Advertisement

ވެރިކަމުގެ ކޮންމެ ދުވަހަކު މަސައްކަތްކުރީ އެއްބައިވަންތަކަން ދަމަހައްޓަން: ރައީސް

26 ޑިސެންބަރު 2022 - 11:53 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކޮޅުފުށީގެ ސުނާމީ މޮނިއުމަންޓް ހުޅުއްވައިދެއްވަނީ؛ ވެރިކަމުގެ ކޮންމެ ދުވަހަކު ވެސް އެއްބައިވަންތަކަން ދަމަހައްޓަން މަސައްކަތްކުރިން - ފޮޓޯ: ރައީސް އޮފީސް


ވެރިކަމުގެ ކޮންމެ ދުވަހަކު މަސައްކަތްކުރީ އެއްބައިވަންތަކަން ދަމަހައްޓަން: ރައީސް

26 ޑިސެންބަރު 2022 - 11:53 1

ވެރިކަމުގައި ހުންނެވި ކޮންމެ ދުވަހަކީ ވެސް ދިވެހިންގެ އެއްބައިވަންތަކަން ދަމަހައްޓަން މަސައްކަތް ކުރެއްވި ދުވަހެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ސުނާމީ ކާރިސާ ހިނގިތާ 18 އަހަރު ފުރި، އޭރު ދިވެހިން ދައްކުވައިދިން އެއްބައިވަންތަކަން ފާހަގަކުރުމަށް މ. ކޮޅުފުށީގައި ބޭއްވި "ގައުމީ އެއްބައިވަންތަކަމުގެ ދުވަހު" ގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ އެމަނިކުފާނަށް އޮތް އެންމެ ބޮޑު މަސައްކަތަކީ ވެސް ދިވެހި މުޖުތަމައުގައި ހަމަޖެހުމާއި ސުލްހަ ކަމަށެވެ.

"އަޅުގަނޑު ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރުމަށް، މި މަގާމުގައި މިހާތަނަށް މި ހޭދަކުރި 1501 ދުވަހުގެ ތެރެއިން ކޮންމެ ދުވަހަކީ، ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް މަސައްކަތްކުރި ދުވަހެއް،" ރައީސް ވިދާޅުވި އެވެ.

"ސިޔާސީ ބޭނުންތަކެއްގައި ވަކި ބަޔަކު ގަސްދުގައި ދިޔައީ ހަމަޖެހުން ނަގައިލަމުން،" ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، އޮތް ހާލަތު ރައީސް ސިފަކޮށްދެއްވި އެވެ.

ދިވެހިން އެއްބައިވަންތަ ކުރެވޭނީ ހިދުމަތް ދިނުމުގައި ރައްޔިތުންގެ މެދުގައި ތަފާތުނުކޮށް ހަމަހަމަކަން ގާއިމުކޮށްގެން ކަމަށް ރައީސް ވިދާޅުވި އެވެ.

އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް މި ސަރުކާރުން ފެށި ކޮންމެ މަޝްރޫއެއްގެ އަމާޒަކީ ވެސް އެއީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އޭގެ ތެރޭގައި ކޮންމެ ރަށެއްގައި ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމް ކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ރައީސް ފާހަގަ ކުރެއްވި އެވެ. ބަނދަރުތަކުގެ މަސައްކަތުގެ އިތުރަށް، މުޅި ރާއްޖެއަށް އަމާޒުކޮށް ހިންގުމަށް މަސައްކަތްކުރާ ދަތުރުފަތުރުގެ ހިދުމަތް ވެސް ރަައީސް ގުޅުވާލެއްވީ އެ އަމާޒަށެވެ.

"މާތް ﷲގެ ވާގިފުޅާއެކު، މިހާރު ހިނގަމުންދާ މަޝްރޫއުތައް ފުރިހަމަވެ، އެ ހިދުމަތްތައް ގާއިމްކޮށް ނިމޭއިރު، ދިވެހި ރައްޔިތުންގެ މެދުގައި މިހާރަށް ވުރެ ވެސް ބޮޑަށް ގުޅުން އުފެދި، ހަމަޖެހުމާއި ސުލްހައާއި އެއްބައިވަންތަކަން ގާއިމް އޮންނާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން،" ރައީސް ވިދާޅުވި އެވެ.

ސުނާމީގެ ކާރިސާއަށް ފަހު، ދާދި ފަހަކުން މުޅި ދުނިޔެއިން ތަޖުރިބާ ކުރަން ޖެހުނު ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ކާރިސާގައި ވެސް ދިވެހިންގެ އެއްބައިވަންތަކަން ފެނިގެން ދިޔަ ކަމަށް ވިދާޅުވެ، އެ ކާރިސާގައި ދިވެހިންގެ ފަރާތުން ފެނުނު ކެތްތެރިކަމާއި މަސައްކަތްތެރިކަމަށް ރައީސް ތައުރީފް ކުރެއްވި އެވެ.

"ކޮވިޑްގެ ވަޅުގަނޑު ކިތަންމެ ފުނަސް، އަޅުގަނޑުމެންގެ އަޒުމަކަށް ބަދަލެއް ނާދެ، ގޮތް ހުސްވެ މަސައްކަތް ހުއްޓާލައިގެނެއް ނުތިބެން، މާތް ﷲގެ އިރާދަފުޅުން އަޅުގަނޑުމެން މި މަސައްކަތް ކުރަނީ، އިގުތިސޯދު ކުރިއެރުވޭނެ ހުރިހާ ސަބަބުތަކެއްގައި ހިފައިގެން،" އެމަނިކުފާނު ވިދާޅުވި އެވެ.

އެ ކާރިސާއަށް ފަހު އިގުތިސޯދީ ހާލަތު ރަނގަޅުވެ ދައުލަތުގެ އާމްދަނީއާއި ޓޫރިޒަމް ވިޔަފާރި ވެސް އޮތީ އޭގެ ކުރިން އޮތް ހާލަތަށް ރުޖޫއަވެ ރަނގަޅު މިސްބާރެއްގައި ކަން ރައީސް ފާހަގަ ކުރެއްވި އެވެ.