Advertisement

މޮރޮކޯ އަށް ވާދަވެރި މެޗެއް ދެން ކުޅެވޭނީ ސެޕްޓެމްބަރު މަހު

5 ޖަނަވަރީ 2023 - 10:33 0


މޮރޮކޯ އަށް ވާދަވެރި މެޗެއް ދެން ކުޅެވޭނީ ސެޕްޓެމްބަރު މަހު

5 ޖަނަވަރީ 2023 - 10:33 0

ޖޮހެނަސްބާގް (ޖެނުއަރީ 5) - މިދިޔަ އަހަރު ބޭއްވި، ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ތާރީހީ ކާމިޔާބެއް ހޯދި މޮރޮކޯ ޓީމަށް ދެން އެންމެ އަވަހަށް ވެސް ވާދަވެރި މެޗެއް ކުޅެވޭނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

މިދިޔަ މަހު ގަތަރުގައި އޮތް ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ވާދަކޮށް، ވޯލްޑް ކަޕެއްގައި ގަދަ ހަތަރަކަށް ދަތުރުކުރި އެފްރިކާގެ ފުރަތަމަ ގައުމަކަށްވުމުގެ ޝަރަފު މޮޮރޮކޯ އިން ވަނީ ހޯދައިފަ އެވެ.

އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ކޮލިފައިންގައި ޒިމްބާބްވޭއާ ދެކޮޅަށް މާޗު މަހުގެ ތެރޭގައި މޮރޮކޯ ދެ މެޗު ކުޅޭ ގޮތަށް ހަމަޖެހިފައި އޮތް ނަމަވެސް، ފީފާ އިން ޒިމްބާބްވޭ ސަސްޕެންޑްކުރުމާ ގުޅިގެން މި މެޗު ކުރިއަކަށް ނުގެންދެވޭނެއެވެ.

އެހެންކަމުން، މާޗާއި ޖޫން މަހު ލިބޭ އިންޓަނޭޝަނަލް ބްރޭކްގައި މޮރޮކޯ އަށް ޖެހޭނީ އެކުވެރިކަމުގެ މެޗުތަކެއް ކުޅޭށެވެ.

ވާދަވެރި މެޗެއް ކުޅުމުގެ ފުރުސަތު މޮރޮކޯ އަށް ދެން އެންމެ އަވަހަށް ލިބޭނީ ސެޕްޓެމްބަރު މަހެވެ. ސެޕްޓެމްބަރު މަހުގެ ތެރޭގައި އެފްރިކަން ކަޕް އޮފް ނޭޝަންސް ކޮލިފައިންގައި ދެކުނު އެފްރިކާ އާއި ލައިބީރިއާއާ ދެކޮޅަށް މޮރޮކޯ ދެ މެޗު ކުޅޭނެ އެވެ.

އެފްރިކަން ކަޕް އޮފް ނޭޝަންސް އަށް ކޮލިފައިވާނީ ކޮންމެ ގުރޫޕެއްގެ ވެސް އެއް ވަނަ ޓީމާއި ދެ ވަނަ ޓީމެވެ. މިހާތަނަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެ މޮރޮކޯ އޮތީ ގުރޫޕްގެ އެއް ވަނައިގައެވެ.

މި އަހަރުގެ ޖޫން / ޖުލައި ގައި ކުރިން އެފްރިކަން ކަޕް އޮފް ނޭޝަންސް ބާއްވަން އޮތް ނަމަވެސް، މުބާރާތް ބާއްވާ ގައުމު ކަމަށްވާ އައިވަރީ ކޯސްޓްގައި އެ ދުވަސްވަރު އެ މުބާރާތް ބޭއްވުމަށް މޫސުން ތަންނުދޭތީ، އެ މުބާރާތް ވަނީ 2024 ވަަނަ އަހަރުގެ ޖެނުއަރީ / ފެބްރުއަރީ އަށް ބަދަލުކޮށްފަ އެވެ.