Advertisement

ރަށު ނޯޓު: ލާމަސީލު ކަމަދޫ

24 ޑިސެންބަރު 2022 - 18:01 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ބ. ކަމަދޫ: ގާތްގަނޑަކަށް 16.20 ހެކްޓަރުގެ، ބިންތިރި މި ރަށުގެ އާބާދީއަކީ 264 ފިރިހެނުންނާއި 247 އަންހެންނާއެކު ޖުމުލަ 511 ނޫހުން. -- ފޮޓޯ: އޮޑި ކަމަދޫ


ރަށު ނޯޓު: ލާމަސީލު ކަމަދޫ

24 ޑިސެންބަރު 2022 - 18:01 0

ޔޫޓިއުބް ހާވަމުން ދަނިކޮށް ޝައުގު ދަމައިގަތީ ބ. އަތޮޅު ކަމަދޫ މި ލަވައެވެ؛

"ކަމަދޫ ބިމުގާ އިހު އޮތް ގޮތުގާ، ގުޅިގެން އެކުގާ އެއް ރޫހެއްގާ

ހޯދާނީ އީދު އުފާ މިރަށް ވިދާލާނޭ، ހޯދާނީ އީދު އުފާ މިރަށް ވިދާލާނޭ،"

އީދަށް ހާއްސަ ލަވައަކަށް ވިޔަސް، އެ ރަށުގެ މޮޓޯއަކީ، ކާމިޔާބަކީ މި ލަވައިގައި އެ ބުނާ އިހު އޮތް ގޮތުގައި އެންމެން ގުޅިގެން އެކުގައި އެއް ރޫހެއްގައި ކުރެވުނު މަސައްކަތެެވެ. ލާމަސީލު ރަށަކަށް ކުޑަކުޑަ ކަމަދޫ ވެގެން ދިޔައީ އެހެންވެ އެވެ. ކުނި މެނޭޖުކުރުމާއި ރަށުގެ ސާފުތާހިރު ކަމާއި މީހުންގެ އުޅުމާއި ގުޅުމާއި ސަގާފީ ކުޅިވަރާއި ވިޔަފާރީގައި ވެސް ނަމޫނާ އެކެވެ. އެހެން ރަށްރަށަށް ލާމަސީލެކެވެ.

ގާތްގަނޑަކަށް 16.20 ހެކްޓަރުގެ، ބިން ތިރި މި ރަށުގެ އާބާދީއަކީ 264 ފިރިހެނުންނާއި 247 އަންހެންނާއެކު ޖުމުލަ 511 މީހުންނެވެ.

ޒިޔާރަތްކޮށްލާ ކޮންމެ މެހުމާނެއްގެ ހިތް އަތުލާފަދަ ގުދުރަތުގެ ރީތިކަމާއި، އެއާ އެއްވަރަށް ގުޅި ލާމެހި ދެގޮތެއް ނުވާ ހިތްހިޔޮ މެހުމާނުދާރީ އާއި ދިވެހިވަންތަ ސަގާފީ ކުޅިވަރުތަކާއި އާދަކާދަ މި ރަށުން ފެނިގެންދެ އެވެ.

ބޮޑުބެރު، ދަފިނެގުން، މާލި ނެރުން، ބަނޑިޔާ ޖެހުން، ކުރުފަލިޖެހުން، ބޮޑުމަސްކުޅުން، ފެންކުޅި ކުޅުން، ކޯޑިޖެހުން ފަދަ ކުޅިވަރުތައް ކުޅެ ހަދައެވެ. އީދު ފޯރި އާއި އެ ފޯރި އެހެން މީހުންނަށް ތަމްސީލުކޮށް ދިނުމަށްޓަކައި ރަނގަޅު ފެންވަރަކަށް ވީޑިއޯ ހަދައި ޔޫޓިއުބާ އާއި ފޭސްބުކަށް ދޫކޮށްލާފައި އެ ވަނީ ހީވާގި، ރަށު ލޯބި ހުރި ދަރިންތަކެއް ތިބުމުންނެވެ.

އެކިއެކި އޮއެވަރުތަކުގައި ރަށްރަށުގެ ސަގާފީ ކުޅިވަރުތަކާއި ދިވެހިންގެ ސިފަ ދައްކުވައިދޭ ކަންކަން ގެއްލިގެން ގޮސްފައިވާއިރު، ނުވަތަ ގެއްލިގެން ގޮސްދާނެ ކަމުގެ ބިރު އޮތްއިރު، ކަމަދޫ އީދު ފޯރި ލަވައިން އެ ރަށުގެ ތަފާތުކަން އެނގެ އެވެ. ޔޫޓިއުބުގައި ފެންނަން ހުރި އެހެން ލަވަތަކުގައި ރަށުގެ ދެ ޖިންސްގެ އެކި އުމުރުގެ މީހުން ނަގާފައިވާ ފޯރިން ރަށުވަންތަކަމާއި ރަށަށް އޮތް ލޯތްބާއި، އެކުވެރި ކަމާއި ރަށް ދިރުވަން އެންމެން އެދޭ މިންވަރު އިހުސާސްކުރެވެ އެވެ. ރަށް ޕްރޮމޯޓުކޮށް ވިދާލަން ބޭނުންވާކަން އެނގެ އެވެ.

ބ. ކަމަދޫ: މި ރަށުގައި ލޯކަލް ޓޫރިޒަމް އަންނަނީ ތަރައްގީވެ ފުޅާވަމުން. -- ފޮޓޯ: އޮޑި ކަމަދޫ


ލޯކަލް ޓޫރިޒަމްގެ މަންޒިލެއްގެ ގޮތުގައި ފައްކާވެގެން އަންނަ ކަމަދޫގެ، ކުރިއެރުމަށް ހީވާގި މުރާލި ރައްޔިތުންތަކެއް އެދޭ މިންވަރު މުޅި ރަށުގެ މާހައުލުން އެނގެ އެވެ. ފެންވަރު ރަނގަޅު ހޮޓާތައް އެބަ ހުއްޓެވެ. ބުރިބުރިއަށް މައްޗަށް އަރާފައިވާ ހޮޓާތައް އެބަ ހުއްޓެވެ. ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓުން އެނގޭ ގޮތުގައި ކަމަދޫގައި މިހާރު 10 އަށް ވުރެ ގިނަ ގެސްޓް ހައުސް ހިންގަ އެވެ.

ކަމަދޫ ރައްޔިތުން ދިރިއުޅުމަށް ކުރާ މައިގަނޑު މަސައްކަތްތަކަކީ ފަންގި ވިނުމާއި ރޯނު ވެށުމާއި ދަނޑުވެރިކަން ކުރުމާއި ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރުމުގެ އިތުރުން ކޮންޓްރެކްޓް މަސައްކަތެވެ.

ކަރަންޓް ނެޓްވޯކް އެޅި ކަރަންޓްގެ ހިދުމަތް 24 ގަޑިއިރު ލިބެ އެވެ. ރަށުގައި ކިޔަވައިދޭ އެންމެމަތީ ގްރޭޑަކީ ގްރޭޑް 10 އެވެ. ސިއްހީ ހިދުމަތް ފޯރުކޮށްދެ އެވެ. ރަނގަޅު ފެންވަރުގެ ބަނދަރެއް އެބަ އޮތެވެ.

ރަށުގެ ދޮންވެލި ގޮނޑުދޮށާއި ވަށައިގެންވާ ނޫވިލާއި އެ މުއްސަނދި ފަޅާއި ފަރާއި ރަށުގައި ހެދިފައިވާ ގަސްގަހާއި މާމެލާމެލީގެ ސަބަބުން ވެށީގެ ހިތްގައިމުކަން ފުރިހަމަ އެވެ. މިކަންކަން ވެސް ހިމެނޭ ގޮތަށް ކަމަދޫން އަމިއްލަ "ރާގެއްގައި" ދިވެހިންގެ ރީތި ސިފަތަކާއި ސަގާފަތާއި ރަށުގެ ރައްޔިތުންގެ އުޅުންތައް އެ ތަމްސީލުކޮށްދެނީ އެހެން މީހުންނަށް ނަމޫނާއެއް ފަދަ ގޮތަށެވެ.