5 ޖަނަވަރީ 2023 - 12:06 0
ވޯލްޑް ކަޕަށް ފަހު މެސީ ޕީއެސްޖީގެ ފަރިތަކުރުންތަކަށް ގުޅުމުން އޭނާ އަށް ކްލަބްގެ ކުޅުންތެރިންނާއި ސްޓާފުން މަރުހަބާ ކިޔަނީ.
5 ޖަނަވަރީ 2023 - 12:06 0
ޕެރިސް، ފްރާންސް (ޖެނުއަރީ 5) - އާޖެންޓީނާއާ އެކު ފީފާ ވޯލްޑް ކަޕްގެ ތަށި ކާމިޔާބުކުރި ކެޕްޓަން ލިއޮނަލް މެސީ އަށް ޕީއެސްޖީގެ ސަޕޯޓަރުންގެ ފަރާތުން ހޫނު މަރުހަބާއެއް ކިޔާނެ ކަމަށް އުއްމީދު ކުރާކަމަށް ޕީއެސްޖީގެ ކޯޗު ކްރިސްޓޮފް ގަލްޓިއޭ ބުނެފި އެވެ.
ފްރާންސް ބަލިކޮށް އާޖެންޓީނާ އިން ފީފާ ވޯލްޑް ކަޕްގެ ތަށި އުފުލާލީ މިދިޔަ މަހުގެ 18 ގަ އެވެ. އޭގެ ފަހުން ކުރު ޗުއްޓީއެއް ހޭދަކޮށްފައި މެސީ ވަނީ މިހާރު ޕީއެސްޖީގެ ފަރިތަކުރުންތަކަށް ނުކުމެފަ އެވެ.
މެސީ އެނބުރި އޭނާގެ ކުލަބު ފްރާންސްގެ ޕީއެސްޖީ އަށް އައުމުން ޓީމުގެ ހުރިހާ މެންބަރުންގެ ފަރާތުން ވަނީ އޭނާ އަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ. އޭނާގެ ޝަރަފްގައި "ގާޑް އޮފް އޮނާ" އެއް އަރުވާފައިވާއިރު، ހާއްސަ ޓްރޮފީއެއް ވެސް މެސީ އަށް ވަނީ ދީފަ އެވެ.
ވޯލްޑް ކަޕަށް ފަހު ޕީއެސްޖީއަށް ކުޅޭ ފުރަތަމަ މެޗަށް ވާނެކަމަށް ބެލެވެނީ ފްރެންޗް ކަޕްގައި ރަށުން ބޭރުގައި ޗެޓިއޮރޮކްސްއާ ދެކޮޅަށް ކުޅޭ މެޗެވެ. އަމިއްލަ ދަނޑުގައި ޕީއެސްޖީ ދެން ކުޅޭނެ މެޗަކީ ފްރެންޗް ލީގުގައި އަންނަ ބުދަ ދުވަހު އެންގާސްއާ ދެކޮޅަށް ކުޅޭ މެޗެވެ.
ޕީއެސްޖީން މެސީގެ ވޯލްޑް ކަޕް ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން އޭނާ އަށް ދިން އަގުވަޒަންކުރުމުގެ ޓްރޮފީ ހިފައިގެން.
މި މެޗުގެ ކުރިން ޕީއެސްޖީގެ ސަޕޯޓަރުންގެ ކުރިމަތީގައި ފީފާ ވޯލްޑް ކަޕްގެ ތަށި ދައްކާލަން އާޖެންޓީނާގެ ލިއޮނަލް މެސީ ބޭނުންވި އެވެ. ނަމަވެސް އެކަމަށް ޕީއެސްޖީ ދެކޮޅު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
އަނެއްކޮޅުން، ޕީއެސްޖީން މެސީ އަށް މަރުހަބާ ކިއުމަށް ބޭއްވި އިވެންޓް އޮތް ދުވަހު، ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ އަމިއްލަ ސަބަބަކާ ގައުމީ ޓީމުން ޗުއްޓީއެއް ނަގާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެމްބާޕޭ ވަނީ ވޯލްޑް ކަޕްގެ ފައިނަލް ނިމުނުތާ ތިން ދުވަސް ފަހުން، ޕީއެސްޖީގެ ފަރިތަކުރުންތަކަށް ނުކުމެފަ އެވެ.
މެސީ އަކީ އޭނާ އަށް ގައުމީ ޓީމުގައި ލިބޭ ކާމިޔާބީތަކާއި ކުލަބު ލެވެލްގައި ލިބޭ ކާމިޔާބީތައް ވެސް ފާހަގަކުރުމުގެ ގޮތުން ޓްރޮފީތައް ސަޕޯޓަރުންނަށް ދައްކާލާ ކުޅުންތެރިއެކެވެ. ނަމަވެސް ވޯލްޑް ކަޕް ކާމިޔާބު ކުރުމަށްފަހު ފްރާންސްގެ ސަޕޯޓަރުންނާއި ކުޅުންތެރިންނަށް މަލާމާތް ރައްދުވާ ގޮތަށް އާޖެންޓީނާ ޓީމުގެ ބައެއް ކުޅުންތެރިން އުފާފާޅުކޮށްފައިވާތީ މަސްލަހަތަށް ބަލައި، ޕީއެސްޖީ އިން މެސީ އަށް އެ ފުރުސަތު ދޭން ދެކޮޅެވެ.
ޕީއެސްޖީގެ ކޯޗު ކްރިސްޓޮފް ގަލްޓިއޭ ބުނީ ގައުމީ ޓީމުގައި ކޮންމެ ގޮތަކަށް ކަންތައްތައް ހިނގާފައިވީ ނަމަވެސް ކުލަބުގެ ސަޕޯޓަރުން މެސީ އަށް ޗެމްޕިއަނެއްގެ އިހުތިރާމް ދޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ގަލްޓިއޭ، މި ގޮތަށް ބުނެފައި މި ވަނީ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދުމަށް ފަހު އެނބުރި ކުލަބަށް އައި ބައެއް ކުޅުންތެރިންނަށް ބައެއް ކުލަބުތަކުގެ ސަޕޯޓަރުންގެ ފަރާތުން އެކަށީގެންވާ ތަރުހީބެއް ނުލިބި މީޑިއާގެ ސަމާލުކަމަށް އައިސްފައިވާ ދަނޑިވަޅެއްގަ އެވެ.
އެ ގޮތުން އާޖެންޓީނާ އާއިއެކު ވޯލްޑް ކަޕް ކާމިޔާބުކުރި ތިން ކުޅުންތެރިންކަމަށްވާ އެންހެލް ކޮރެއާ، ރޮޑްރިގޯ ޑެ ޕޯލް އަދި ނަހުއެލް މޮލީނާ އަށް އެތުލެޓިކޯ މެޑްރިޑުގެ ސަޕޯޓަރުންގެ ފަރާތުން މާ ބޮޑު ތަރުހީބެއް ލިބިފަ އެއް ނުވެ އެވެ.
ގެލްޓިއޭ ބުނީ ޕީއެސްޖީގެ ސަޕޯޓަރުންނަކީ ނަމޫނާ ބައެއް ކަަމަށާއި، ފްރާންސްގެ ކުލަބަކަށް ޕީއެސްޖީ ވި ކަމުގައި ވިޔަސް މެސީ ކަހަލަ ކުޅުންތެރިއަކަށް އެ އިހުތިރާމް ލިބޭނެ ކަމަށް އުއްމީދު ކުރާކަމަށެވެ.
ފްރާންސްގެ ސަޕޯޓަރުންގެ ފަރާތުން މެސީ އަށް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވީ ވޯލްޑް ކަޕްގެ ކާމިޔާބީ ފާހަގަކުރުމަށް ކުރިއަށް ގެންދިޔަ އުފާފާޅުކުރުންތަކުގެ ތެރޭގައި އާޖެންޓީނާގެ ކުޅުންތެރިން ފްރާންސްގެ ކުޅުންތެރިންނާ ސަޕޯޓަރުންނަށް މަލާމާތް ކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ކަންތައްތަކާ ދެކޮޅަށް އޭނާ އެއްވެސް އެއްޗެއް ބުނެފައި ނުވާތީ އެވެ. ކެޕްޓަނެއްގެ ހައިސިއްޔަތުން އެ ފަދަ ކަންކަން ހުއްޓުވުމަށް މެސީ އިސްނަގަން ޖެހޭކަމަށް ފްރާންސްގެ ބައެއް ސަޕޯޓަރުން ގަބޫލުކުރެ އެވެ.
Comment