Advertisement

އިނާޝާ: ބާސްކެޓްގެ އެންމެ އުހަށް އެރީ ހިތްވަރާ ބުރަ މަސައްކަތުން!

28 ޑިސެންބަރު 2022 - 10:56 1

އިސްމާއީލް އަޒްމީން

އިސްމާއީލް އަޒްމީން

ގައުމީ ބާސްކެޓްބޯޅަ ޓީމުގެ އަރަމުން އަންނަ ތަރި އިނާޝާ.- އަދަދު ގްރެފިކްސް: މުހައްމަދު އިސާމް ސާމިރު


އިނާޝާ: ބާސްކެޓްގެ އެންމެ އުހަށް އެރީ ހިތްވަރާ ބުރަ މަސައްކަތުން!

28 ޑިސެންބަރު 2022 - 10:56 1

"އިނާޝާ ދުވަހަކު ވެސް ކަމެއް ނުވާނެއޭ ނުބުނާނެ، ދުލެއް ނޫދެނެ. ހިތްވަރާ އެކު އެއްވަރެއްގައި މަސައްކަތްކުރާނެ. އޭނާ އަކީ ކޯޓު މަތީގައިވެސް އަދި ކޯޓުން ބޭރުގައިވެސް ފައިޓަރެއް،"

މިއީ ރާއްޖޭގެ އަންހެން ބާސްކެޓްބޯޅައިގައި މިހާރު އެންމެ ބާރަށް ކުރިއަރަމުން އަންނަ އައިޝަތު އިނާޝާ (އިނާ)ގެ ތައާރަފެއް ދޭން، މި އިންޓަވިއު ފެށުމުގެ ކުރިން އެދުމުން، އިނާޝާ އަށް ގައުމީ ޓީމުގައި އިރުޝާދު ދިން ކޯޗު، ސްރީ ލަންކާގެ ސުޕުން ވިމާލް ދިން ޖަވާބެވެ.

ސާދަ އަހަރުން ދަށުގެ އިންޓަ ސްކޫލް މުބާރާތުގައި އިމާދުއްދީން ސްކޫލުން ފާހަގަވި އިނާޝާގެ ވާހަކަ ފުރަތަމަ ވެސް ފަށަން ޖެހެނީ ގައުމީ ޓީމާ ހިސާބުންނެވެ. އެ ގޮތުން، 2018 އިން ފެށިގެން 14 އަހަރުން ދަށުގެ ގައުމީ ޓީމުގެ ޖޫނިއާ ސްކޮޑާ އެކު ފަރިތަކުރަމުން ދަނިކޮށް ސީނިއާ ސްކޮޑުގެ ފަރިތަކުރުންތަކުގައި އޭނާ ބައިވެރިވާން ދައުވަތުދިނީ އޭރުގެ ކޯޗު ސުޕުން އެވެ. ސުޕުން ގަބޫލުކުރި ގޮތުގައި އޭރުވެސް އިނާޝާގެ ކިބައިގައި މޮޅު ކުޅުންތެރިއެއްގެ ހުރިހާ ސިފަތަކަކެއް ހުއްޓެވެ.

"ފުރަތަމަ ސީނިއާ ކޯޗު އައިސް އެހެން ބުނީމަ ހިތައް އެރި ނުކެރޭނެއޭ ބޮޑެތި ޕްލޭޔަރުންނާ އެކު ކުޅެން ދާން. އެކަމަކު، ހުރިހާ ކޯޗުންގެ އެދުމުގެ މަތިން ދިޔަ ފުރަތަމަ ދުވަހު ވެސް ފެނުނީ މުޅި ޓީމުގެ އެންމެން ވެސް ވަަރަށް ވެލްކަމިންކޮށް. ސިނިއާ ކުޅުންތެރިން ވެސް ވަރަށް ސަޅިކޮށް ޓްރީޓްކުރީ. އެހެންވެ، ހުއްޓާނުލާ ދިޔައީ" އިމާދުއްދީން ސްކޫލުގައި އޮތް އިންޓަ ކްލާސް މުބާރާތަކުން ފުރަތަމަ ބާސްކެޓް ކުޅެން ފެށި އިނާޝާ ބުންޏެވެ.

ސާބާ މުބާރާތުގައި ލަންކާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން އިނާޝާ ބޯޅަ ހިފައިގެން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


"އަސްލު އޭގެ ކުރިން ދެ ފަހަރަށް އަންޑަ 14 ޓީމު ނެގިއިރު އިނާ ނުހިމެނޭ ޓީމްގަ. ޖޫނިއާ ސްކޮޑުގައި އުޅޭނެ އޭރުވެސް އިނާ އަށް ވުރެ މޮޅު ކުދިން ދެ ފަހަރު ޓީމަށް ނާރާ ދިޔައިމަ އަޒުމްކަނޑައެޅީ ދެން ޓީމު ނަގާ ފަހަރަކު އިނާ ނުލައި އެ ޓީމް ނުނަގާވަރަށް މަސައްކަތް ކޮށްލާނަމަވޭ." ބާސްކެޓަށް ދިރިއުޅުމުގެ ބޮޑުބައި ހަދިޔާކޮށްގެން މިހާރު ހުރި އިނާޝާ ކުރިގެ ހަނދާންތައް އާކުރި އެވެ.

ފަރިތަކުންތަކުގައި އިނާޝާ ދެއްކި ކުޅުމާ އެކު އޭނާ އަށް 2019ގެ ޑިސެމްބަރުގައި ނޭޕާލްގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްއަށް ދިޔަ ޓީމުން ޖާގަ ލިބުނެވެ. އޭރު 15 އަހަރުގައި ގައުމީ ޓީމުގައި ހިމެނި އޭނާ މުބާރާތުގެ މެޗުތަކުގައި މޮޅު ކުޅުމެއް ދެއްކި އެވެ. ޓީމަށް އެންމެ މުހިންމު ދަނޑިވަޅުތަކުގައި ކުޅެން އަރައި ތަފާތު ދެއްކި އެވެ.

"އެސްއޭ ގޭމްސްގައި ލަންކާ އަތުން މޮޅުވި މެޗުގައި އިނާގެ ކުޅުން ވަރަށް ފާހަގަކުރެވޭ. އެ މެޗުގައި ރިޝްމާ އަކުނިވަޔަށް ދަމައިގަނެގެން ބަދަލުކުރަން ޖެހުނީ. ދެން އިނާ އަށް ކޯޗު ޗާންސް ދިނީ. އެކަމަކު، ވަރުގަދަ ލަންކާ ކުޅުންތެރިން ކައިރީގައި ކުޅެލީ ވަރަށް ކޮންފިޑެންސާ އެކު. ބުނެވިދާނެ އެ މެޗުން ރާއްޖެ މޮޅުވީ އިނާގެ ވަރަށް ބޮޑު ހިއްސާއެއް އޮވެގެންނޭ ވެސް. އެހާވެސް މޮޅަށް ކުޅުނު" 2019ގެ ސައުތު އޭޝިއަން ގޭމްސްގައި ގައުމީ ޓީމްގެ އެސިސްޓަންޓް ކޯޗަކަށް ހުރި ގުރޭޝް އަފްރާހު ބުންޏެވެ.

އިނާޝާގެ ކެރިއަރުގެ ދަންމަރު އޭގެ ފަހުން ފަނޑުވުމެއްނެތި ދިޔައީ ދިއްލެމުންނެވެ. ހުއްޓުމެއްނެތި އޭނާގެ ކުރިއެރުން ދިޔައީ ފެންނަމުންނެވެ. ކޯޗުންގެ ތައުރީފާއި އެންމެންގެ ލޯބި އޭނާ ދިޔައީ ހޯދަމުންނެވެ. ދަތި އުނދަގޫ ހާލަތްތަކުގެ ތެރެއިން ނުކުމެ އޭނާ ދެއްކީ ވަރުގަދަ ކޯޓުމަތީގައި ޗެލެންޖް ނަގާއި އެކަން ހާސިލްކުރާ ކުޅުންތެރިއެއްގެ ކިބައިން ފެންނާނެ ކަހަލަ ހިތްވަރަކެވެ.

މިދިޔަ ތިން އަހަރު އިނާޝާގެ ކުޅުމަށް އައި ކުރިއެރުން އޭނާ ދެއްކީ އެންމެ ފަހުން ނިމުނު އެމްބީއޭ ޗެމްޕިއަންޝިޕުންނެވެ. އެ މުބާރާތުގައި އޭނާ ކުޅުނީ 18 އަހަރުން ދަށުގެ ސްކޮޑުގައި ހިމެނޭ ގިނަ ކުޅުންތެރިންގެ ކުޅުނު އެލީޓް ސްޕޯޓްސް ކުލަބަށެވެ. ޓީމުގެ ލީޑަރެއްގެ ގޮތުގައި ކޯޓު މަތީގައި ނަމޫނާ ދެއްކި އެވެ. ކޯޓުން ބޭރުގައި ވެސް ހުރިހާ ކުޅުންތެރިންގެ އިހުތިރާމާ ލޯބި ހޯދި އެވެ.

މި ފަހަރުގެ އެމްބީއޭ ޗެމްޕިއަންޝިޕްގައި އެލީޓް ސްޕޯޓްސް ކްލަބްގެ މެޗެއްގެ ތެރެއިން އިނާޝާ (ވ) ބޯޅަ ހިފައިގެން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


އެމްބީއޭ ޗެމްޕިއަންޝިޕްގައި އިނާޝާ ދެއްކި ކުޅުމާ އެކު މުބާރާތުގެ މޮޅު ކުޅުންތެރިންގެ ތެރޭގައި އޭނާ ހިމެނުނެވެ. އިސްކޮޅުން ދިގު ކުޅުންތެރިއަކަށް ނުވި ނަމަވެސް އޭނާ އަކީ 110 ރީބައުންޑާ އެކު މުބާރާތުގައި އެންމެ ގިނަ ރީބައުންޑް ނެގި ކުޅުންތެރިޔާ އެވެ. މުބާރާތުގައި ދެ ވަނަ އަށް އެންމެ ގިނަ ސްޓީލް ކުރި ކުޅުންތެރިޔަކީވެސް އިނާޝާ އެވެ. ޖުމްލަ ނުވަ މެޗުން އިނާޝާ 56 ސްޓީލް ކުރިއިރު، އެންމެ ގިނައިން ސްޓީލް ކުރި ކުޅުންތެރިޔާ ކަމަށްވާ ކުއީންސްގެ ރާއިފާ އިބްރާހިމް 58 ސްޓީލް ކުރީ 10 މެޗުންނެވެ.

"ހީކުރި ވަރަށް ވުރެ ރަނގަޅަށް ކުޅެވިފައި އިނީ. އިނާ ބެލީ ޓީމަށް ފައިދާވާ ގޮތަށް ކުޅެން. ސްޓެޓް އަށް ނުވިސްނަން. ޓޮޕް ފައިވްގައި އިން ހިސާބުު އެނގުނީމަ ހިތަށް އެރި ހަމަ އެވަރަށް ކުޅެވުނު ބާއޭވެސް. ވަރަށް އުފާވި ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިންނާ އެކު އެ ލިސްޓުގައި ހިމެނުނީމަ" އިނާޝާ، 18، ބުންޏެވެ.

އެމްބީއޭ ޗެމްޕިއަންޝިޕްގެ ކުރިން ގައުމީ ޖާޒީގައި އިނާ މުހިންމު ދެ ތަޖުރިބާއެއް ކުރި އެވެ. އެއީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު އިންޑިއާގައި އޮތް 18 އަހަރުން ދަށުގެ ސާބާ މުބާރާތާއި ސެޕްޓެމްބަރު މަހުގެ ފަހުކޮޅު މާލޭގައި އޮތް ސާބާ އަންހެން ބާސްކެޓްބޯޅަ މުބާރާތެވެ.

އެ ގޮތުން، 18 އަހަރުން ދަށުގެ ޓީމާ އެކު ޖޫނިއާ ޓީމުން ވާދަކުރި މުބާރާތުގައި ކެޕްޓަނެއްގެ ޒިންމާ އަދާކުރީ އިނާ އެވެ. އޭގެ ފަހުން ސާބާ މުބާރާތުގައި ގައުމީ ޓީމަށް މުހިންމުވި ދަނޑިވަޅުތަކުގައި އޭނާ މޮޅު ކުޅުމެއް ދެއްކި އެވެ. ވަކިން ހާއްސަކޮށް ސްރި ލާންކާއާ ދެކޮޅަށް ކުޅުނު ދެ ވަނަ މެޗުގައި ގައުމީ ޓީމަށް އުއްމީދު ހޯދައިދީ ހިތްވަރު ލިބުނީ ބެންޗުން އަރައި އިނާ ދެއްކި ކުޅުމުންނެވެ.

"ކޯޗު އަބަދުވެސް ބުނާނެ ގައުމީ ޓީމުގަ ކުޅޭއިރު އިނާ އަކީ ޓީމަށް އެންމެ ބޭނުން ޖެހޭ ގަޑީގައި ކުޅެން އަރާނެ ޕްލޭޔަރޭ. އެހެންވެ އެ ލިބޭ ޗާންސުގައި ޓީމަށް އިނާގެ ފަރާތުން ފައިދާ ވާވަރުކޮށްފަ ފައިބަން ވިސްނަނީ." ގައުމީ ސީނިއާ ޓީމާ އެކު ކުޅުނު ދެ މުބާރާތުގައި ވެސް މެޑަލް ހޯދި އިނާޝާ ބުންޏެވެ.

ގައުމީ ޓީމްގެ އެސިސްޓަންޓް ކޯޗު ގުރެއިޝް އަފްރާހު (ގުރޭ) ބުނީ އިނާޝާ އަކީ ރާއްޖޭގެ އަންހެން ބާސްކެޓްބޯޅައިގެ އެންމެ ކުރިމަގު އުޖާލާ އެއް ކުޅުންތެރިޔާ ކަމަށެވެ. އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި ގުރޭ ފާހަގަކުރީ ގިނަ މަގާމްތަކަކަށް އިނާ އަށް ކުޅެވުމެވެ. އިސްކޮޅުން ކުރުވުމުން ސެންޓަ ފޯވާޑަކަށް ކުޅެން އުނދަގޫވި ނަމަވެސް ބާކީ ހުރި ހަތަރު މަގާމަށް ވެސް އިނާޝާ އަކީ ރަނގަަޅަށް ހޭނިފައި ހުރި ކުޅުންތެރިއެކެވެ.

ސާބާ މުބާރާތުގެ މެޗެއް ފެށުމުގެ ކުރިން އިނާޝާ (ވ.2) ޓީމުގެ އެހެން ކުޅުންތެރިންނާ އެކު ގައުމީ ސަލާމަށް ހުއްޓިގެން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ފުރަތަމަ ދެ މުބާރާތުގައި އިނާ ބެންޗުން ފެށި ކަމުގައިވިޔަސް މިހާރު އޭނާ ދައްކަމުން އަންނަ ކުޅުމަށް ބަލާއިރު އިނާ އަކީ ގައުމީ ޓީމުގެ ފަށާ ފަހެއްގައި މިހާރު ހިމެނޭ ކުޅުންތެރިއެއް ކަމަށް ގުރޭ ގަބޫލުކުރެ އެވެ.

ގުރޭ ބުނީ އިނާ އަކީ ގައުމީ ޓީމުގެ ކުރިމަގުގެ ލީޑަރަކަށްވުމުގެ ހުރިހާ ކޮލިޓީއެއް ހުރި، ކޯޗަކު ބޭނުންވާނެ ހުރިހާ ކެރެކްޓާއެއް ހުރި ކުޅުންތެރިއެއްގެ ގޮތުގައި އިނާޝާ ގުނާނެ ކަމަށެވެ.

އިނާޝާގެ ކުޅުމާ ގުޅޭގޮތުން ގައުމީ ޓީމްގެ ކެޕްޓަން އާމިނަތު ޝިއުރާ ބުނީ އިނާ އަކީ ބުރަމަސައްކަތުން ކަންކަން ކާމިޔާބު ކުރެވޭނެކަމުގެ ލާމަސީލު ނަމޫނާ އެއް ކަމަށެވެ. އަމިއްލަ ދިރިއުޅުމުގެ ކަންކަމާއި، ކިޔެވުމާއި، ބާސްކެޓްގައި ވެސް އިނާ ކާމިޔާބު ހޯދީ ގިނަ ގުރުބާނީތަކެއް ވެގެންކަން ޝިއުރާ ފާހަގަކުރި އެވެ.

"ޝިއުރާ ބުނާނީ އިނާ އަކީ ދިރިއުޅުމުގެ ކަންކަމުން ހިތްވަރު ލިބިގަނެގެން ކާމިޔާބަށް ދިޔުމަށް ވަރަށް ގަދައަޅާ މަސައްކަތްކުރާ ކުއްޖެކޭ. އަމިއްލަ ލައިފްގަ ކަމެއް ގޯސްކޮށް ހުއްޓަސް އެކަމެއް ނުފެންނާނެ މޫނުމަތިންނެއް. އަބަދުވެސް ހެވިފައި ހުންނާނީ. އެންމެންނާ ގުޅޭނެ. ގިނަ ގުރުބާނީތަކެއްވެ، ކަމެއް ހާސިލްކުރަން ބޭނުންވާ ކުދިންނަށް އިނާ އަކީ ހަމަ އެގްޒާމްޕަލެއް" ގައުމީ ޓީމުގެ އެންމެ ސީނިއާ އެއް ކުޅުންތެރިޔާ، ޝިއުރާ، އިނާޝާއާ ބެހޭގޮތުން ބުންޏެވެ.

މިހާރު ގައުމީ ޓީމުގައި ހިމެނި ކުޅުނު ކުޅޭއިރު، އިނާޝާގެ އެންމެ ބޮޑު އުއްމީދަކީ ބައިނަލްއަގްވާމީ ލެވެލްގައި ގައުމަށް ރީތި ނަން ހޯދައިދިނުމެވެ. އަދި ރާއްޖޭގެ އެންމެ މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިޔާގެ މަގާމާ ހަމަ އަށް ދިއުމަކީ ވެސް އިނާޝާގެ ހުވަފެނެކެވެ.

ކޯޗުން ފާހަގަކުރާ ގޮތުގައި އިނާޝާ އަކީ ފުރަތަމަ ދުވަހުން ފެށިގެން ވެސް ލީޑަރެކެވެ. އޭނާގެ ފަރާތުން ފެންނަނީ ރާއްޖޭގެ ބާސްކެޓް ލެޖެންޑުން ކަމަށްވާ ރިޝްމާ އާއި ޝިއުރާ ކަހަލަ ކުޅުންތެރިންގެ ފަރާތުން ފެންނަ އެގްރެސިވް، ވަރުގަދަ ކުޅުމެކެވެ. ކޯޓު މަތީގައި "ފައިޓަރެއްގެ" ލަގަބު ހޯދާފައިވާ އިނާ އަކީ ޒުވާން ކުޅުންތެރިންނަށް ބަލާއިރު، ހިތްވަރާއި ބުރަ މަސައްކަތުން މި ވަގުތު ރާއްޖޭގެ އަންހެން ބާސްކެޓްގެ އެންމެ އުހުގައި ކުރިއަށް ދިއުމުގެ އަޒުމުގައި ހުރި ތަރި އެވެ.