21 ޑިސެންބަރު 2022 - 07:47 0
އައިޝަތު ނުޒުހާ
ސްޓެލްކޯގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ދިނުމަށް ފޭސް ދޭއްގައި ގާއިމްކޮށްފައިވާ ފްލެޓުތައް--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދުސ
21 ޑިސެންބަރު 2022 - 07:47 0
ސްޓެލްކޯގެ މުވައްޒަފުންނަށް ހާއްސަކޮށްގެން އިމާރާތްކުރި ފްލެޓުތަކަށް ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ މުއްދަތު އިތުރުކުރަން މެނޭޖުމެންޓުން ނިންމައި ކުންފުނީގެ ބޯޑަށް ހުށަހަޅާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްްޖެ އެވެ.
ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދެ ޓަވަރެއްގައި، ސްޓެލްކޯގެ މުވައްޒަފުންނަށް 360 ފްލެޓް އިމާރާތް ކޮށްފައިވެ އެވެ. ސްޓެލްކޯ ފްލެޓްތަކުގެ ތެރޭގައި ހިމެނެނީ އެއް ކޮޓަރީގެ 72 އެޕާޓްމަންޓާއި ދެ ކޮޓަރި އާއި މެއިޑް ރޫމާއެކު ތިން ކޮޓަރި ހިމެނޭ 288 އެޕާޓްމެންޓެވެ.
މި ތަންތަން މުވައްޒަފުންނާ ހަވާލުކޮށްފައިވަނީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގަ އެވެ.
ކަރަންޓު ހިދުމަތް ދޭން ފެށިތާ 73 އަހަރު ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ ޑިސެމްބަރު މަހުގެ ނިޔަލަށް ފްލެޓުގެ އެޑްވާންސް ނުދެއްކިވާ މުވައްޒަފުންނަށް ލުއެއް ދޭން ނިންމާފައިވާ ކަމަށެވެ.
"އެޑްވާންސް ޕޭމެންޓު، ޕްރައިމަރީ އެމައުންޓުގެ ތެރެއަށް ހިމަނައިގެން ކުރިއަށް ގެންދަން ސްޓެލްކޯއިން މިހާރު ވަނީ ނިންމާފައި،" ޝަރީފް ވިދާޅުވި އެވެ.
މީގެ އިތުރުން ޝަރީފް ވިދާޅުވީ ފްލެޓަށް ދައްކަން ޖެހޭ ކުލީގެ އަގާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހައްލުކޮށްދިނުމުގެ ގޮތުން ވެސް ނިންމުމެއް ނިންމާފައިވާ ކަމަށެވެ. އެއީ ފްލެޓުގެ އަގު 18 އަހަރުން ދެއްކުމުގެ ބަދަލުގައި 25 އަހަރުން ދައްކާ ގޮތަށް ބަދަލުކުރުމެވެ. މި ބަދަލާއެކު މަހުން މަހަށް ދައްކަންޖެހޭ އަދަދު ކުޑަވާނެ އެވެ.
"މިކަން މިހާރު މެނޭޖުމަންޓުން ނިންމައި ބޯޑަށް ވާނީ ހުށަހަޅާފައި،" އޭނާ ވިދާޅުވި އެވެ.
މި ބަދަލު ބޭނުންވާ ފަރާތްތައް ލިޔުމުން ސްޓެލްކޯއަށް އަންގަން ޖެހޭނެ ކަމަށާއި ނޫންނަމަ އެގްރީމެންޓު ބާތިލް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދެވަނަ ފިޔަވަހީގައި ގާއިމްކޮށްފައި ފްލެޓު ނުލިބޭ މުވައްޒަފުންނަށް ވެސް ބޯހިޔާވަހިކަން ހޯދަން އެހީވާނެ ސްކީމެއް ތައާރަފް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ.
ސްޓެލްކޯގެ ފްލެޓްތަކުން އެއްކޮޓަރީގެ އެޕާޓްމަންޓްތަކުގެ އަގު އުޅެނީ މަހަކު 5622ރ. އަށެވެ. މެއިޑް ރޫމް ހިމެނޭ ތިން ކޮޓަރީގެ އެޕާޓުމެންޓުތަކުގެ އަގު އުޅެނީ މަހަކު 10،356ރ. އާއި 10،652ރ. އާ ދެމެދުގެ އަގެއްގަ އެވެ.
Comment