26 ޑިސެންބަރު 2022 - 12:21 0
އައިޝަތު ނުޒުހާ
ކޮޅުފުށީ ޖަލްސާގައި ރައީސް ވަނީ ސުނާމީގެ ހަނދާންތައް އާ ކުރައްވާފައި: ބިރުވެރި އެ ތަޖުރިބާއާ އެކު ރައީސް ވަނީ ކީރިތި ކުރައްވާފައި
26 ޑިސެންބަރު 2022 - 12:21 0
މީގެ އަށާރަ އަހަރު ކުރިން ޑިސެމްބަރު މަހުގެ މި ދުވަހު ދެ ދަރިންނާއި އަނބިކަނބަލުންނާ އެކު އުފަން ރަށް, ޅ. ހިންނަވަރުގައި ހުންނަވަނިކޮށް އެރި ސުނާމީގެ ބޮޑު ރާޅުގެ ހަނދާން ކިޔައިދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަސައްކަތް ކުރެއްވި އެވެ. އެކަމަކު ހުއްޓުން އަރައި, މަޑުކޮށްލެއްވީ އެ ދުވަހުގެ އެ ހަނދާންތަކާ އެކު އޮތް ހިތާމައިގެ އަސަރުންނެވެ.
"އެ ދުވަހުގެ އެ އިހުސާސްތަކަކީ އަޅުގަނޑުމެން އެކަކަށް ވެސް މިއަދު މި ތަނުގައި ތިބެ ހިތަށް ގެނެވޭވަރަށްވުރެ ހިތާމަވެރި, ދަތި ކަންތައްތަކެއް, އެހެން މި ދެންނެވީ އެ ދުވަހުގެ އެ އިހްސާސްތަކަކީ ސީދާ އަޅުގަނޑު ވެސް ލޮލުން ދެކިފައިވާ ކަމަކަށް ވާތީ," ޑިސެމްބަރު 26, 2004 ދުވަހުގެ ވާހަކަ ރައީސް ފެއްޓެވި އެވެ.
"ލޮނުގަނޑު ގޭތެރެއަށް ވަދެ، އެ ރާޅު ފައިބައިގެން ދިޔައިރުގައި މުޅި ރަށް ދޮވެލައިގެން އެދިޔަ ގޮތް، އެއީ އެ ދުވަހު އެތާ ހުރި މީހަކަށް ނޫނިއްޔާ އިހުސާސް ކުރެވޭނެ ކަންތައްތަކެއް ނޫން،"
އެ ދުވަހުގެ ހަނދާތައް އިތުރަށް ކިޔައިދެއްވަމުން "އަޅުގަނޑުގެ ދޮށީ ދަރިފުޅު ނުވަ އަހަރުގެ ޒާރާ...." އެ ހިސާބަށް ވިދާޅުވެ ރައީސް ހުއްޓުން އެރި އެވެ. އޭރު އަނބިކަނބަލުން ފަޒުނާ އަހުމަދު އިންނެވީ އިސްދަށަށް ޖައްސަވައިގެންނެވެ. ކަރުނަތައް ހިފަހައްޓާނުލެވުމުން ފަސްޓްލޭޑީ ޓިޝޫއެއް ނެންގެވި އެވެ. އެ ވަގުތު ޖަލްސާ ކުރާ އެ މާލަމުގައި އޮތީ ހަމަހިމޭން ކަމެވެ.
ސުނާމީގެ ތަޖުރިބާ ރައީސް އާ ކުރައްވަމުން ގެންދެވި ފަސްޓްލޭޑީ: ދެ ކަނބަލުން އެ ދުވަހު ތިއްބެވީ ހިންނަވަރުގައި
އެއްބައިވަންތަކަމުގެ ޖަލްސާއަށް އެއްވެ ތިބި މ. ކޮޅުފުށީ ކޮންމެ ރައްޔިތެއްގެ މޫނުމަތިން ވެސް އޭރު ފެންނަމުން ދިޔައީ އެ ހިތި ހަނދާންތަކެވެ. އެ ރަށުން ވަކިވެދިޔަ 16 މީހުންގެ ޒިކުރާތަކެވެ. އެ ރަށުން ކުރި ތަޖުރިބާއަކީ, ސިފަކޮށްލަން, އެހެން ބަޔަކަށް ވަޒަންކޮށްލަން ވެސް ނޭނގޭނެހޭ ބިރުވެރި ތަޖުރިބާއެކެވެ.
އިރުކޮޅެއްގެ ހަމަހިމޭންކަމަކަށްފަހު ރައީސް ވާހަކަ ފެއްޓެވި އެވެ; ވިދާޅުވީ އެ ދުވަހު ލޮނުގަނޑު އަރައިގެން އައި ވަގުތު އަންހެން ދަރިފުޅު ހުރީ ގަހެއްގައި ކަމެވެ. ފިރިހެން ދަރިފުޅު އަރުވަން ޖެހުނީ ފާރެއްގެ މައްޗަށެވެ. މަންމަ އާއި ކޮއްކޮމެންއާ މެދު ރައީސް ކަންބޮޑުވި އެވެ.
"އަޅުގަނޑު ހިތުން ކޮޅުފުއްޓަށް ވެގެން ދިޔަ ގޮތަކީ އަޅުގަނޑު މި ދުށް މަންޒަރަށްވުރެ މާ ހިތާމަވެރި މާ ބިރުވެރި މާ ދަތި ދުވަހެއް," ރައީސްގެ އަޑުގައި ހުރީ ތުރުތުރު ކަމެކެވެ. "އެ ދުވަހަކީ އެތައް ބައެއްގެ ދިރިއުޅުން ބިމާ ހަމަކޮށްލި ދުވަހެއް,"
ސުނާމީގެ ބޮޑު ކާރިސާގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ރަށަކީ ހޯމް މިނިސްޓަރު އިމްރާން އަބްދުاللهގެ އުފަން ކޮޅުފުއްޓެވެ. އެ ރަށުގައި މި އަހަރު ހޯމް މިނިސްޓްރީން ރަސްމީކޮށް އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރާއިރު, ރައީސް ވިދާޅުވީ ކޮޅުފުށީ ރައްޔިތުން ކުރިމަތިލާން ޖެހުނު ހިތްދަތިކަން އެމަނިކުފާނަށް އިހްސާސް ކުރެވޭ ކަމަށެވެ.
އެތައް ބައެއްގެ ދިރިއުޅުން ބިމާ ހަމަކޮށްލި ހިތާމަވެރި ދުވަހު، އެ ކަމުގެ މައްޗަށް ހިތްވަރާއި ސާބިތުކަން ދިވެހިންނަށް ދެއްކުނީ މާތް ﷲގެ ދީލަތިވަންތަކަމާއި އޯގާވަންތަކަމުގެ ސަބަބުން ކަމަށް ރައީސް ވިދާޅުވި އެވެ.
ޖަލްސާއަށް ދިޔަ ކޮޅުފުށީ ރައްޔިތުން: އެ ދުވަހުގެ ހިތާމަ އެ މީހުންގެ މޫނުމަތިން ވަޒަން ކުރެވޭ
"[ހާމަވެގެން ދިޔައީ] އެ ވަރުގަދަ އީމާންތެރިކަމާއެކު އަޅުގަނޑުމެންގެ މެދުގައި އޮތް އެއްބަނޑުއެއްބަފާ ކަމާއި އެކުވެރިކަން، މިއަދު އަޅުގަނޑުމެން މި ފާހަގަކުރަނީ، އެ ދުވަހުގެ ހިތާމަ އާއި ކެކުޅުންތަކުން އަރައިގަތުމުގައި، އެންމެހައި ދިވެހިން ސާބިތުކޮށްދިން އެއްބައިވަންތަކަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސުނާމީގައި އެކި ގޮތްގޮތުން ލިބުނު ގެއްލުމުން އަރައިގަތުމުގައި އެންމެ ބާރުގަދަ ވަސީލަތަކަށް ވެގެން ދިޔައީ ދިވެހިންގެ މެދުގައި އޮތް އެއްބައިވަންތަކަން ކަމަށެވެ.
އަދި، ޒަމާނުއްސުރެ ދިވެހިންގެ މެދުގައި އޮތް އެކުވެރިކަމާއި ކުލުނާއި ލޯބީގެ ވަރުގަދަ ގުޅުމުން، ކިތަންމެ ބޮޑު ގޮންޖެހުމެއް ވެސް ހުރަސްކުރެވިދާނެކަން އެ ދުވަހު ހާމަވެގެން ދިޔަ ކަމަށް ވެސް ވިދާޅުވި އެވެ.
މީގެ 18 އަހަރު ކުރިން ރާއްޖެއަށް އެރި ބޮޑު ރާޅުގައި 82 މީހަކު މަރުވެ، 26 މީހަކު ވީނުވީއެއް ނޭނގި ގެއްލިފައިވެ އެވެ. އޭގެ ތެރެއިން ކޮޅުފުށިން އެކަނި ވެސް 16 މީހަކު މި ދުނިޔެއާ ވަކިވެފައިވެ އެވެ.
ރައީސް ވަނީ ސުނާމީ ކާރިސާގައި މި ދުނިޔެ ދޫކުރި އެންމެހާ ދިވެހިންގެ އާއިލާތަކަށް ތައުޒިޔާ ފޮނުވައި، ސާބިތުކަމާއި، ކެތްތެރިކަން ދެއްވުން އެދި ދުއާ ކުރައްވައިފަ އެވެ.
Comment