Advertisement

ސޫ ކީއަށް އިތުރު ހަތް އަހަރުގެ ޖަލު ހުކުމެއް އިއްވައިފި

31 ޑިސެންބަރު 2022 - 06:05 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

މިޔަންމާގެ ކުރީގެ ލީޑަރު އަންގް ސަން ސޫ ކީ. -- ފޮޓޯ: ރޮއިޓާޒް


ސޫ ކީއަށް އިތުރު ހަތް އަހަރުގެ ޖަލު ހުކުމެއް އިއްވައިފި

31 ޑިސެންބަރު 2022 - 06:05 0

މިޔަންމާގެ ކުރީގެ ލީޑަރު އަންގް ސަން ސޫ ކީ އިތުރު ހަތް އަހަރަށް ޖަލަށް ހުކުމް ކުރުމަށް އެ ގައުމުގެ އަސްކަރީ ކޯޓަކުން ނިންމައިފި އެވެ.

މީގެ ކުރިން އިއްވާފައިވާ ހުކުމްތަކާ އެކު ޖުމްލަ 33 އަހަރު އެކަމަނާ ޖަލުގައި ހޭދަކުރަން ޖެހިވަޑައިގަންނަވާނެ އެވެ.

މިޔަންމާގައި ފެބްރުއަރީ 2021 ވަނަ އަހަރު ހިންގި އަސްކަަރީ ބަގާވާތަށް ފަހު ސޫ ކީ ހުންނަވަނީ ގޭ ބަންދުގަ އެވެ. މިހާތަނަށް އެކަމަނާއާ ދެކޮޅަށް 19 ދައުވާ އުފުލާފައިވެ އެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ގްރޫޕްތަކުން ބުނީ އެއީ ސިޔާސީ ދައުވާތަކެއް ކަމަށެވެ. މިދިޔަ ހަފުތާގައި އދ. ގެ ސަލާމަތީ މަޖިލީހުން ގޮވާލީ ސޫ ކީ މިނިވަން ކުރުމަށެވެ.

ހުކުރު ދުވަހު ހަތް އަހަރު ޖަލު ހުކުމެއް އިއްވީ ސަރުކާރުގެ މިނިސްޓަރަކަށް ހެލިކޮޕްޓަރެއް ކުއްޔަށް ހިފައި ދިނުމުގައި ގަވާއިދާ ހިލާފުވި ކަމަށް ބުނާ މައްސަލައިގައި ކޮރަޕްޝަންގެ ކުށް ސާބިތުވުމުންނެވެ.

މީގެ ކުރިން 14 ކަމެއް އެކަމަނާގެ މައްޗަށް ސާބިތުވެފައިވެ އެވެ. އެގޮތުން ކޮވިޑާ ގުޅިގެން އެޅި ފިޔަވަޅުތަކާ ހިލާފުވުމާއި، ގަވާއިދާ ހިލާފަށް ވޯކީޓޯކީ އިމްޕޯޓް ކުރުމާއި، ދައުލަތުގެ ސިއްރުތަކާ ބެހޭ ގާނޫނާ ހިލާފުވުން ހިމެނެ އެވެ.

ޝަރީއަތްތައް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ. ނޫސްވެރިންނަށް ޝަރީއަތާ ގުޅޭ އެއްވެސް މައުލޫމާތެއް ނުދޭ އިރު، ސޫ ކީގެ ވަކީލުން ވެސް ނޫސްވެރިންނަށް މައުލޫމާތު ދިނުން އޮންނަނީ މަނާކޮށްފަ އެވެ. ސޫ ކީ ވަނީ ހުރިހާ ދައުވާތަކަށް އިންކާރު ކުރައްވައިފަ އެވެ.

ނޯބެލް ސުލްހައިގެ އިނާމު ހާސިލްކުރައްވާފައިވާ އުމުރުން 77 އަހަރުގެ ސޫ ކީ ބަންދުކޮށްފައި ހުންނަވަނީ ވެރިރަށް ނެއި ޕީ ޓޯގައި ގެކޮޅުގަ އެވެ.

އަސްކަރީ ބަގާވާތަށް ފަހު 16،600 އަށް ވުރެ ގިނަ މީހުން ހައްޔަރު ކުރިއިރު، އޭގެ ތެރެއިން 13،000 މީހުން އަދިވެސް ތިބީ ޖަލުގަ އެވެ.