Advertisement

އިގްތިސާދީ ހާލަތާ ގުޅޭގޮތުން އައިއެމްއެފުން އެކުލަވާލި ރިޕޯޓު ހޯދަން އީވާ އެދިވަޑައިގެންފި

3 ޖަނަވަރީ 2023 - 17:18 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


އިގްތިސާދީ ހާލަތާ ގުޅޭގޮތުން އައިއެމްއެފުން އެކުލަވާލި ރިޕޯޓު ހޯދަން އީވާ އެދިވަޑައިގެންފި

3 ޖަނަވަރީ 2023 - 17:18 0

ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހާލަތާ ގުޅޭގޮތުން ސަރުކާރުގެ އަމާޒުތައް ބައްޓަން ކުރެވިފައިވާ ގޮތާއި މެދު އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ދެކޭ ގޮތް ތަފްސީލު ގޮތެއްގައި ހިމަނާފައިވާ ރިޕޯޓު ހޯދުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ އަރިހުން މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެދިވަޑައިގެންފި އެވެ.

އައިއެމްއެފްގެ ވަފްދެއް ރާއްޖެ އައިސް އެކުލަވާލި އެ ރިޕޯޓު އާންމުކޮށްފައި ނުވާ ކަމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވިދާޅުވެފަ އެވެ. އެމަނިކުފާނު ތުހުމަތު ކުރައްވާ ގޮތުގައި އެގޮތަށް އަމަލުކުރީ ސަރުކާރުން އެދިގެންނެވެ.

މިއީ އައިއެމްއެފްގެ "އާޓިކަލްސް އޮފް އެގްރީމެންޓް" ގެ ހަތަރު ވަނަ މާއްދާގެ ދަށުން އެކުލަވާލާ ރިޕޯޓެއް ކަމަށްވާއިރު 2020 އިން ފެށިގެން އެ ރިޕޯޓު އާންމުކޮށްފައި ނުވާ ކަމަށް އީވާގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

"އިގްތިސާދީ އަދި މާލީ ކަންބޮޑުވުން އުފެދިފައިވާ ދަނޑިވަޅެއްގައި، އަމުދުން ރައްޔިތުންނަށް ދެފުށް ފެންނަ ގޮތަށް މައުލޫމާތު ހިއްސާނުކުރުމަކީ ނުރައްކާ ކަމެއް،" އީވާ މިއަދު ކުރެއްވި ޓްވީޓެެއްގައި ވިދާޅުވެފައިވެ އެވެ.

އެ ރިޕޯޓާއި ގުޅިގެން އައިއެމްއެފްއިން ހާއްސަ ނޫސް ބަޔާނެއް ވެސް ނެރުނެވެ. މިދިޔަ ޑިސެމްބަރު 20، ގައި ނެރުނު އެ ބަޔާނުގައި ވަނީ ރާއްޖޭގެ އިގްތިސާދު ކުރިއަރަމުން އައި ނަމަވެސް ދަރަނި މެނޭޖުކޮށް ހަރަދު ކުޑަކުރަން ޖެހޭ ކަމަށް ބުނެފަ އެވެ. އެހެން ނަމަވެސް، އެ ރިޕޯޓުގެ ތަފްސީލީ ހޯދުންތަކެއް ހާމަކޮށްފައެއް ނުވެ އެވެ.

"ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހާލަތާ ގުޅޭގޮތުން ސަރުކާރުގެ އަމާޒުތައް ބައްޓަން ކުރެވިފައިވާ ގޮތާއި މެދު އައިއެމްއެފް އިން ދެކޭ ގޮތް އެންމެ ތަފްސީލުކޮށް ދެނެގަނެވޭތީ އާޓިކަލް IV ގެ ދަށުން އެކުލަވާލާ ރިޕޯޓުން ކަމަށް ވެފައި، އެ ރިޕޯޓަކީ 2020 ގެކުރިން ވޭތުވެދިޔަ 10 އަހަރުގެ ތެރޭ ހާމަކުރަމުން އަންނަ ރިޕޯޓަކަށް ވާތީ،" އެ ރިޕޯޓުގެ ކޮޕީއަކަށް އެދިވަޑައިގަތް ސަބަބު ހާމަކުރައްވަމުން އީވާގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

އެ ރިޕޯޓު، ސަރުކާރުން އެއްބަސް ނުވުމުގެ ސަބަބުން އާންމު ނުކުރާ ކަމަށް މި މަހު 28 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގެ ތެރެއިން ރޭ މާފަންނު ބޮނޑިބަތް ޕާކުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވިދާޅުވެފައިވެ އެވެ.

"އާންމު ކޮށްފައިވަނީ އެ ރިޕޯޓުގެ ހުލާސާ މިންވަރު، ސީދާ ޖުމްލަ ފުރިހަމަ ރިޕޯޓް އާންމެއް ނުކުރޭ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ރޭ ވިދާޅުވީ އައިއެމްއެފްގެ ގާނޫނާއި ގަވާއިދުތައް ވެސް އޮންނަނީ ސަރުކާރަކުން ބޭނުން ނުވާ މައުލޫމާތު ހަމާ ނުކުރާ ގޮތަށް ކަމަށާއި އެ މައުލޫމާތެއް ހިއްސާ ކުރަނީ ހަމައެކަނި ސަރުކާރާ ކަމަށެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރުކަން ކުރިން ކުރައްވާފައިވާ ބޭފުޅަކު ނޫހުގައި ނަން ނުޖެހުމަށް އެދި ވިދާޅުވީ، ސަރުކާރުން ބޭނުން ނުވާ މައުލޫމާތެއް އައިއެމްއެފް އިން ހާމަ ނުކުރާނެ ކަމަށެވެ.

"އުސޫލެއްގެ ގޮތުން ރިޕޯޓް އެކުލަވާލާނީ ވެސް ސަރުކާރުން ބޭނުންވާ ގޮތަށް، އާންމު ނުކުރާ އެއްޗެއް ލިޔެފައި ބޭއްވުމުގެ ބޭނުމެއް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.