Advertisement

މީކާއިލް ރައީސް ސޯލިހުގެ ފަޅިއަށް؛ "އެއީ އާދަޔާހިލާފު ނަމޫނާ ލީޑަރެއް"

25 ޑިސެންބަރު 2022 - 12:43 1

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ


މީކާއިލް ރައީސް ސޯލިހުގެ ފަޅިއަށް؛ "އެއީ އާދަޔާހިލާފު ނަމޫނާ ލީޑަރެއް"

25 ޑިސެންބަރު 2022 - 12:43 1

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ފަޅި ބަދަލުކުރައްވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރާކަން މިއަދު ރަސްމީކޮށް އިއުލާނު ކުރައްވައިފި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޯމަތިވެފައިވަނިކޮށް މީކާއިލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރިން ފާޑުކީ ނަމަވެސް ރައީސް ސޯލިހަށް ތާއީދު ކުރަން ނިންމީ ފާޑުކިޔުންތަކާއެކުގައި ވެސް ގައުމަށްޓަކައި ރައީސް ދެއްކެވި ނަމޫނާ ލީޑަޝިޕްގެ ސަބަބުންނެވެ.

ޕާޓީ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކާއެކު މީކާއިލް އެންމެ ފުރަތަމަ ފާހަގަވެގެން ދިޔައީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި މެންބަރެއްގެ ގޮތުގަ އެވެ. އެގޮތުން މަޖިލިސް ތަޅުމުގައި ވެސް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ސީދާ ރައީސަށް ވެސް ފާޑުވިދާޅުވެފައިވެ އެވެ.

އެހެންނަމަވެސް، އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގެ ބަހުސް ކުރިއަށް ދިޔައިރު މީކާއިލް ވަނީ ރައީސް ސޯލިހަށް ތައުރީފް ކުރައްވައި ވާހަކަ ދައްކަވާފަ އެވެ. އަދި، ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލާ ދެކޮޅަށް ނަޝީދު ފެކްޝަނުން ތިބި ނަމަވެސް މީކާއިލް ވޯޓު ދެއްވީ ސަރުކާރާ އެއް ކޮޅަށެވެ.

އެކަމާ ގުޅިގެން އެއިރު ސުވާލުކުރުމުން މީކާއިލް ވަނީ ފަޅި ބަދަލުނުކުރާ ކަމަށާއި އެހެންނަމަވެސް ސިޔާސީ ގޮތުން ހިޔާލުތަފާތުވި ނަމަވެސް ޕާޓީގެ ވިޕްލައިނާ ހިލާފުވުމަކީ ގަބޫލުކުރާ ހަމައެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

މީކާއިލްގެ އިތުރުން ވެސް ނަޝީދު ފަޅީގައި ތިއްބެވި ބައެއް މެންބަރުން ވަނީ ރައީސް ސޯލިހަށް ތާއީދު ކުރާ ކަން ހާމަކޮށްފަ އެވެ. އޭގެ ތެރޭގައި ނަޝީދާއެކު ބަރުލަމާނީ މަސައްކަތުގައި ހަރަކާތްތެރިވި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގާއި އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު ހިމެނެ އެވެ.

އަންނަ މަހު ފަހުކޮޅު ބާއްވަން ތާވަލްކޮށްފައިވާ ޕްރައިމަރީގައި ވާދަކުރައްވަން ފޯމު ހުށަހަޅާފައިވަނީ ރައީސް ސޯލިހާއި ނަޝީދެވެ.

ނަޝީދު ޕްރައިމަރީގައި ވާދަ ކުރައްވަނީ ޕާޓީ ތެރޭގައި ވަރަށް ބޮޑަށް ހިޔާލު ތަފާތުވެފައިވުން އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ. ހިޔާލު ތަފާތުވުން އުފެދުނީ ރިޔާސީ ޕްރައިމަރީގެ ކުރިން ވާހަކަ ދައްކަން ޖެހޭނީ ދައުލަތް ހިންގުމުގެ ނިޒާމާ ގުޅޭ ގޮތުން ކަމަށް ބުނެ ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރެއްވުމަށް ރައީސް ނަޝީދު ފައިނެންގެވި ހިސާބުންނެވެ.

އެމްޑީޕީ އަކީ ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އެންމެ ބޮޑު ސިޔާސީ ޕާޓީ އެވެ. ރިޔާސީ ޕްރައިމަރީއަށް ހުޅުވާލުމާ ހަމައަށް އެޕާޓީގެ ދަފްތަރުގައި 58،000 މެމްބަރުން އެބަ ތިއްބެވެ.

ދެހާސް އަށާރައިގެ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރެއްވީ ރައީސް ނަޝީދު އެކަންޏެވެ. އެހެން ނަަމަވެސް ރިޔާސީ އިންތިހާބާ ކުރިމަރިލާން ޖެހިވަޑައިގަތް އިރު އެ މަނިކުފާނަށް ކުރިމަތިލެއްވޭ ގޮތް ނުވުމުން، އެ ފުރުސަތު އެމަނިކުފާނުގެ އޭރުގެ އެންމެ އަރިސް ބޭފުޅާ، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ، އިބްރާހިމް މުހައްމަދު ސޯލިހަށް ދެއްވި އެވެ. އެކަން ނިންމީ އެމްޑީޕީގެ ކޮންގްރެސްއިންނެވެ.