Advertisement

ޑަބްލިޔުޑީސީ ބައި-އިލެކްޝަންތައް ދެން ބާއްވާނީ އަހަރަކު އެއް ފަހަރު

22 ޑިސެންބަރު 2022 - 10:31 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ބައި އިލެކްޝަން އިންތިހާބެއްގެ ވޯޓު ލުމުގެ އިތުރުން؛ ޑަބްލިޔުޑީސީ ބައި އިލެކްޝަން ދެން ބާއްވާނީ އަހަރަކު އެއް ފަހަރު --- އަދަދު ފައިލް ފޮޓޯ


ޑަބްލިޔުޑީސީ ބައި-އިލެކްޝަންތައް ދެން ބާއްވާނީ އަހަރަކު އެއް ފަހަރު

22 ޑިސެންބަރު 2022 - 10:31 0

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިޔުޑީސީ)ގެ ބައި-އިލެކްޝަންތައް އަހަރަކު އެއް ފަހަރު ބާއްވާ ގޮތަށް ގަވައިދު ބަދަލުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ގެޒެޓު ކޮށްފައިވާ މި ގަވައިދުގެ އާ ބަދަލުގައިވާ ގޮތުން ޑަބްލިޔުޑީސީ ގޮނޑިއެއް ހުސްވެގެން، އެ ގޮނޑިއަށް މެންބަރަކު ހޮވަން އިންތިހާބު ބާއްވަން ޖެހޭނީ އީސީއަށް އަންގާތާ 365 ދުވަސް ތެރޭގަ އެވެ.

އެހެންނަމަވެސް، އެ ގޮނޑިއަށް މެންބަރަކު ހުސްވިއިރު، މަގާމުގައި އަހަރަކަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ، އެ ބަދަލެއް ގެނައުން ލާޒިމެއް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.

ރަށްރަށުގެ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް ގިނަވެ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ބަޖެޓަށް ބުރަވާތީ، އެކަން ހައްލުކުރުމަށް މަޖިލީހުގެ ތެރެއިން ގާނޫނު ބަދަލުކުރުމުގެ މަސައްކަތް މީގެ ކުރިން ކޮށްފައިވެ އެވެ.

ސަރުކާރުގެ ފަރާތުން އެކަމަށް ދެ ބިލެއް ހުށަހެޅިއިރު، އެއީ ޑަބްލިޔުޑީސީގެ އިތުރުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ވެސް އަހަރަކު އެއް ފަހަރު ބޭއްވުމަށެވެ.

ނަމަވެސް، އަހަރަކު އެއް ފަހަރު ބައި-އިލެކްޝަންތައް ބާއްވަން މިހާރު ގެންގުޅޭ ވިސްނުމަކީ ޑިމޮކްރެޓިކް އުސޫލުތަކާ ހިލާފު ކަމެއް ކަމަށް ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ކަމުގައިވާ ލޯކަލް ގަވަމެންޓް އޮތޯރިޓީ އިން ވަނީ ބުނެފަ އެވެ.

ގިނަ ބައެއްގެ ކަންބޮޑުވުންތަކާއެކު މަޖިލީހުން މި ބިލު ފާސްކޮށްފައިނުވާއިރު، އަނބުރާ ކޮމިޓީއަށް ފޮނުވަން ފެނޭތޯ ވޯޓެއް ނެގުމުން އެގޮތަށް ވެސް ފާހެއް ނުވި އެވެ.

ޑަބްލިޔުޑީސީގެ މެންބަރުން އިސްތިއުފާ ދޭ މިންވަރު އިތުރުވެ، ގިނަ ރަށްތަކެއްގައި ބައި-އިލެކްޝަންތައް ބާއްވަން ޖެހުމަކީ އީސީއަށް ބޮޑު މާލީ ބުރައެއްގެ ގޮތުގައި ތަކުރާރުކޮށް އެކި ފަހަރުމަތީން ފާހަގަކޮށްފައިވެ އެވެ. އޭގެ ބަދަލުގައި މި ބައި އިލެކްޝަންތައް އަތޮޅު ކައުންސިލުން ބާއްވަން މަޝްވަރާ ކުރެވުނަމަވެސް އެ ވާހަކަތައް ފަހުން މާ ބޮޑަށް ދެކެވިފައިނުވެ އެވެ.