Advertisement

އެންމެ ފަހުން ޗެލްސީ އިން ވެސް ފެލިކްސް ހޯދަން ނިކުމެއްޖެ

27 ޑިސެންބަރު 2022 - 10:11 0


އެންމެ ފަހުން ޗެލްސީ އިން ވެސް ފެލިކްސް ހޯދަން ނިކުމެއްޖެ

27 ޑިސެންބަރު 2022 - 10:11 0

ލަންޑަން (ޑިސެމްބަރު 27) - ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑް ދޫކޮށްލަން ތައްޔާރުވެގެން ހުރި ޔާއޯ ފެލިކްސް ހޯދުމުގެ ރޭހަށް އިނގިރޭސި ގަދަބާރު، ޗެލްސީ އިން ވެސް ވަދެއްޖެ އެވެ.

އެތުލެޓިކޯ މެޑްރިޑްގެ ރެކޯޑު ފީއެއް ކަމަށްވާ 113 މިލިއަން ޕައުންޑަށް (135 މިލިއަން ޑޮލަރު) ޕޯޗުގަލްގެ ބެންފީކާ އިން އެތުލެޓިކޯ އަށް ބަދަލުވި ފޯވާޑް މިހާރު އެ ކުލަބު ދޫކޮށްލަން ބޭނުންވަނީ ކޯޗު ޑިއޭގޯ ސިމިއޯނީ ގިނަ މެޗުތަކުގައި ބޭނުންކުރާ ފުރަތަމަ އެގާރައިން ފުރުސަތު ގެއްލުމުންނެވެ.

އަނެއްކޮޅުން، ފެލިކްސް ކުރިން ކުޅުނު މޮޅު ކުޅުން މިދިޔަ ދެ ސީޒަންގައި ވެސް އެތުލެޓިކޯގައި ހުރެ އެއް ފެންވަރެއްގައި ދަމަހައްޓަށް އުނދަގޫވެފައިވާތީ ފެލިކްސް ބޭނުންވަނީ އާ ޗެލެންޖެއް ނެގުމަށް ކުލަބު ދޫކޮށްލާށެވެ.

ފެލިކްސް ހޯދުމަށް ދުނިޔޭގެ ބޮޑެތި ކުލަބުތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މީޑީއާ ރިޕޯޓްތައް ބުނާ ގޮތުން އެންމެ ފުރަތަމަ އެ މަސައްކަތްފެށި ޓީމަކީ އިނގިރޭސި ޕްރިމިއާ ލީގުގެ އާސެނަލް އެވެ. އެ ޓީމުގެ ފަހަތުން ފްރާންސްގެ ޕީއެސްޖީ އިން ވެސް ފެލިކްސް ގެންދިޔުމަށް ޝައުގުވެރިވާ ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ. އެންމެ ފަހުން މި ލިސްޓަށް އިތުރުވި ބޮޑު ނަމަކީ ޗެލްސީ އެވެ.

ފެލިކްސް 23، ގަންނަށް ބަލާއިރު 100 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް ހޭދަކުރަން ޖެހޭނެ ކަމަށް ބެލެވެ އެވެ. ކުލަބަކުން މި ދަނޑިވަޅުގައި އެވަރުގެ އަގެއް ދީފާނެ ކަމަށް ނުފެންނާތީ ލޯން އެއްބަސްވުމެއްގެ ދަށުން ވެސް ފެލިކްސް ދޫކޮށްލަން އެތުލެޓިކޯ އަށް ޖެހުމުގެ ފުރުސަތު އެބައޮތެެެވެ.

މި ފުރުސަތުގެ ބޭނުން ހިފައި އިނގިރޭސި ކުލަބު ނިއުކާސަލް ޔުނައިޓެޑުން ވެސް ފެލިކްސްގެ އޭޖެންޓާ މަޝްވަރާތައް ފަށާފައިވާ ކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރެ އެވެ.

ލަންޑަނުގެ ދެ ކުލަބު ކަމަށްވާ އާސެނަލް ނުވަތަ ޗެލްސީ އަށް ފެލިކްސް ދިއުމުގެ ފުރުސަތު އެބައޮތް ކަމަށް އިނގިރޭސި ބައެއް މީޑިއާތަކުން ރިޕޯޓްކުރެ އެވެ. މި ދެ ޓީމަށް ބަލާއިރު ދެ ޓީމުގެ ވެސް މުހިންމު ފޯވާޑަކަށް އަނިޔާވެ ގިނަ ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހިފައިވާތީ މި ޓްރާންސްފާގައި ފޯވާޑެއް ގަންނަން ދެ ކުލަބުން ވެސް މަސައްކަތް ކުރާނެ ކަމަށް ބެލެވެ އެވެ.

ދާދި ފަހުން ނިމުނު ފީފާ ވޯލްޑް ކަޕްގައި ލިބުނު އަނިޔާގެ ސަބަބުން އޮޕަރޭޝަނެއް ކުރި އާސެނަލްގެ ފޯވާޑް ގަބްރިއެލް ޖީސޫސް ހުރީ ކުޅުމާ ދުރުގަ އެވެ. އަނެއްކޮޅުން، ޗެލްސީގެ ފޯވާޑް އާމަންޑޯ ބްރޯޖާ އަށް ވެސް އަނިޔާވެ، ވަނީ ސީޒަން ނިމިފަ އެވެ.

ފެލިކްސް ހޯދުމުގައި ޗެލްސީ އަށް އޮތް ހިތްހަމަޖެހުމަކީ އެކުލަބުގެ އާ ވެރިން ގަޔާވާ ކުޅުންތެރިއަކަށް އޭނާ ވުމެވެ. އެ ގޮތުން، ޗެލްސީގެ އާ ޗެއާމަން، ޓޮޑް ބޯލީގެ ހާއްސަ ޝައުގުވެރިކަމެއް ފެލިކްސް ހޯދުމަށް ހުރި ކަމަށް ބޯލީ ގާތް ފަރާތްތަކާ ހަވާލާދީ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

ދުނިޔޭގެ އެންމެ ހުނަރުވެރި ޒުވާން ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ފެލިކްސް އަށް އެތުލެޓިކޯގައި މޮޅު ކުޅުމެއް ނުދެއްކޭ ސަބަބަކީ ސިމިއޯނީގެ ޑިފެންސިވް ގޭމް ޕްލޭން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އެކަމާ ގުޅޭގޮތުން މީގެކުރިން މީޑިއާގައި ވެސް ނުސީދާކޮށް ފެލިކްސް ވަނީ ވާހަކަ ދައްކައިފަ އެވެ.