Advertisement

ފުޓްބޯޅައިގައި ޕެލޭގެ ހަނދާންތައް އަބަދަށް ދެމި އޮންނާނެ: ފީފާ

30 ޑިސެންބަރު 2022 - 10:26 0


ފުޓްބޯޅައިގައި ޕެލޭގެ ހަނދާންތައް އަބަދަށް ދެމި އޮންނާނެ: ފީފާ

30 ޑިސެންބަރު 2022 - 10:26 0

ސައޮ ޕައޮލޯ، ބްރެޒިލް (ޑިސެމްބަރު 30) - ބަލި ހާލު ބޮޑުވެ، މި މަހުގެ ކުރީކޮޅު ކުއްލި ގޮތަކަށް ހޮސްޕިޓަލްގައި އެޑްމިޓްކުރި ފުޓްބޯޅަ ލެޖެންޑް، ބްރެޒިލްގެ ޕެލޭ ރޭ މަރުވިއިރު، އޭނާގެ ހަނދާންތައް ފުޓްބޯޅައިގައި ތާއަބަދަށް ދެމި އޮންނާނެ ކަމަށް ފީފާ އިން ބުނެފި އެވެ.

ފުޓްބޯޅައިގެ ގިނަ ރެކޯޑްތަކެއް އޮތް ޕެލޭ މަރުވީ އުމުރުން 82 އަހަރުގަ އެވެ. ޕެލޭ އަކީ ވޯލްޑް ކަޕްގެ ތިން މުބާރާތެއްގެ ޗެމްޕިއަންކަން ހޯދި ހަމައެކަނި ކުޅުންތެރިޔާ އެވެ. ޕެލޭ ވަނީ 1958، 1962 އަދި 1970 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ބްރެޒިލާ އެކު ހޯދައިފަ އެވެ.

ޕެލޭގެ މަރުގެ ހަބަރާ އެކު ފީފާގެ ރަސްމީ ވެބްސައިޓްގައި އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ ޕެލޭ އަކީ 20 ވަނަ ގަރުނުގައި ފުޓްބޯޅައިން ފެނުނު އެންމެ އާދަޔާހިލާފު ކުޅުންތެރިޔާ ކަމަށާއި، ފުޓްބޯޅައިގައި އަބަދުވެސް ޕެލޭގެ ހަނދާންތައް ވާނެ ކަމަށެވެ.

"ޕެލޭ އަށް ފުޓްބޯޅައިގައި ދެވިފައިވާ ގަދަރު ތާއަބަދަށް ދެމި އޮންނާނެ. ފުޓްބޯޅައިގައި އޭނާ އަށް އޮތް އިހުތިރާމް ފަޑުނުވާނެ ކަމުގެ ޔަގީންކަން އެބައޮތް،" ފީފާގެ ބަޔާނުގައިވެ އެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ ޕެލޭ އަކީ ފުޓްބޯޅައިގެ "ރަސްގެފާނެއް" ކަމަށާއި އޭނާގެ ފަރާތުން ފުޓްބޯޅައިގައި ފެނިގެންދިޔަ ބައެއް ކަންކަމަކީ އެ ނޫން އެހެން ކުޅުންތެރިއެއްގެ ފަރާތުން ނުފެންނާނެ ކަންތައްތައް ކަމަށެވެ. އަދި ޕެލޭގެ އާއިލާ އަށް މި ހިތާމަވެރި ވަގުތުގައި ދޭން ޖެހޭ ފުރިހަަމަ އެއްބާރުުލުމެއް ފުޓްބޯޅަ ދުނިޔެއިން ދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އިންފަންޓީނޯ ވިދާޅުވި އެވެ.

ޕެލޭ ވަނީ ފުޓްބޯޅައިގެ ތެރެއިން އިޖުތިމާއީ އެކި މަސައްކަތްތަކުގައި ބައިވެރިވެ، ފުޓްބޯޅަ އަކީ ވެސް ބަދަހި މުޖުތަމައު އެއް ބިނާކުރަން ބޭނުންކުރެވޭނެ ކުޅިވަރެއްކަން ސާބިތުކޮށްދީފައިކަމަށް އިންފަންޓީނޯ ވިދާޅުވި އެވެ.

ފީފާގެ ރައީސްކަން 1998 އިން 2015 އަށް ކުރެއްވި ސެޕް ބްލެޓާ ވިދާޅުވީ އޭނާގެ ނަޒަރުގައި ފުޓްބޯޅަ ކުޅުނު އެންމެ މޮޅު ކުޅުންތެރިއަކީ ޕެލޭ ކަމަށާއި އެ ފަދަ ލެވަލެއްގެ ކުޅުންތެރިއަކު މަރުވުމަކީ ފުޓްބޯޅަ އަށް ގެއްލުމެއް ކަމަށެވެ. ޕެލޭ އަކީ ގިނަ ބަޔަކު ފުޓްބޯޅަ އަށް ހިތް ޖެއްސި ކުޅުންތެރިއެއް ކަމަށާއި އެއީ ޕެލޭގެ ހަނދާންތައް ގިނަ ބަޔަކު އާ ކުރާނެ ސަބަބެއް ކަމަށް ވެސް ބްލެޓާގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.

ބްރެޒިލްގެ ރައީސް ޖައީރް ބޮލްސޮނާރޯ ވިދާޅުވި ގޮތުގައި ބްރެޒިލްގެ ނަން މުޅި ދުނިޔެ އަށް މަޝްހޫރުވި އެއް ސަބަބަކީ ޕެލޭ އެވެ. އަދި ޕެލޭ ފަދަ ސަހުސިއްޔަތެއްގެ ނަން ބްރެޒިލްގެ ތާރީހުގައި ވެސް ރަން އަކުރުން ފެވިފައި އޮންނާނެ ކަން ފާހަގަކުރައްވައި، ބޮލްސޮނާރޯ ވިދާޅުވީ ކުރިއަށް އޮތް ތިން ދުވަސް ޕެލޭގެ ޖަނާޒާގެ އެކި އިވެންޓްތަކަށް ބްރެޒިލްގެ ރަސްމީ އެއްވެސް މަސައްކަތެއް ނޯންނާނެ ކަމަށެވެ.

ކުރި އާއި މިހާރުގެ މަޝްހޫރު ގިނަ ކުޅުންތެރިން އަންނަނީ ޕެލޭގެ މަރާ ގުޅިގެން ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރަމުންނެވެ. ޕެލޭގެ ޖަނާޒާ ކަންތައްތައް ކުރިއަށް ގެންދިއުން ހަމަޖެހިފައިވަނީ ރަސްމީ އިވެންޓްތަކަކަށް ފަހު އަންނަ ހޯމަ ދުވަހު ކަމަށް ރިޕޯޓްތައް ބުނެ އެވެ.