Advertisement

"ފިކުރެއްގެ ދިރުން"ގެ ފުރަތަމަ ދަތުރުގައި ނަޝީދު ބޮޑުތިލަދުންމައްޗަށް

28 ޑިސެންބަރު 2022 - 10:48 1

ނާޒިމް ހަސަން

ނާޒިމް ހަސަން

ނަޝީދު: މާދަމާ ބޮޑުތިލަދުއްމައްޗަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު


"ފިކުރެއްގެ ދިރުން"ގެ ފުރަތަމަ ދަތުރުގައި ނަޝީދު ބޮޑުތިލަދުންމައްޗަށް

28 ޑިސެންބަރު 2022 - 10:48 1

"...ދެން އަޅުގަނޑު މިކަމުގައި ނުކުމެ އުޅޭނަން, އެންމެ ދުވަހެއް ވެސް ހުއްޓާނުލާނަން,"

އެއް ނަންބަރު ކެންޑިޑޭޓް, ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވަނީ އެމަނިކުފާނަށް އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރެވޭނެކަން ޔަގީންވެއްޖެ ކަމަށެވެ. އެހެންވެ, ދެން އެންމެ ދުވަހެއް ވެސް ހުއްޓާނުލައި, އެ ކެމްޕެއިންގައި ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ.

ވެރިކަމުގައި ހުންނެވި ދެވަނަ ކެންޑިޑޭޓް, ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށް ނަޝީދު ނެރުއްވަނީ "ފިކުރެއްގެ ދިރުން" ކެމްޕެއިނެވެ. އެ ކެމްޕެއިންގެ ދަށުން ގިނަ ހަރަކާތްތަކެއް ރާވާފައިވާއިރު, މިރޭ ސަލްޓަން ޕާކްގައި ނަޝީދު ހާއްސަ ބައްދަލުވުމެއް ވަނީ ޝެޑިއުލްކޮށްފަ އެވެ.

"މިއީ ސަޕޯޓަރުންނާ ބައްދަލުކުރުމަށް ރައީސް ނަޝީދު ބާއްވަވާ ވަރަށް ހާއްސަ ބައްދަލުވުމެއް," ކެމްޕެއިންގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ މި ނޫހަށް ވިދާޅުވި އެވެ.

މިރޭގެ ބައްދަލުވުމަށްފަހު, މާދަމާ ނަޝީދު ޕްރައިމަރީ ކެމްޕެއިންގައި ފުރަތަމަ ދަތުރު ފައްޓަވާނެ އެވެ. އިމްތިޔާޒު މައުލޫމާތު ދެއްވި ގޮތުގައި ކުރިއަށް އޮތް ތިން ދުވަހަށް ނަޝީދު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ބޮޑުތިލަދުންމައްޗަށެވެ. އެގޮތުން, ހއ, ހދ އަދި ށ.ގެ ރަށްތަކަށް ވަޑައިގަންނަވާނެ އެވެ.

އިމްތިޔާޒު ވިދާޅުވި ގޮތުގައި ބޮޑުތިލަދުންމަތީގެ ދަތުރަށްފަހު ވެސް އެހެން އަތޮޅުތަކަށް ނަޝީދު ވަޑައިގަންނަވާނެ އެވެ. ކެމްޕެއިންނަށް ކިތަންމެ ކުރު މުއްދަތެއް އޮތް ނަމަވެސް, އެ ދަތުރުތައް ގިނަ ކުރާނެ ކަމުގެ ޔަގީންކަން ކެމްޕެއިން ޓީމުން ދެ އެވެ.

ވެރިކަމުގައި ހުންނެވި ރައީސަކު ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކުރާ މި އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 28ގަ އެވެ. އިންތިހާބު ބޭއްވުމަށް އެމްޑީޕީން ކޮމިޓީން ފާސްކޮށްފައިވާއިރު ކެންޑިޑޭޓް ނަންބަރު ވެސް ވަނީ ތަރުތީބުކޮށްފަ އެވެ.

އެގޮތުން ނަޝީދަށް ކެންޑިޑޭޓް ނަންބަރު އެކެއް ލިބިފައިވާއިރު, ރައީސަަށް ލިބިފައިވަނީ ކެންޑިޑޭޓް ނަންބަރު ދެއެކެވެ.

ޕްރައިމަރީއާ ހަމައަށް އެމްޑީޕީ ވާސިލުވިއިރު, އެ ޕާޓީގެ ތެރެ ވަނީ ވަރަށް ބޮޑަށް ފަޅިވެފަ އެވެ. ރައީސް ސޯލިހުގެ ކޮންޓްރޯލް ރައްޔިތުންގެ މަޖިލީހާއި އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވަރުގަދައަށް އޮތްއިރު, ނަޝީދަށް ވަނީ ޕާޓީން ތެރޭން ހުރަސްތަކާ ކުރިމަތިވެފަ އެވެ. އަދި އިންތިހާބާ މެދު ގެންދަވަނީ ތުހުމަތުތައް ކުރައްވަމުންނެވެ.

އެގޮތުން, ޕްރައިމަރީގެ އިންސާފުވެރިކަމާ މެދު ނަޝީދާއި އެމަނިކުފާނަށް ތާއިދު ކުރައްވާ ބޭފުޅުން ގެންދަވަނީ ސުވާލު އުފައްދަވަމުންނެވެ. އެންމެ ބޮޑު ސުވާލެއް އޮތީ ވޯޓުލެވޭ އެމްޑީޕީގެ މެންބަޝިޕް ރަޖިސްޓްރީއާ މެދު އެވެ. ނަޝީދު ތުހުމަތު ކުރައްވާ ގޮތުން, އެ ޕާޓީގައި ފެށުނު ދުވަހުން ފެށިގެން ތިބި ގިނަ މެންބަރުންތަކެއް, ސޯލިހަށް ވޯޓު ނުލާނެތީ, ވަނީ ވަކިކޮށްފަ އެވެ.

އެކަމަކު, އެމްޑީޕީން އެކަމާ ހިތާމަކޮށް މެންބަޝިޕް ރަޖިސްޓްރީގައި އެފަދަ ކަމެއް ހިނގާފައިނުވާނެ ކަމަށް ވަނީ ބުނެފަ އެވެ. މެންބަރުން ވަކިވެފައިވަނީ ފިންގަޕްރިންޓާ ގުޅޭ ގޮތުން އިލެކްޝަން ކޮމިޝަނުން ގެނައި ބަދަލާ އެކު ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.

އެމްޑީޕީގެ ޗެއާޕާސަން އަދި ކެބިނެޓްގެ ވަޒީރު, ފައްޔާޒު އިސްމާއިލް ވަނީ އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ހާސިލުކުރައްވާނެ ބޭފުޅަކު ހޮވުމަށް ބާއްވާ އިންތިހަބާ ގުޅޭ ގޮތުން ސުވާލު އުފައްދައި, ޕްރައިމަރީ ގަޑުބަޑުކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.