Advertisement

ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑު ޕެލޭ މަރުވެއްޖެ

30 ޑިސެންބަރު 2022 - 00:05 0


ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑު ޕެލޭ މަރުވެއްޖެ

30 ޑިސެންބަރު 2022 - 00:05 0

ސައޮ ޕައޮލޯ، ބްރެޒިލް (ޑިސެމްބަރު 30) - ބަލި ހާލު ބޮޑުވެ، މިމަހުގެ ކުރީކޮޅު ކުއްލި ގޮތަކަށް ހޮސްޕިޓަލްގައި އެޑްމިޓްކުރި ކުރީގެ ފުޓްބޯޅަ ތަރި ބްރެޒިލްގެ ޕެލޭ މަރުވެއްޖެ އެވެ.

އެޑްސަން އަރަންޓޭސް ޑޮ ނެސިމެންޓޯ (ޕެލޭ) 82، ބަލި ހާލަތު ގޯސްވެފައިވަނީ މިދިޔަ އަހަރު އޭނާގެ ގޮހޮރުގައި އުފެދުނު ޓިއުމަރެއް ނެގި ފަހުންނެވެ. އޭގެ ފަހުން އާންމުކޮށް އޭނާ ޑޮކްޓަރަށް ދައްކަމުން ދިޔައިރު، ކެންސަރު ބަލީގެ އިތުރުން ހިތުގެ ބައްޔަށް ގެންދިޔައީ ފަރުވާ ހޯދަމުންނެވެ.

ޕެލޭ ވަނީ 2015 ވަނަ އަހަރު ވެސް ބޮޑު އޮޕަރޭޝަނެއް ކޮށްފަ އެވެ. އެ އަށް ފަހު ވެސް އޭނާގެ ހާލަތު ގޯސްވާތީ އެކި ފަހަރު މަތިން ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓްކޮށްގެން ވެސް ވަނީ ފަރުވާ ދީފަ އެވެ.

ބްރެޒިލްގެ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހާފައިވާ ޕެލޭ އަކީ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ވަރުގަދަ އެއް ލެޖެންޑެވެ. ޕެލޭ އަކީ ފީފާ ވޯލްޑްކަޕް ތިން ފަހަރު ހޯދި ހަމައެކަނި ކުޅުންތެރިޔާ އެވެ. ޕެލޭ ވަނީ ބްރެޒިލްގެ ގައުމީ ޓީމަށް ކުޅުނު 92 މެޗުގައި 77 ގޯލު ޖަހައިފަ އެވެ.

ގިނިސް ވޯލްޑް ރެކޯޑްސް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ކެރިއަރުގައި ކުޅުނު 1363 މެޗުން ޕެލޭ ވަނީ 1279 ގޯލު ޖަހައިފަ އެވެ. ތަފާތު ހަތަރު ވޯލްޑް ކަޕެއްގައި ލަނޑު ޖެހި މަދު ކުޅުންތެރިންގެ ތެރޭގައި ޕެލޭ ހިމެނެ އެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން ހޮވި 20 ވަނަ ގަރުނުގެ އެންމެ މޮޅު ދެ ކުޅުންތެރިންގެ ތެރެއިން އެކަކީ ޕެލޭ އެވެ. އަދި، ދެވަނަ ކުޅުންތެރިޔަކީ އާޖެންޓީނާއަށް 1986 ގެ ވޯލްޑް ކަޕް ހޯދައިދިން ކެޕްޓަން ޑިއޭގޯ މަރަޑޯނާ އެވެ.

ޕެލޭގެ އާދަޔާ ހިލާފު ހުނަރު މުޅި ދުނިޔެއަށް އެންމެ ފުރަތަމަ ފެނިގެންދިޔައީ 1958 ގެ ވޯލްޑް ކަޕްގަ އެވެ. އޭރު އޭނާގެ އުމުރުން އެންމެ 17 އަހަރެވެ. ސްވިޑެންގައި އޮތް ވޯލްޑް ކަޕްގައި 5-2 އިން ބްރެޒިލް ފައިނަލުން މޮޅުވި މެޗުގައި އޭނާ ދެ ލަނޑު ޖެހި އެވެ. އެ ފައިނަލަށް ފަހު ވޯލްޑް ކަޕްގެ ޓްރޮފީ ހިފަހައްޓައިގެން މީހެއްގެ ކޮނޑު މަތީގައި ޕެލޭ އިންނަ ފޮޓޯއަކީ ތާރީހުގައި ވެސް ނެގި އެންމެ 'އައިކޮނިކް' އެއް ފޮޓޯ އެވެ.

ބްރެޒިލުން 1962 ގައި ވޯލްޑް ކަޕްގެ ތަށި ދިފާއުކުރި އިރު އިންޖަރީގެ ސަބަބުން ޕެލޭއަށް ކުޅެން ލިބުނީ އެންމެ ދެ މެޗެވެ.

ނަމަވެސް، 1970 ގައި ޕެލޭ ވެގެންދިޔައީ އަނެއްކާ ވެސް ބްރެޒިލްގެ އެންމެ ވިދުންގަދަ ކުޅުންތެރިޔާއަށެވެ. ފައިނަލުގައި 4-1 އިން ބްރެޒިލް މޮޅުވި މެޗުގައި އޭނާ އެއް ލަނޑު ޖެހި އެވެ.

އޮކްޓޯބަރު 23، 1940 ގައި އުފަންވި ޕެލޭ ކުޑައިރު ފުޓްބޯޅަ ކުޅެން ބޭނުންވާ ތަކެތި ހޯދުމަށް ކުރި މަސައްކަތަކީ ބޫޓު ޕޮލިޝް ކުރުމެވެ. އޭނާއަށް ސަމާލުކަން ލިބެން ފެށީ އުމުރުން 11 އަހަރުގައި ސަންޓޯސްގެ ޔޫތު ޓީމާ ގުޅުނު ހިސާބުންނެވެ. އުމުރުން އެންމެ 16 އަހަރުގައި އޭނާ ސަންޓޯސްގެ ރަސްމީ ޓީމުން ޖާގަ ހޯދި އެވެ.

ޕެލޭގެ މަގުބޫލުކަން އޭނާގެ މޮޅު ކުޅުމާ އެކު ދުނިޔޭގެ ހުރިހާ ބައްރަކަށް ވެސް އޮތީ ފެތުރިފަ އެވެ. ޕެލޭގެ މެޗެއް ނައިޖީރިއާގައި ކުޅުމަށްޓަކައި އެ ގައުމުގައި 1967 ގައި ހިނގަމުންދިޔަ ދާހިލީ ހަނގުރާމާގައި ހަމަލާ ބަދަލުކުރުން ހުއްޓާލި އެވެ. އިނގިރޭސިވިލާތުގެ ރާނީ ކުއީން އެލިޒަބަތު ދެވަނަ ވަނީ 1997 ގައި ޕެލޭއަށް 'ނައިޓްހުޑް' އަރުވާފަ އެވެ.

ފުޓްބޯޅައަށް ފަހު ޕެލޭ ވަނީ ތަފާތު އެކި ދާއިރާތަކުން ފެނިފަ އެވެ. އޭނާ ވަނީ ބްރެޒިލްގެ އެކްސްޓްރާއޯޑިނަރީ ސްޕޯޓްސް މިނިސްޓަރުގެ މަގާމު ފުރުއްވާފަ އެވެ. އޭނާ އަކީ ކާމިޔާބު ވިޔަފާރިވެރިއެކެވެ. އަދި، އދ. އާއި ޔުނެސްކޯގެ އެމްބެސެޑަރެއް ވެސް މެއެވެ.