28 ޑިސެންބަރު 2022 - 14:40 0
ސާއިފް ޝިޔާދު
28 ޑިސެންބަރު 2022 - 14:40 0
ނޫސްވެރިޔާ ރިލްވާން އަބްދުﷲގެ މައްސަލައިގައި ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތައް ތަހުގީގު ކުރާ ކޮމިޝަނުން ކުރިއަށްގެންދިޔަ ތަހުގީގުގައި ފުރިހަމަނުވާ ކަންކަން ހުރި ކަމަށް ބުނެ ރާއްޖޭގައި އިންސާނީ ހައްގުތަކާއި ޑިމޮކްރަސީ ކުރިއެރުވުމަށް ވަކާލާތު ކުރާ އެެސޯސިއޭޝަން ފޯ ޑިމޮކްރަސީ އިން ދަ މޯލްޑިވްސް އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މިނިވަން ނިއުސްގައި މަސައްކަތް ކުރި ނޫސްވެރިޔާ ރިލްވާން ގެއްލުވާލާފައި ވަނީ އޯގަސްޓް 7، 2014 ގަ އެވެ. މި މައްސަލަ ތަހުގީގުކުރާތާ އަށް އަހަރުވެފައިވާއިރު، މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު މައްސަލަ ތަހުގީގު ކުރަމުން އައީ މަރު ކޮމިޝަނުންނެވެ.
މި މައްސަލާގައި ހިންގި ތަހުގީގަށް ފަހު އެކުލަވާލި ރިޕޯޓު ޑިސެމްބަރު 15 ގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވަނީ ހަވާލުކޮށްފަ އެވެ. އެކަމަކު އެ ރިޕޯޓު އާންމުކޮށްފައެއް ނުވެ އެވެ. އޭގެ ބަދަލުގައި ކޮމިޝަނުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި އޭގައި ހުރި ބައެއް މައުލޫމާތުތައް ހިއްސާކުރި އެވެ.
މިގޮތުން، ރިލްވާންގެ ކަރު ބުރިކުރުމަށް ފަހު އޭނާގެ ހަށިގަނޑު ކަނޑު ފައްތާފައިވާ ކަމަށް ކޮމިޝަނުގެ ތަހުގީގުގައި ވަނީ ނިންމާފަ އެވެ. ނަމަވެސް، އެ ނިންމުން ބިނާކޮށްފައިވަނީ ކޮން އަސާސްތަކެއްގެ މައްޗަށް ކަން ސާފުކޮށް އެނގެން ނެތް ކަމަށް ބުނެ އެސޯސިއޭޝަން ފޯ ޑިމޮކްރަސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެެވެ.
"ކޮމިޝަނުން އެކި ވަގުތުތަކުގައި އެކި ތަންތަނުގައި ހާމަކުރި މައުލޫމާތުތަކުގައި އެއްގޮތްކަން ނެތުމާއި، މައުލޫމާތުތައް އުނިކޮށްފައިވުމުގެ ސަބަބުން ރިލްވާން ގަދަކަމުން ގެއްލުވާލި ކަމަށް ތުހުމަތު ކުރެވޭ މީހުންނާ މެދު ދައުލަތުން އަމަލުކޮށްފައިވާ ގޮތާ މެދު ބައިވަރު ސުވާލުތައް ވަނީ އުފެދިފައި،" މިއަދު ނެރުނު ބަޔާނެއްގައި އެ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.
އަދި، ރިލްވާން މަރުވެފައިވާ ކަމަށް ކޮމިޝަނުން ކަނޑައަޅާފައިވާއިރު އެކަމާ ގުޅޭ އެއްވެސް ލިޔެކިޔުމެއް ހިއްސާކޮށްފައި ނުވާ ކަމުގެ ކަންބޮޑުވުން ވެސް ވަނީ ފާޅުކޮށްފަ އެވެ. ހަމައެކަނި އަނގަބަހުން ބުނެފައިވާ ވާހަކައެއްގެ މައްޗަށް ބިނާކޮށް މި މައްސަލާގައި އާއިލާއަށް އެއްވެސް ގާނޫނީ ފިޔަވަޅެއް އެޅުމުގެ ފުރުސަތު ނެތްކަން ވެސް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.
ފާއިތުވެދިޔަ އަށް އަހަރުގެ ތެރޭ މި މައްސަލައާ ގުޅިގެން ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބިނާކޮށް އެސޯސިއޭޝަން ފޯ ޑިމޮކްރަސީން ގެންދަނީ ތަފްސީލީ ރިޕޯޓެއް ތައްޔާރުކުރަމުންނެވެ. އެ އެސޯސިއޭޝަނުން ވަނީ ވީހާވެސް އަވަހަށް މި މައްސަލައިގައި ތަހުގީގުގެ ނިންމުންތައް ލިޔެކިޔުމުން ހިއްސާކުރުމަށް ގޮވާލާފަ އެވެ.
އަދި، މި މައްސަލާގައި ތުހުމަތު ކުރެވޭ އެއްވެސް މީހަކު ޒިންމާދާރު މަގާމެއްގައި ހުރި ނަމަ ޝަރުއީ މަރުހަލާތައް ނިމެންދެން އެމީހެއްގެ މައްޗަށް ތަހުގީގު ހިންގައި މަގާމުން ސަސްޕެންޑު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވެސް ވަނީ ގޮވާލައްވައިފަ އެވެ.
މަރު ކޮމިޝަނުން ބުނީ ރިިލްވާން ވަގަށް ނަގައި މަަރާލީ ގޭންގުތަކާ ގުޅުން އޮންނަ ހަރުކަށި ފިކުރުގެ މީހުން، ސޯޝަލް މީޑިއާގައި ހިޔާލު ފާޅު ކުރަމުންދިޔަ މީހުންނާ ދެކޮޅަށް ހިންގި ޓެރަރިޒަމްގެ ކެމްޕެއިނެއްގެ ތެރެއިން ކަމަށެވެ.
ރިލްވާން މަރާލީ ދުރާލައި ރާވައިގެން ކަމަށާއި އެ ހާދިސާއަށްފަހު ރޭވިގެން ހެކި ނައްތާލާފައިވާ ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ. އަދި ހެކި ނައްތާލުމާއި ރިލްވާން މެރުމުގައި ބައިވެރިވި މީހުން ރާއްޖެ ފިލައިގެން ދިޔުމަށް ފުލުހުންގެ ތެރެއިންނާއި އޭރުގެ ސަރުކާރުގެ އިސް ވެރިން މަސައްކަތް ކުރި ކަމަށް ވެސް ބުންޏެވެ.
ރިލްވާން މެރުމުގައި ބައިވެރިވި އެކަކު، އެ ހާދިސާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކިޔައިދިން ކަމަށާއި އޭނާ ރާއްޖެއިން ބޭރަށް ފުރުވާލުމުގައި ޔާމީންގެ ދައުރެއްވާ ކަމަށް ވެސް ކޮމިޝަނުން ބުނެ އެވެ. އަދި ރިލްވާންއަށް އޮތް ނުރައްކާ ފުލުހުންނަށް ކުރިން އެނގުނު ކަމަށާއި ފިޔަވަޅު އެޅި ނަމަ އެއީ ހުއްޓުވުމުގެ ފުރުސަތު އޮތް މަރެއް ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment