Advertisement

ފްރާންސްގެ ފުޓްބޯޅަ ރައީސް ބޭނުމީ ޑެޝޯމްޕްސް މަގާމުގައި ހުންނަން

23 ޑިސެންބަރު 2022 - 13:38 0

ފްރާންސްގެ ފުޓްބޯޅަ ރައީސް ލަ ގްރައެޓް (ކ) އާއި ޑެޝޯމްޕްސް ބައްދަލުވުމެއްގެ ތެރެއިން.


ފްރާންސްގެ ފުޓްބޯޅަ ރައީސް ބޭނުމީ ޑެޝޯމްޕްސް މަގާމުގައި ހުންނަން

23 ޑިސެންބަރު 2022 - 13:38 0

ޕެރިސް (ޑިސެމްބަރު 23) - ފްރާންސް ގައުމީ ޓީމުގެ ކޯޗަކަށް މި ވަގުތު ވެސް އެ މަގާމުގައި ހުރި، ކުރީގެ ކެޕްޓަން ޑިޑިއޭ ޑެޝޯމްޕްސް ބަހައްޓަން، ފްރާންސް ފުޓްބޯލް ފެޑެރޭޝަންގެ ރައީސް ނޮއެލް ލަ ގްރައެޓް ތާއީދުކުރާ ކަމަށް ބުނެފި އެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގެ ފައިނަލުން ޕެނަލްޓީ ޖަހައިގެން އާޖެންޓީނާ އަތުން ބަލިވެ، 60 އަހަރު ތެރޭ ވޯލްޑް ކަޕްގެ ތަށި ދިފާއުކުރާ ފުރަތަމަ ގައުމަށް ވުމުގެ ޝަރަފް ހޯދަން ނުކުމެ، ފްރާންސަށް ނާކާމިޔާބުވުމުން، އެ މެޗަށް ފަހު، ޑެޝޯމްޕްސް ވަނީ ފްރާންސް ކޯޗަކަށް ދެމިހުންނާނެތޯ އަމާޒުވާ ސުވާލަށް ޖަވާބުދޭން އެއީ އެންމެ ރަނގަޅު ވަގުތު ނޫން ކަމަށެވެ.

ޑެޝޯމްޕްސް، 54، ފްރާންސާ އެކު ކޮންޓްރެކްޓްގައި ހުރީ ޖަރުމަނުގައި 2024 ވަނަ އަހަރު ބާއްވާ ޔޫރޯގެ ނިޔަލަށެވެ. އެކަމަކު، އޭގެ ކުރިން ވެސް ޑެޝޯމްޕްސް މަގާމު ދޫކޮށްލުމުގެ ފުރުސަތު އެބައޮތް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ފްރާންސްގެ ގިނަ ނޫސްތަކުން ރިޕޯޓްކުރާގޮތުގައި އަންނަ ހަފްތާގައި ފްރާންސްގެ ގީންގޯމްގައި ޑެޝޯމްޕްސްއާ އެކު ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުން ބާއްވާ ބައްދަލުވުމުގައި ފްރާންސްގެ ފުޓްބޯޅަ ރައީސް، ލަ ގްރައެޓް ނިންމަވާފައިވަނީ ޑެޝޯމްޕްސް މަގާމުގައި ބެހެއްޓުމަށް ތާއީދުކުރާކަން ހާމަކުރުމަށެވެ.

"އަހަރެމެން ގީންގޯމްގައި ބާއްވާ ބައްދަލުވުމުން ކަންކަން ހަމަޖެހިގެންދާނެ. އޭނަ (ޑެޝޯމްޕްސް) ޓީމުގައި ހުންނަން ބޭނުމިއްޔާ، އެ ފުރުސަތު އެބައޮތް، އެކަމަކު، އޭނަ ޓީމު ދޫކޮށްލާނަމަ ބައްދަލުވުން ވެސް ކުރުވާނެ،" ލަ ގްރައެޓް ވިދާޅުވި އެވެ. "އަހަރެންގެ އަމިއްލަ ވިސްނުމުގައި އެއްޗެއް ބުނާ ކަމަށްވާނަމަ، ޑެޝޯމްޕްސްގެ މަސައްކަތް އަހަރެން ބަލައިގަންނަން، އޭނާ މަޑުކުރަން ވެސް އެދެން،"

ޑެޝޯމްޕްސް، ފްރާންސް ޓީމާ ހަވާލުވީ 2012 ވަނަ އަހަރު އެވެ. އޭނާގެ ކޯޗުކަމުގައި ފްރާންސް އިން 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާއި މިދިޔަ އަހަރުގެ ޔުއެފާ ނޭޝަންސް ލީގުގެ ޗެމްޕިއަންކަން ހޯދި އެވެ. ފްރާންސް ކޯޗުކަން ޑެޝޯމްޕްސް ދޫކޮށްލައިފިނަމަ، އެ މަގާމާ ހަވާލުވާނެ ކަމަށް ބެލެވެނީ ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު، ފްރާންސްގެ ތަރި، ޒިނެދިން ޒިދާން އެވެ.

މި ފަހަރުގެ ވޯލްޑް ކަޕަށް ފަހު ގިނަ ޓީމުތަކުން ވަނީ ކޯޗުން ބަދަލުކޮށްފަ އެވެ.

މަގާމުން ދުރުވި ކޯޗުންގެ ނަން ތަކަށް ބަލާއިރު، އޭގެ ތެރޭގައި ހިމެނެނީ ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓީނޭޒް، ދެކުނު ކޮރެއާގެ ކޯޗު ޕައުލޯ ބެންޓޯ، ގާނާގެ ކޯޗު އޮޓޯ އައްޑޯ، ބްރެޒިލްގެ ކޯޗު ޓީޓޭ، ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސް، ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ، ނެދަލެންޑްސްގެ ކޯޗު ލުއީ ވެން ހާލްގެ އިތުރުން މެކްސިކޯގެ ކޯޗު ޓަޓާ މާޓީނޯ އަދި ޕޮލެންޑްގެ ކޯޗު ޗެސްލާފް މިހްނިއޭވިޗް އެވެ.

ޕްރެޝަރު ބޮޑުވި ނަމަވެސް ޖަރުމަނުގެ ކޯޗު ހަންސީ ފްލިކާއި އިނގިރޭސި ކޯޗު ގަރެތު ސައުތުގޭޓް މަގާމުގައި ބަހައްޓަން އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންތަކުން ވަނީ ނިންމައިފަ އެވެ.