Advertisement

ރައީސް އަދި ނައިބު ރައީސް ހެކިން ގޮތުގައި ހާޒިރުކުރަން ނިހާން ސުޕްރީމް ކޯޓަށް

24 ޑިސެންބަރު 2022 - 12:16 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އަހުމަދު ނިހާން ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައި؛ ނިހާންގެ ހެކިން ގޮތުގައި ރައީސް ސޯލިހާއި ނައިބު ރައީސް ހާޒިރުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅަނީ


ރައީސް އަދި ނައިބު ރައީސް ހެކިން ގޮތުގައި ހާޒިރުކުރަން ނިހާން ސުޕްރީމް ކޯޓަށް

24 ޑިސެންބަރު 2022 - 12:16 0

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން، މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާނުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިންގަމުންދާ ޝަރީއަތަށް، އޭނާގެ ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހެޅި ބައެއް ހެކިތައް ބަލައިނުގަނެ އޮތުމުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމައިފި އެވެ.

ނިހާނުގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ހިފުމުގެ ތިން ދައުވާއަކާއި ރިޝްވަތަށް އެދުމުގެ ދެ ދައުވާއަކާއި، މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތުގައި ނިހާނު ހުށަހެޅި ހެކިތައް ބަލައިނުގަތުމަށް ދައުލަތުން ހުށަހަޅާފައިވެ އެވެ.

އެއިން ބައެއް ހެކިތަކަކީ މައްސަލައާ ގުޅުމެއް ނެތް ހެކީގެ ގޮތުގައި ކްރިމިނަލް ކޯޓުން ކަނޑައެޅި އެވެ. އަދި އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރު މުހައްމަދު ފައިސަލް ވެސް ބުރަވީ ދަށު ކޯޓުގެ ނިންމުން ދެމެހެއްޓުމަށެވެ.

ބަލައިނުގަންނަން ނިންމި ހެކިންގެ ތެރޭގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަދި ނައިބު ރައީސް ފައިސަލް ނަސީމް ހިމެނެ އެވެ. އެ ދެ ބޭފުޅުން ހެއްކެއްގެ ގޮތުގައި ހުށަހެޅީ، 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ނިހާން އަދާކުރައްވަން ޖެހޭ ދައުރު ސާފުކޮށްދިނުމަށެވެ.

ސޯލިހަކީ، އެ މަޖިލީހުގައި ހިންނަވަރު ދާއިރާ ތަމްސީލް ކުރެއްވި މެންބަރެވެ. އަދި ފައިސަލަކީ ކާށިދޫ ދާއިރާގެ މެންބަރެވެ. ދެ ބޭފުޅުން ވެސް 18 ވަނަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މަސައްކަތް ކުރެއްވި އެވެ.

"އަޅުގަނޑުމެންނަށް ލިބޭނެ މަސައްކަތު 10 ދުވަސް މައްސަލަ އިސްތިއުނާފް ކުރުމަށް، އެ މުއްދަތުގެ ތެރޭގައި ހެކިން ބަލައިގަތުމަށާއި ދަށު ކޯޓުގައި ބަލައިނުުގަތް އެހެން ހުށަހެޅުންތައް ވެސް ބަލައިގަންނަން ސުޕްރީމް ކޯޓަށް ހުށަހަޅާނަން،" ނިހާންގެ ވަކީލު ހުސްނީ މުބާރަކް "އަދަދު" ނޫހަށް ވިދާޅުވި އެވެ.

ނިހާންގެ ފަރާތުން ހުށަހެޅި ހެކިންގެ ތެރޭގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި، ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް، އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވެސް ހިމެނެ އެވެ. ހެކިންގެ ގޮތުގައި އެ ބޭފުޅުން ބަލައިގަތުމަށް ދަށު ކޯޓުން ނިންމާފައިވެ އެވެ.

އެއީ އެ ތިން ބޭފުޅުން ކުރައްވާފައިވާ ޓްވީޓްތަކާ ގުޅޭ ގޮތުން ބައެއް ކަންކަން ސާފުކުރުމަށެވެ. އެ ޓްވީޓްތަކަކީ އެމްއެމްޕީއާރުސީގެ ހިޔާނާތް ހިންގެވުމުގައި އިސްކޮށް އުޅުއްވި ކަމަށް އެއްބަސްވެ ގޭ ބަންދުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ފޯނާ ގުޅޭ ގޮތުން އެ ބޭފުޅުން ކުރައްވާފައިވާ ޓްވީޓްތަކެކެވެ.

މައްސަލައިގެ ފަސްފަހަތް؛

ނިހާންގެ މައްޗަށް ދައުވާ އުފުލައި، ޕީޖީ އޮފީހުން ނެރުނު ބަޔާނުގައި ބުނި ގޮތުގައި ވިލިމާލެ ދާއިރާގެ މެންބަރުކަމުގައި އަދި މާލިއްޔަތު ކޮމެޓީގެ މުގައްރިރުގެ މަގާމުގައި ހުރިއިރު، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަރިހު ރިޝްވަތަށް އެދި، ރިޝްވަތު ގަބޫލުކޮށްފައިވެ އެވެ.

ނިހާނަށް ލިބިފައިވާ އެއްވެސް ފައިސާއެއް ލިބުނުކަން އޭނާ 2014 އިން ފެށިގެން 2019 އާ ދެމެދު ހުށަހަޅާފައިވާ މާލީ ބަޔާންތަކުގައި ހިމަނާފައިނުވާކަން ވެސް ޕީޖީ އޮފީހުން ފާހަގަކޮށްފައިވެ އެވެ.

ދައުވާގައި ބުނަނީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ އޮޑިޓު ރިޕޯޓްގެ މައްސަލަ މާލިއްޔަތު ކޮމިޓީގައި އެޖެންޑާ ނުކޮށް ނިހާން ބޭއްވި އެވެ. އެގޮތަށް ކަން ކޮށްފައިވަނީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަދި އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މުގުލުގައި ހުރި އަހުމަދު އަދީބު އަންގައިގެން ކަމަށާއި އޭގެ ބަދަލުގައި ނިހާން ވަނީ އަދީބުގެ އަތުން އެއް ލައްކަ ފަންސާސް ހާސް ޑޮލަރު ހޯދާފައި ކަމަށް ދައުވާގައިވެ އެވެ. އެކަމާ ގުޅިގެން އުފުލާފައިވަނީ ރިޝްވަތު ހިފުމުގެ ދައުވާ އެވެ.

އެ ފައިސާ, އެސްއޯއެފްގެ އެކައުންޓަކުން ޖަމާކޮށްފައިވަނީ ނިހާންގެ ބޭބެއެއް ކަމަށްވާ މުހައްމަދު އިނާން, ސިލޯން ބޭންކްގައި ހުޅުވާފައިވާ އެކައުންޓަކަށެވެ. އަދި, އޭގެފަހުން އެ އެކައުންޓުން ޖޭ ހޮޓެލްސްގެ ނަމުގައި ހަބީބު ބޭންކްގައި އޮތް އެކައުންޓަކަށް އެ ފައިސާ ފޮނުވުމަށްފަހު, ޕްލެޓިނަމް އެޕާޓްމެންޓަށް ފައިސާ ދެއްކުމުގެ ގޮތުން އެ އެކައުންޓުން އެއް މިލިއަން ނުވަލައްކަ ރުފިޔާ ނިހާން ހަރަދުކޮށްފައި ވެ އެވެ.

މިކަމާ ގުޅިގެން ނިހާންގެ އެ އަމަލަކީ ފައިސާގެ އަސްލު އޮޅުވާލައި, ކަޅު ފައިސާ ދޮވުން ކަމަށް ތުހުމަތުކޮށް ކޮށްފައިވަނީ މަނީ ލޯންޑްރިންގެ ދައުވާ އެވެ.

ރިޝްވަތަށް އެދުމުގެ ދައުވާގައި ވަނީ ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމަށް މީހަކު އައްޔަން ކުރުމާއި ޖުޑީޝަލް ސާވިސް ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން މެންބަރަކު ހޮވުމުގެ ވޯޓާ ދިމާކޮށް ރޮލެކްސް ގަޑިއެއް ބޭނުންވާ ކަމަށް އަދީބު ގާތު ނިހާން ބުނެފައިވާ ކަމަށެވެ.

ފަހު ދެ ދައުވާ ކަމަށްވާ ރިޝްވަތު ލިބިގަތުމަށް އެދުމުގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ދައުވާ ނިހާންގެ މައްޗަށް އުފުލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދީބު އަތުން ނެގި ކަމަށް ބުނާ ހަ ލައްކަ ރުފިޔާއާ ގުޅޭ ގޮތުންނެވެ.

މި ދައުވާތަކަށް ނިހާން އިންކާރުކޮށްފައިވާއިރު، ޝަރީއަތް ނިމެންދެކަށް އޭނާ ފުރުން މަނާކޮށް ޕާސްޕޯޓް ވަނީ ހިފަހައްޓައިފަ އެވެ.