Advertisement

"ރައްޔިތުން މި ސަރުކާރު ބަލައިގެންފި"؛ ވާދަވެރިންނަށް ރައީސް ދެއްކެވީ އަސާސީ ހިދުމަތާއި މިނިވަންކަން

24 ޑިސެންބަރު 2022 - 00:00 0


"ރައްޔިތުން މި ސަރުކާރު ބަލައިގެންފި"؛ ވާދަވެރިންނަށް ރައީސް ދެއްކެވީ އަސާސީ ހިދުމަތާއި މިނިވަންކަން

24 ޑިސެންބަރު 2022 - 00:00 0

ރައްޔިތުން ވަނީ މި ސަރުކާރު ބަލައިގެންފައި ކަމަށާއި އެހެންވެ, ރާއްޖޭގެ ތަރައްގީއަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ސަރުކާރާ އެކު ރައްޔިތުން ތިބުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ އެދިވަޑައިގެންފި އެވެ.

ދެވަނަ ދައުރަކަށް ވާދަކުރެއްވުމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވައި, އެ ކެމްޕެއިން ރައީސް ސޯލިހު މިހާރު ވަނީ ފައްޓަވާފަ އެވެ. އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ އެމަނިކުފާނު ވާދަކުރައްވައި, ސަރުކާރުގެ ސިޔާސަތުތަކަށް ނަޝީދުގެ ފާޑުކިޔުން ބޮޑެވެ.

އޭގެއިތުރުން އިދިކޮޅު ކެންޑިޑޭޓް, ކުރީގެ ރައީސް އަބްދުالله ޔާމީންގެ ފާޑުކިޔުންތައް ވެސް ރައީސް ސޯލިހަށް މިރޭ ވެސް ވަނީ އަމާޒުކުރައްވާފަ އެވެ.

ގއ. ދާންދޫއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ގައުމު ކުރިއެރުވުމަށް ކުރާ މަސައްކަތުގައި ސަރުކާރާއެކު ރައްޔިތުން ތިބުމަށް އެދޭ ކަމަށާއި އޭރުން ރައްޔިތުން ބޭނުންވާ ގޮތަށް ގައުމު ތަރައްގީވަމުން ދާނޭ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުން ވަނީ މި ސަރުކާރު ބަލައިގަނެފަ އެވެ.

ސަރުކާރަށް ހަަތަރު އަހަރުވެފައިވާ އިރު، މީގެ ހަތަރު އަހަރު ކުރިން ރައްޔިތުން މި ސަރުކާރު ގެނައުމަށް ވޯޓު ދިނީ ވަރަށް ގިނަ ކަންކަމަށް ރައްޔިތުން ބޭނުންވެފައިވާތީ ކަމަށް ރައީސް ވިދާޅުވި އެވެ. އޭގެތެރޭގައި އަސާސީ ހިދުމަތްތައް ހޯދުމާއި، އިޖްތިމާއީ ހަމަޖެހުން ގާއިމްކުރުމާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހޯދުން ފަދަ ކަންކަން ހިމެނޭ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސް ވަނީ ސަރުކާރުން ރައްޔިތުންގެ އުންމީދުތަކާ އެއްގޮތަށް ކަންކަން ފުރިހަމަކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން ސިޔާސީ ހިޔާލުތަފާތުވުމާއި ގުޅިގެން އެއްވެސް ވިޔަފާރިވެރިއަކަށް ވިޔަފާރިކުރުމަށް ހުރަސް އަޅާފައި ނުވާނޭ ކަމަށާއި، ދުލާއި ގަލަމުގެ މިނިވަންކަން ގާއިމްކުރުމަށާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއަޅާފައި ނުވާނޭ ކަމަށާއި، ކުރިން މެދުކެނޑެމުން އައި އަސާސީ ހިދުމަތްތައް މެދުނުކެނޑި ލިބޭނޭ ގޮތް ފަހިކޮށްދީފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ވެސް ރައީސް ވިދާޅުވި ގޮތުގައި މިއަދާ ހަމަޔަށް 15,000 އަށް ވުރެ ގިނަ ޒުވާނުން ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން މަތީ ތަޢުލީމު ހާސިލްކުރަމުންދާ ކަމަށާއި، ގއ. ދާންދޫއަށް އެކަނި ބެލި ކަމުގައިވިޔަސް މި ޕްރޮގްރާމްގެ ދަށުން 125 މީހެއް މަތީ ތައުލީމު ހާސިލްކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރުގެ ވެރިކަމުގެ ފަސް އަހަރު ނިމޭ އިރު ލަފާފުރުމަށް ދަތިވެފައިވާ ރަށެއް ނޯންނާނެ ކަމަށާއި، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ހިސާބަކުން ވެސް ސާފު ފެނާއި ނަރުދަމާގެ ހިދުމަތްތައް ލިބިގެންދާނެކަމުގައި ވިދާޅުވެފަ އެވެ.

މި ރަސްމިއްޔާތުގައި ރައީސް ވަނީ ގއ. ދާންދޫގައި މިހާރުވެސް 12 އަށް ވުރެ ގިނަ މަޝްރޫއު އެކި މަރުހަލާގައި ހިނގަމުންދާކަން ފާހަގަކުރައްވައި، ދާންދޫއަށް އިތުރު މަޝްރޫއުތައް އިއުލާންކޮށްދެއްވާފަ އެވެ. އެގޮތުން، ރައްޔިތުންގެ އެދުމުގެ މަތިން ދާންދޫގައި ބޭންކެއް ގާއިމްކުރުމަށާއި، މަސްވެރި ރަށަކަށް ވުމުން ދާންދޫގައި އޮޑި އެހެލާނެ ސަރަހައްދެއް، ބަނދަރު މަޝްރޫއާއެކީ ކުރިޔަށްގެންދަވާނެ ކަމުގައި ވިދާޅުވި އެވެ. މީގެ އިތުރުން ވެސް ދާންދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ބިލްޑިންއާއެކު ބްލަޑް ބޭންކާއި، ސްކޫލްގެ މަލްޓިޕާޕަސް ހޯލާއެކު ކްލާސްރޫމް އިތުރުކުރައްވާނެކަން ވެސް އެމަނިކުފާނު ވަނީ އިއުލާން ކުރެއްވި އެވެ.

ރައީސް ވަނީ މަސްވެރިންގެ ކަންބޮޑުވުނަތަކަށް ވެސް އެދެވޭ ހައްލުތައް ވަރަށް އަވަހަށް ފެންނަމުންދާނެ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން، ފެނަކަ މެދުވެރިކޮށް ކްރެޑިޓަށް އައިސް ވިއްކާނެ ކަމަށާއި، އެސްޓީއޯ މެދުވެރިކޮށް މަސްވެރިން ބޭނުންވާ މިންވަރަށް ތެލާއި ޑީސަލް ވަރަށް އަވަހަށް ލިބިގެންދާނެ ކަމަށާއި، ކްރެޑިޓަށް ވެސް ތެލާއި ޑީސަލް ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ގއ. ދާންދޫ ބިން ހިއްކުމުގެ މަޝްރޫއު ސަރުކާރުން ކުރިޔަށް ގެންގޮސްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އާ ހަވާލުކޮށްގެންނެވެ. މި މަޝްރޫއަކީ 186.64 މިލިއަން ރުފިޔާގެ ބިޔަ ބޮޑު މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ދާންދޫއަށް 25 ހެކްޓަރުގެ ބިން ވަނީ އިތުރުކޮށްފަ އެވެ.