2 ޖަނަވަރީ 2023 - 14:12 0
އަހުމަދު ސައީދު
މާލޭގެ ޓޭކްއަވޭގެ ހިދުމަތް ދޭ ތަނަކުން ބަޔަކު ވިޔަފާރި ކުރަނީ: ބައެއް ފިހާރަތަކުން ވަނީ ޖީއެސްޓީއާއެކު މުދަލުގެ އަގުި ބޮޑުނުކޮށް ޑިސްކައުންޓެއް ދީފަ -- ފޮޓޯ: އަދަދު ފައިލް
2 ޖަނަވަރީ 2023 - 14:12 0
ހޮނިހިރު ދުވަހު، 30ރ. އަށް ލިބުނު ކިރު ޕެކެޓްގެ އަގު އާދީއްތަ ދުވަސް އައިއިރު 35ރ. އަށް ވަނީ ބޮޑުވެފަ އެވެ. ސޭޓު ބުނީ ޖީއެސްޓީ ބޮޑުވުމުން، އަގު ބޮޑުކުރަން މަޖުބޫރުވީ ކަމަށެވެ.
އާންމު މުދަލާއި ހިދުމަތުން ކުރިން ނަގަމުން އައި ގުޑްސް އެންޑް ސާވިސް ޓެކްސް (ޖީއެސްޓީ) މި އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން، ހަ ޕަސެންޓުން އަށް ޕަސެންޓަށް ސަރުކާރުން ވަނީ ބޮޑުކޮށްފަ އެވެ. އެއާއެކު، ކުރިން 100ރ. އަށް ގަތް އެއްޗަކަށް ދެެއްކި ހަ ރުފިޔާގެ ޖީއެސްޓީ އަށްވުރެ މިހާރު އިތުރު ވާނީ ދެ ރުފިޔާ އެވެ. ކުރިން 106ރ. އަށް ގަންނަން ލިބުނު އެތީގެ އަގު 108ރ. އަށް ބޮޑު ވާނެ އެވެ.
ނަމަވެސް ޖީއެސްޓީ ބޮޑުވި ނިސްބަތަށްވުރެ މުދަލުގެ އަގު އުފުލިއްޖެ އެވެ. މުދަލުގެ އަގު އުފުލުނު ސަބަބު ހޯދުމަށް "އަދަދު" ގެ ނޫސްވެރިން މިއަދު ވެރި ރަށް މާލޭގެ ބައެއް ފިހާރަތަކާއި ވިޔަފާރިވެރިންނާ ވާހަކަ ދައްކައިލީމެވެ.
ބައެއް ވިޔަފާރިތަކުން ޖީއެސްޓީގެ ކުރިން މުދަލުގެ އަގު ބޮޑުކޮށްފައިވާތީ އަލުން ބޮޑެއް ނުކުރެ އެވެ. ބައެއް ފިހާރަތަކުން ބޮޑު ކުރީ ޖީއެސްޓީއަށް އިތުރުވި ދެ ޕަސެންޓު އެކަންޏެވެ. އާ އަހަރާ ދިމާކޮށް މުދަލުގެ އަގު ބޮޑުވެފައިވާ ކަމަށް ބައެއް އިމްޕޯޓް ކުރާ ފަރާތްތަކުން ބުނެ އެވެ.
ރާއްޖެ އަށް މުދާ އެތެރެ ކުރާ މީހާ އެ މުދާ އެހެން ފަރާތަކަށް ވިއްކަން ޖެހެނީ ޖީއެސްޓީ އަށްވާ އަށް ޕަސެންޓް އަގުގެ ތެރޭގައި ހިމަނައިގެންނެވެ. ހޯލްސޭލް ކުރާ ފަރާތުގެ އަތުން މުދާ ގަންނަނީ ރީޓޭލް ކުރާ ފިހާރައަކުން ކަމަށްވާ ނަމަ، ޖީއެސްޓީއަށްވާ އަށް ޕަސެންޓް ދައްކާނީ ރީޓެއިލް ކުރާ ފިހާރައިންނެވެ. ރީޓޭލް ކުރާ ފަރާތުން އެ މުދާ އާންމު މީހާއަށް ވިއްކާއިރު، ރީޓޭލް ކުރާ ފަރާތުން ލާ ފައިދާގެ އިތުރަށް އަށް ޕަސެންޓް ނަގާނެ އެވެ.
އެހެންކަމުން، ކޮންމެ މަރުހަލާ އެއްގައި ފައިދާ އިތުރުކޮށްގެން ނެގޭ، ޖީއެސްޓީގެ އަދަދަކީ ރީޓެއިލް ކުރާ ފަރާތާއި ހޯލްސޭލް ކުރާ ފާރާތާ ހަމައަށް، އާންމު މީހާގެ އަތުން ނެގިގެން އަންނަ އެއްޗެކެވެ.
މިސާލަކަށް ބަލާ ނަމަ، 100ރ. އަށް ހޯލްސޭލް ކުރާ ފަރާތުން ވިއްކާ މުދަލަށް 8ރ. ޖީއެސްޓީގެ ގޮތުގައި ރީޓޭލް ކުރާ ފަރާތުން ދަައްކާނެ އެވެ. ރީޓެއިލް ކުރާ ފަރާތުން ފައިދާ އަށް ފަސް ރުފިޔާ ލުމަށްފަހު، 105ރ. އަށް ވިއްކާ މުދަލަށް އާންމު މިހާ 8.40ރ. ޖީއެސްޓީގެ ގޮތުގައި ދައްކަން ޖެހޭނެ އެވެ.
ޖީއެސްޓީ އަށް އައި ބަދަލާއެކު އެކި ފިހާރަތަކާއި ކެފޭ، ރެސްޓޯރަންޓް ތަކުން އަގަށް ބަދަލު ގެނައީ އެކި ނިސްބަތުން ނެވެ. ބައެއް ފިހާރަތަކުން ވަނީ، ޖީއެސްޓީ ބޮޑުވުމުގެ ނާޖާއިޒު ފައިދާ ނަގާ، ހުރިހާ މުދަލެއްގެ އަގު ދެ ޕަސެންޓަށްވުރެ ބޮޑުތަނުން ބޮޑުކޮށްފަ އެވެ. ބައެއް ފިހާރަތަކުން ބޮޑު ކުރީ ހަމައެކަނި ޖީއެސްޓީ އަށް އިތުރުވި މިންވަރެވެ. އަދި ބައެއް ކެފޭ ރެސްޓޯރަންޓް ތަކުން ވަނީ އަގަށް އެއްވެސް ބަދަލެއް ނުގެނެސް، ދެ ޕަސެންޓުގެ ޑިސްކައުންޓެއް ކަސްޓަމަރުންނަށް ދީފަ އެވެ.
ރާއްޖެ އަށް ގިނަ އަދަދަކަށް އާންމު މުދާ އެތެރެކޮށް ވިއްކާ ލިލީ ސްޓޯރުން ބުނީ ޖީއެސްޓީ އަށް އައި ބަދަލާއި ގުޅިގެން، ދެ ޕަސެންޓުގެ އިތުރުވުން ފިޔަވާ އެެއްވެސް ބަދަލެއް މުދަލުގެ އަގަށް ގެންނަށް ނިންމާފައިނުވާ ކަމަށެވެ. ނަމަވެސް، އާ އަހަރާ ދިމާކޮށް ދުނިޔޭގެ ބާޒާރުގައި ފްރައިޓާއި ބައެއް މުދަލުގެ އަގު ބޮޑުވެފައިވާއިރު، އެ ބަދަލު މުދަލުގެ އަގަށް އަންނާނެ ކަމަށެވެ.
"ޖީއެސްޓީ ބޮޑުވުމާއި ގުޅިގެން މުދަލުގެ އަގަށް ބަދަލު ގެންނާކަށް ނުޖެހޭ، އެ ދެ ޕަސެންޓަކީ ޖީއެސްޓީ އަށް އިތުރުވި އެއްޗެއް، އެކަމަކު އާ އަހަރާ ދިމާކޮށް ބައެއް ބާވަތްތަކުގެ މުދާ ބޭރުން ލިބޭ އަގު ވަނީ ބޮޑުވެފައި، އެ ބަދަލު އަގަށް އަންނާނެ،" ލީލީ ޝިޕިންގް އެންޑް ޓެރޭޑިންގެ ވެރިޔާ އަހުމަދު "މައްލާ" ނާސިރު ވިދާޅުވި އެވެ.
މާލޭ އެއްގަމު ތެރޭގައި ހުންނަ އާން މާޓް ފިހާރަ އިން ބުނީ ޖީއެސްޓީ އާ ގުޅިގެން އެ ފިހާރައިން މުދަލުގެ އަގު ބޮޑުކުރަން ނިންމާފައިނުވާ ކަމަށެވެ. ނަމަވެސް ބާޒާރުން ހޯލްސޭލްކޮށް މުދާ ލިބޭ އަގު ބޮޑުވެއްޖެ ނަމަ މުދަލުގެ އަގަށް އެ ބަދަލު އަންނާނެ ކަމަށް ފިހާރައިން ބުންޏެވެ.
"މިއަދު ބާޒާރުން އެއްޗެހި ގަތީމަ އެނގޭނީ، ކިހާވަރެއްކަން ބޮޑުވަނީ، [ޕީއޯއެސް] ސިސްޓަމުން ޖީއެސްޓީ އަށް ޕަސެންޓަށް އެޖެސްޓް ކޮށްފައި، އެވަރަށް މި ވިއްކަނީ،" އެ ފިހާރައިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ހދ. ކުޅުދުއްފުށީގައި ހޯލްސޭލްކޮށް އާންމު މުދާ ވިއްކާ ފިޔަވަތް ފިހާރާގެ ވެރިޔާ މުހައްމަދު ސިނާނު ބުނީ، ޖީއެސްޓީ އާ ގުޅިގެން ބައެއް މުދަލުގެ އަގު ކުޑަ ތަންކޮޅެއް އިތުރުކުރި އިރު ބައެއް މުދަލުގެ އަގު ހެޔޮވެސް ކޮށްފައި ވާނެ ކަމަށެވެ.
"މިސާލަކަށް ޖީއެސްޓީ ލީމަ، 23ރ. އަށް ލިބޭ އެއްޗެއް 25ރ. އަށް އެޖެސްޓް މިކުރަނީ، ހަމަ އެގޮތަށް 56ރ. އަށް ޖެހޭ އެތީގެ އަގު 55ރ. އަށް ދަށް ވެސް އެބަ ކުރަން، ރަނގަޅު މާޖިން އެއް އިންނަ އެއްޗަކުން ބޮޑެއް ނުކުރަން،" ސިނާނު ބުންޏެވެ.
މާލޭގެ އެއްގަމު ތޭރަގައި ހިންގާ ކުޑަ ފިހާރަ އަކުން ވާހަކަ ދެެއްކި ބަންގްލަދޭޝް ސޭޓަކު ބުނީ، ލިސްޓެއް ހެދުމަށްފަހު ހުރިހާ މުދަލެއްގެ އަގު ބޮޑު ކުރަން ފިހާރައިގެ ބޮޑު މީހާ ނިންމާފައިވާ ކަމަށެެވެ. އެ ފިހާރައިން މިހާރު ވެސް ވަނީ ބައެއް މުދަލުގެ އަގު ބޮޑުކޮށްފަ އެވެ.
ޖީއެސްޓީ ބޮޑު ކުރި ނަމަވެސް މެނިއުގެ އަގުތަށް ބޮޑު ނުކުރާ ކަމަށް، ޓްވީޓް ކޮށްފައިވާ ރެސްޓޯރަންޓަކަށް ގުޅުމުން އެތަނުން ވާހަކަ ދެއްކި މުއްޒަފަކު ބުނީ އެތަނުން ވިއްކާ ހުރިހާ އެއްޗެއްގެ އަގުތައް ވެސް މީގެ ދެ މަސް ކުރިން ބޮޑުކޮށްފައިވާ ކަމަށެވެ. އެހެން ކަމުން، ޖީއެސްޓީ އަށް އިތުރުވި ދެ ޕަސެންޓް ޓެކްސް ދައްކާނީ، އެމީހުންނަށް ލިބޭ ފައިދާގެ ތެރެއިން ކަމަށް އޭނާ ބުންޏެވެ.
އިގްތިސާދީ ދާއިރާގެ ތަޖުރިބާ ކާރެއް ކަމަށް ވާ އަޒްމީން ރަޝީދު ވިދާޅުވި ގޮތުގައި ޖީއެސްޓީ އަކީ ވެލިޔު އެޑެޑް ޓެކްސް އަގަށް ވުމުން، ސަޕްލައި ޗެއިންގެ ކޮންމެ މަރުހަލާއަކުން ވެސް އަގު ބޮޑުވާ ނިސްބަތުން ޖީއެސްޓީ ބޮޑުވާނެ ކަމަށެވެ.
"އިމްޕުޓް ޓެކްސް އާ އައުޓް ޕުޓް ޓެކްސް އިން އަޅާ ކެނޑިގެން، އާހިރުގައި ޓެކްސް އަށް މި ނެގެނީ ހަމަ އަށް ޕަސެންޓް،" އޭނާ ވިދާޅުވި އެވެ.
އިގްތިސާދީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް ބޮޑު ކުރުމާ ގުޅިގެން، މުދަލުގެ އަގުން ދެ ޕަސެންޓަށްވުރެ ބޮޑު މިންވަރެއް ބޮޑުވެގެން ނުވާނެ އެވެ.
ނަމަވެސް ހަގީގަތަކީ މުދަލުގެ އަގު ބޮޑުވެއްޖެ ކަމެވެ. ރާއްޖޭގައި އޮންނަނީ ފްރީ މާކެޓަކަށްވުމުން ޒަރޫރީ ބައެއް ތަކެތި ފިޔަވައި މުދަލުގެ އަގު ކޮންޓްރޯލް ކުރެވޭނެ އެއްވެސް ގާނޫނެއް ނިޒާމުގެ ތެރެއަކު ނެތެވެ. އެހެންކަމުން މުދަލުގެ އަގު ބޮޑު ނުކުރަން ސަރުކާރަކަށް ނުބުނެވޭނެ އެވެ.
Comment