Advertisement

ގައުމީ ބީޗް ވޮލީ ޓީމުގެ ރަން ކާމިޔާބީ ފާހަގަކުރަން ހާއްސަ އިވެންޓެއް ބާއްވަނީ

1 ޖަނަވަރީ 2023 - 11:36 0


ގައުމީ ބީޗް ވޮލީ ޓީމުގެ ރަން ކާމިޔާބީ ފާހަގަކުރަން ހާއްސަ އިވެންޓެއް ބާއްވަނީ

1 ޖަނަވަރީ 2023 - 11:36 0

ބަންގްލަދޭޝްގައި ކުރިއަށްދިޔަ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންގެ ބީޗްވޮލީބޯޅަ ޓުއާގައި ރާއްޖޭގެ ގައުމީ ބީޗްވޮލީ ޓީމުގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާ އިން ހޯދި ކާމިޔާބީއާ ގުޅިގެން ހާއްސަ އިވެންޓެއް ބާއްވަން ނިންމަައިފި އެވެ.

ސެންޓްރަލް އޭޝިއާގެ ހަ ގައުމަކުން އަށް ޕެއާ ވާދަކުރި ބީޗް ޓުއާގެ ޗެމްޕިއަންކަން، ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ އިން ހޯދީ ކުޅުނު ފަސް މެޗުން ވެސް މޮޅުވެގެންނެވެ. މިއީ މިހާތަނަށް ރާއްޖެ އަށް ބީޗްވޮލީބޯޅައިން ލިބުނު ފުރަތަމަ ރަން މެޑަލް އެވެ.

ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ އިން ރާއްޖެ އަށް މި ހޯދައިދިން ކާމިޔާބީގެ އުފާފާޅުކުރުން ބާއްވަން ނިންމާފައިވަނީ މިއަދު އިރުއޮއްސި 18:30 ގައި ސޯޝަލް ސެންޓަރު އިންޑޯ ކޯޓުގައި ބާއްވާ ހާއްސަ އިވެންޓެއްގަ އެވެ.

މި އިވެންޓްގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަކީ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ވަރަށް ބޮޑު އެދުމެކެވެ.

މި ފަހަރުގެ ރަން މެޑަލަކީ ބީޗްވޮލީބޯޅައިން ގިނަ އަހަރުތަކެއް ވަންދެން ކުރި މަސައްކަތުން ހާސިލްކުރެވުނު ކާމިޔާބެކެވެ. މީގެ ކުރިން ބީޗްވޮލީބޯޅައިގައި ރާއްޖޭން ވަނީ ބައިނަލްއަގުވާމީ ލެވަލްގައި އެކި ލެވަލްގެ ކާމިޔާބީތަކެއް ހޯދައިފަ އެވެ.

އެ ގޮތުން 2019 ވަަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ޓީމު އިވެންޓް ބައިން ރިހި މެޑަލް ހޯދިއިރު، އިންޑިިވިޖުއަލް ބައިން ރާއްޖޭގެ ޝިއުނާޒް އަބްދުލް ވާހިދު (މަންކޭ) އާއި އެޑަމްގެ ޕެއާ އިން ލޯ މެޑަލް ހޯދި އެވެ. މި ފަހަރު ރަން މެޑަލް ހޯދި ޓީމުގައި އެޑަމް ކުޅުނުއިރު، ޝިއުނާޒް އަކީ ޓީމުގެ މެނޭޖަރެވެ.

މި ފަހަރު، ރާއްޖޭން ބީޗްވޮލީބޯޅައިގައި ރަން ކާމިޔާބީ ހޯދިއިރު، ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ހުރީ ގައުމީ ބީޗްވޮލީ ޓީމަށް ގިނަ މެޗުތަކެއް ކުޅެދީފައިވާ އަހުމަދު އަނިލް ނަސީރު އެވެ. ގައުމީ ލެވަލްގެ ބީޗްވޮލީގެ ކަންކަން ކުރިއަރުވަން ބީޗް ވޮލީ ކޮމިޝަންގެ ޗެއާމަން، އަދި ގައުމީ ޓިމުގެ ކުރީގެ ކޯޗު، އަބްދުﷲ ނަޝީދު (އަބުޅޯ) ކުރާ މަސައްކަތް ވެސް ކުުޅުންތެރިން ފާހަގަކުރެ އެވެ. ރާއްޖޭން، 2019 ވަނަ އަހަރު އައިއޯއައިޖީގައި ރިއްސާއި ލޯ މެޑަލް ހޯދިއިރު، ޓީމުގެ ކޯޗަކީ އަބުޅޯ އެވެ.

ވީއޭއެމްގެ މިހާރުގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ)ގެ ލީޑަޝިޕުން، ދުނިޔޭގެ ވޮލީބޯޅައިގެ މައި ޖަމިއްޔާ، އެފްއައިވީބީއާ ގުޅިގެން ކުރި މަސައްކަތުން ރާއްޖޭގައި ބީޗްވޮލީބޯޅަ ކުރިއަރުވަން މަތީ ފެންވަރުގެ ކޯޗެއް ހަމަޖެއްސި އެވެ. އެ ގޮތުން، ބްރެޒިލްގެ ކޯޗު ވިނީޝިއުސް މާޓިން ޖިއޯނީ، ރާއްޖޭގައި ކޯޗިން މަސައްކަތް ފެށިތާ އަހަރެއްގެ ތެރޭގައި މި ވަނީ ބީޗްވޮލީން ރާއްޖެ އަށް ރަން މެޑަލް ލިބިފަ އެވެ.

ވިނީޝިއުސް، "އަދަދު" އަށް ބުނީ ރަން މެޑަލަކީ ގިނަ ބަޔަކު ކުރި މަސައްކަތުން ލިބުނު ކާމިޔާބެއް ކަމަށެވެ.