ފީފާ ވޯލްޑް ކަޕަށް ފުރަތަމަ ކޮލިފައިވި ޓީމަކަށް ޖަޕާން

21 މާރިޗު 2025 - 09:47 0


ފީފާ ވޯލްޑް ކަޕަށް ފުރަތަމަ ކޮލިފައިވި ޓީމަކަށް ޖަޕާން

21 މާރިޗު 2025 - 09:47 0

ސައިޓާމާ، ޖަޕާން (މާޗް 21) - އަންނަ އަހަރު އެމެެރިކާ، މެކްސިކޯ އަދި ކެނަޑާގައި ބާއްވާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ކޮލިފައިވި ފުރަތަމަ ޓީމުގެ ޝަރަފް ޖަޕާނުން ހޯދައިފި އެވެ.

އަންނަ އަހަރުގެ ވޯލްޑް ކަޕްގެ ޖާގައެއް ޖަޕާނުން ޔަގީންކުރީ ރޭ އަމިއްލަ ދަނޑުގައި ބަހްރޭން އަތުން 2-0 އިން މޮޅުވެގެންނެވެ. މި ނަތީޖާއާ އެކު، ވޯލްޑް ކަޕް ކޮލިފައިން އޭޝިއާ ފަޅީގެ ތިން ވަނަ ބުރުގެ ގްރޫޕް ސީން ވޯލްޑް ކަޕްގެ ދެ ޖާގައިގެ ތެރެއިން އެއް ޖާގަ ޖަޕާނުން ޔަގީންކުރީ އެވެ.

ޖަޕާން ހިމެނޭ ގްރޫޕްގެ އެއް ވަނައިގައި އެ ޓީމު އޮތީ ހަތް މެޗުން 19 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އޮސްޓްރޭލިއާ އަށް ވަނީ ހަތް މެޗުން 10 ޕޮއިންޓް ލިބިފަ އެެވެ. ތިން ވަނައިގައި އޮތް ސައުދީ އަރަބިއްޔާ އަށް ވަނީ ހަތް މެޗުން ނުވަ ޕޮއިންޓް ލިބިފަ އެވެ.

އަންނަ އަަހަރުގެ ވޯލްޑް ކަޕް ވެގެންދާނީ 48 ގައުމާ އެކު، ބޭއްވޭނެ ފުރަތަމަ ވޯލްޑް ކަޕް އަށެވެ. މިއީ، ޖަޕާނުން ވޯލްޑް ކަޕްގައި ވާދަކުރާ އަށް ވަނަ ފަހަރެވެ.

މީގެ ކުރިން، 2002 ވަނަ އަހަރު ދެކުނު ކޮރެއާއާ ގުޅިގެން ވޯލްޑް ކަޕް ހޯސްޓްކުރި ޖަޕާނުން މިހާތަނަށް ވޯލްޑް ކަޕެއްގައި ނެރުނު އެންމެ ރަނގަޅު ނަތީޖާ އަކީ، ގަދަ 16 ބުރަށް ދަތުރުކުރުމެވެ. އެ ގޮތުން، ޖަޕާނުން ވަނީ ޖުމްލަ އެކު، ހަތަރު ފަހަރު ގަދަ 16 ބުރަށް ދަތުރުކޮށްފަ އެވެ. އެންމެ ފަހުން ދެ ވޯލްޑް ކަޕްގައި ވެސް އެ ޓީމު ކެޓީ ގަދަ 16 ބުރުންނެވެ.