ރައީސް އާ މަޝްވަރާކުރައްވާފަ އެވެ.

އެގޮތުން ރ. އަތޮޅު ކައުންސިލުން ވަނީ އަތޮޅުގެ ރަށް ރަށަށް ބޭނުންވާ އުމްރާނީ އަދި އިޖްތިމާއީ ތަރައްގީއާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ކަރުދާހެއް ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރ. އަތޮޅު ކައުންސިލުން ފާހަގަކުރެއްވި މުހިއްމު ބައެއް ކަންކަމުގެ ތެރޭގައި، ރ. އަތޮޅުގެ ދެކުނު ބިތުގައި އަޅާ އެއާޕޯޓުގެ މަސައްކަތް އަވަސްކުރުމާއި، ރ. ވަންދޫ ރީޖަނަލް ވޭސްޓް މެނޭޖްމެންޓް ސެންޓަރުގައި ފައިބަރު ކުނި ނައްތާލެވޭނެ ގޮތް ހެދުމާއި، ރ. އަތޮޅުގެ ރަށްރަށުގެ ރައްޔިތުންނަށް ޕިކްނިކް ދިޔުމަށް ތިން ރަށެއް ކަނޑައެޅުން ހިމެނެ އެވެ.

މީގެ އިތުރުން، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ހިންގޭ މަޝްރޫއުތައް އިތުރަށް ހަލުވި ކުރަންޖެހިފައިވާކަމަށާއި، ތާރީހީ ރަށެއްގެ ގޮތުގައި ރ. ކަނދޮޅުދޫ ތަރައްގީކުރުމަށް، ރ. ކަނދޮޅުދޫ އަތޮޅު ކައުންސިލާއި ހަވާލުކޮށްދެއްވުމަށް، ރ. އަތޮޅު ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދަންނަވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ރ. އަތޮޅު ކައުންސިލާއި ބައްދަލުކޮށްލެއްވުމުގެ ބޭނުންފުޅަކީ ވެސް އަތޮޅުގައި މިހާރު ހިންގޭ މަޝްރޫއުތަކާއި ރޭވިފައިވާ މަޝްރޫއުތައް ހިންގުމުގައި ކައުންސިލާއި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުން ކަމަށެވެ. އަދި، މި ބައްދަލުވުމުގައި ކައުންސިލަރުން ފާޅުކުރެއްވި ހިޔާލާއި ދެއްވި މަޝްވަރާއަށް ރައީސް ޝުކުރު އަދާކުރެއްވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، ރ. އަތޮޅު ދެކުނު ބިތުގައި އެއާޕޯޓެއް އަޅުއްވައި ދެއްވާނެ ކަމަށާއި، އެކަމާ ގުޅިގެން މިހާރު ނުނިމި އޮތް ކަމަކީ، އެއާޕޯޓް އަޅާނެ ތަނެއް ކަނޑައެޅުމުގެ މައްސަލަ ކަމަށެވެ.