Advertisement

ފީފާގެ ރައީސްގެ އިލްތިމާސެއް: ކޮންމެ ގައުމެއްގައި ޕެލޭގެ ނަމުގައި ސްޓޭޑިއަމެއް

3 ޖަނަވަރީ 2023 - 11:00 0

2017 ވަނަ އަހަރު ފީފާ ކޮންފަޑެރޭޝަން ކަޕްގެ ތެރެއިން އިންފަންޓީނޯ (ކ) އާއި ޕެލޭ އެކުގައި ނަގާފައިވާ ފޮޓޯއެއް.


ފީފާގެ ރައީސްގެ އިލްތިމާސެއް: ކޮންމެ ގައުމެއްގައި ޕެލޭގެ ނަމުގައި ސްޓޭޑިއަމެއް

3 ޖަނަވަރީ 2023 - 11:00 0

ސައޮ ޕައޮލޯ، ބްރެޒިލް (ޖެނުއަރީ 3) - ދުނިޔޭގެ ކޮންމެ ގައުމެއްގައި ވެސް ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް، ޕެލޭގެ ނަމަށް ހާއްސަކޮށް އެއް ސްޓޭޑިއަމް ބޭއްވުމަށް އިލްތިމާސެއް ކުރާނެ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ފުޓްބޯޅަ ތާރީހުގައި ފެނުނު އެންމެ ހާއްސަ އެއް ކުޅުންތެރިޔާ، ޕެލޭ ވަނީ މީގެ ހަތަރު ދުވަސް ކުރިން، 29 ޑިސެމްބަރު ވަނަ ދުވަހު މަރުވެފަ އެވެ.

އުމުރުން 82 އަހަރުގައި ޕެލޭ މަރުވީ ކެންސަރު ބައްޔާއި ހިތުގެ ބައްޔަށް ގިނަ ދުވަސްތަކެއް ވަންދެން ފަރުވާ ހޯދުމަށް ފަހު އެވެ.

ޕެލޭގެ ޖަނާޒާގެ އެކިއެކި އިވެންޓްތައް ބްރެޒިލްގައި މިހާރު ކުރިއަށްދާއިރު، ފުޓްބޯޅައިގެ އިސް ފަރާތްތައް އަންނަނީ ބްރެޒިލްގައި ހަރަކާތްތެރިވަމުންނެވެ. އޭގެ ތެރޭގައި ފީފާގެ އިސްވެރިން ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ބްރެޒިލްގައި ކުރިއަށްދިޔަ ޕެލޭގެ ޖަނާޒާ އިވެންޓެއްގެ ތެރެއިން އިންފަންޓީނޯ.


ބްރެޒިލްގެ ސައޮ ޕައޮލޯގައި އެ ގައުމުގެ މީޑިއާ އަށް ދިން އިންޓަވިއުއެއްގައި އިންފަންޓީނޯ ވިދާޅުވީ، ޕެލޭގެ ހަނދާންތައް ފުޓްބޯޅައިގައި ތާއަބަދަށް ދެމި އޮންނާނެ ކަމަށެވެ. އަދި ޕެލޭގެ ހިދުމަތްތަކުގެ އަގުވަޒަންކުރުމާއި އޭނާގެ ހަނދާން އަބަދުވެސް އާ ކުރުމުގެ ގޮތުން ފީފާ އިން ވެސް ކަންތައްތަކެއް ކުރަން ޖެހޭ ކަމަށް އިންފަންޓީނޯގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.

"އަހަރެމެން ފީފާ އިން ކޮންމެ ގައުމެއްގައި ވެސް އެދޭނަން، ޕެލޭގެ ނަމަށް ހާއްސަކޮށް ކޮންމެވެސް އެއް ސްޓޭޑިއަމެއް ބާއްވަން،" އިންފަންޓީނޯ ވިދާޅުވި އެވެ.

ބްރެޒިލްގެ ރިއޯ ޑި ޖަނެއިރޯ ސިޓީގެ މަޝްހޫރު މަރަކާނާ ސްޓޭޑިއަމްގެ ނަން ޕެލޭ އަށް ހާއްސަކުރުމަށް 2021 ވަނަ އަހަރުގެ މާޗް މަހު ނިންމި އެވެ. އެއީ ރެއި ޕެލޭ ސްޓޭޑިއަމް ގޮތަށް ކިއުމަށެވެ. އެކަމަކު، އެ ސްޓޭޓްގެ ގަވަރުނަރު ނިންމީ އެ ދަނޑުގެ ނަން ކުރިން ވެސް އޮތް ގޮތަށް މަރަކާނާ ސްޓޭޑިއަމްގެ ނަމުގައި ބޭއްވުމަށެވެ.

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ތަށި ތިން ފަަހަރު ހޯދި ހަމައެކަނި ކުޅުންތެރިޔާ ޕެލޭގެ ހަނދާނުގައި ގިނަ ކަންތައްތަކެއް ކުރުމަށް ބްރެޒިލްގެ ފުޓްބޯޅަ ސަޕޯޓަރުން އަންނަނީ ރާވަމުންނެވެ. ޕެލޭގެ ޖަނާޒާގެ ރަސްމީ ބައި މިއަދު ނިމޭނެ އެވެ.