Advertisement

ޖަލުތަކުގެ ވާހަކަ އާއި ފައިސަލަށް ނުލިބުނު ހައްގުތައް

22 ޑިސެންބަރު 2022 - 10:26 9

ހަސަން މުހައްމަދު

ހަސަން މުހައްމަދު


ޖަލުތަކުގެ ވާހަކަ އާއި ފައިސަލަށް ނުލިބުނު ހައްގުތައް

22 ޑިސެންބަރު 2022 - 10:26 9

ރިޕޯޓުތަކަށް ބަލާއިރު، ހދ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގައި މީހަކު މަރުވުމަކީ، ނުވުމަށްވުރެ، ވުން ގާތް ކަމެކެވެ. ހޮސްޕިޓަލުގައި މަރުވި ނަމަވެސް އދ. ފެންފުށީ، ރޯޒީވިލާ، އަބޫބަކުރު ފައިސަލްއަކީ ކުޅުދުއްފުށީ ސްޓޭޝަނުގެ ގޮޅިތަކަށްލީ މީހުންގެ ތެރެއިން، އިހުމާލާއި އަޅާނުލުމުގެ ވެއްޓެއްގައި މަރުވި ފުރަތަމަ މީހާ އެވެ.

"ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހަކު މަރުވުމަކީ ވަރަށް ބޮޑު މައްސަލައެއް. ފައިސަލްއަކީ ކުށެއް ނެތް މީހެއް. އޭނާއަށް ވެސް ލިބިގެންވާ ހައްގުތަކެއް ހުރޭ. ދިރިހުރުމުގެ ހައްގު އެއީ އެންމެ ބޮޑު ހައްގު،" އިންސާނީ ހައްގުގެ ދާއިރާއިން ތައުލީމު ހާސިލް ކުރައްވައި، ހައްގުތަކުގެ ދާއިރާއިން މަސައްކަތް ކުރާ އަހުމަދު "ފޯމީ" މުހައްމަދު ވިދާޅުވި އެވެ.

އަނބިމީހާގެ މަރުގެ މައްސަލައިގައި ފުލުހުންނާ އަމިއްލައަށް ހަވާލުވުމުން ހައްޔަރުކޮށްފައި ހުރި ފައިސަލް މިދިޔަ ހޯމަ ދުވަހު ދަންޖެހުނު ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަކީ، ރާއްޖޭގެ އެހެން ބަންދު މަރުކަޒުތަކެކޭ އެއްފަދައިން އެތަނަށްލާ މީހުންގެ ގިނަ ހައްގުތަކެއް ގެއްލުވާލާ މަރުކަޒެކެވެ. ރާއްޖެ ބައިވެރިވާ ބައިނަލްއަގްވާމީ މުއާހަދާތަކާއި ގާނޫނު އަސާސީ އާއި ގާނޫނާއި ގަވާއިދުތަކާއި އުސޫލުތަކުން ލިބިދޭ ހައްގުތައް އޮންނަނީ ބަންދު ކުރާ މަރުކަޒުތަކުގެ ނިޒާމުގެ ތެރެއަށް ނުވައްދަ އެވެ.

ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގައި ހުރި މައްސަލަތައް

ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ތިން ފަހަރު ޒިޔާރަތްކޮށްފައިވެ އެވެ. އެއީ 2012 ވަނަ އަހަރާއި 2014 ވަނަ އަހަރާއި ޖެހިގެން އައި 2015 ވަނަ އަހަރު ކުރި ފޮލޯއަޕް ޒިޔާރަތެވެ. އޭގެ އިތުރުން ޖަލު އޮޑިޓު ކުރުމަށް އުފެއްދި ކޮމިޝަނުން ވެސް އެ ޖަލަށް ޒިޔާރަތްކޮށްފައިވެ އެވެ.

އެޗްއާރްސީއެމްގެ ފުރަތަމަ ޒިޔާރަތަށްފަހު ސްޓޭޝަން އަށް ގޮޅީގެ ބަންދު މަރުކަޒަކުން 15 ގޮޅީގެ ބަންދުގެ މަރުކަޒަކަށް ބަދަލުވި އިރު ވެސް އެތަނުގައި ހުރި ގިނަ މައްސަލަތަކަށް ހުރީ އަޅައިނުލެވި އެވެ. އޭގެ ތެރޭގައި އިންފްރާސްޓްރަކްޗާގެ މައްސަލަތަކާއި މުވައްޒަފުން ބޭނުންވާ އާލާތްތައް ހަމަނުކުރުމާއި އަނިޔާ ކުރުމުގެ މައްސަލަތައް ވެސް ހިމެނެ އެވެ.

އެޗްއާރްސީއެމުން 2012 ގައި ފާހަގަ ކުރި ބައެއް

  • ކަސްރަތު ކުރުމަށް ގޮޅިން ބޭރަށް ނުނެރުން
  • ގައިދީން ކޮންޓްރޯލް ކުރުމުގައި ހަމައެކަނި ހާލަތާ ނުގުޅޭ ބާރު ބޭނުން ކުރުން
  • ބޮޑެތި މީހުންނާއި ކުޑަކުދިން އެއްތަނެއްގައި ބަންދު ކުރުން
  • ބަންދު ކުރާ މީހާގެ ސިއްހީ ހާލަތު އެސެސް ނުކުރުން
  • ސިއްހީ އެމެޖެންސީއެއް ދިމާވެއްޖެ ނަމަ ފަރުވާ ކުރެވޭނެ ގޮތް ނެތުން

އެޗްއާރްސީއެމުން 2014 ވަނަ އަހަރު ފާހަގަ ކުރި ބައެއް މައްސަލަތައް

  • ބަލިވެގެން ބޭސް ދޭ މީހާ އެނގޭ ގޮތަށް ނޯޓު ނުކުރުން
  • އާއިލާގެ އެދުމަށް ކުށެއް ނެތް ނަފްސާނީ ބަލިމީހަކު ހައްޔަރުކޮށްގެން ގެންގުޅުން
  • ގޮޅީގެ ޖާގައަށްވުރެ އިތުރަށް މީހުން ވެއްދުން
  • ގައިދީން ގިންތި ނުކުރުން

އެޗްއާރްސީއެމުން 2015 ވަނަ އަހަރު ފާހަގަ ކުރި ބައެއް މައްސަލަތައް

  • ގައިދީއަކު ވަކި ގޮޅިއަކަށް ލައި އަނިޔާ ކުރި ކަމަށް ޝައްކު ކުރެވުމުން އޭނާގެ މައުލޫމާތު ސިއްރު ކުރުން
  • ނުކިޔަމަންތެރިކަން ދައްކާ މީހުން ކޮންޓްރޯލް ކުރުމަށް ހާއްސަ އިޖުރާއަތްތަކެއް ނެތުން
  • ބަންދު ކުރާ މީހާ ބަންދު ކުރާ ގަޑި ފަދަ އަސާސީ ކަންކަން ނޯޓުކޮށްފައި ނެތުން
  • ބަންދު މީހާއަށް ފޯރުކޮށްދޭ ތަކެތި ލިޔެކިޔުމުން ފެންނަން ނެތުން
  • މީހުން ބަންދު ކުރުމުގައި ގިންތި ނުކުރުން
  • ބޮޑެތި މީހުންނާއެކު ކުޑަކުދިން ބަންދު ކުރުން
  • ބަންދު މީހާއަށް އެޓެންޑުވާނެ ސިއްހީ ޕްރޮފެޝަނަލެއް ނެތުން
  • ބަންދު ކުރާ މީހާގެ ސިއްހީ މައުލޫމާތުގެ ތަފްސީލު ނޯޓު ނުކުރުން

ޖަލުތަކުގެ އޮޑިޓު (2019) ރިޕޯޓުން ކުޅުދުއްފުށި ޕޮލިސް ސްޓޭޝަން

  • ސިއްހީ ފަރުވާ ދިނުމަށް އެއްވެސް އިންތިޒާމެއް ހަމަޖެހިފައި ނެތުން
  • ގައިދީންގެ އެއްވެސް ބާވަތެއްގެ މެޑިކަލް ސްކްރީނިންއެއް ނުހެދުން
  • އެމެޖެންސީއެއް ދިމާވެއްޖެ ނަމަ އަވަސް ފަރުވާދެވޭނެ އެއްވެސް ގޮތެއް ނެތުން
  • ޑޮކްޓަރަށް ދައްކަން ގިނަ ދުވަސް ނެގުން
  • ސީސީޓީވީ ކެމެރާ ނެތުން
  • އާދަޔާ ހިލާފަށް މަދިރި ގިނަވުން
  • ފުލުހުން އަނިޔާ ކުރާ ހާލަތްތަކުގައި ފާރުގަނޑު ރަނގަޅުވުމުން ނޫނީ ޑޮކްޓަރަށް ނުދެއްކުން

އަނިޔާ އާއި ލާއިންސާނީ އަދަބުތައް ބެލުމަށް އދ. ކަނޑައަޅާފައި ހުންނަ މަންދޫބުގެ ޒިޔާރަތް (2019)

އދ. ގެ ހާއްސަ މަންދޫބު ނިލްސް މެލްޒާ ރާއްޖެ ވަޑައިގެން އޭނާ ވަނީ އެއްވެސް ހުރަހެއް ނެތި ރާއްޖޭގައި މީހުން ބަންދު ކުރާ މަރުކަޒުތަކަށް ޒިޔާރަތް ކުރައްވައިފަ އެވެ. އޭނާގެ ޒިޔާރަތަށްފަހު ޝާއިއު ކުރި ރިޕޯޓުގައި ވަނީ ރާއްޖޭގައި މީހުން ބަންދު ކުރާ މަރުކަޒުތަކުގައި ހުރި ބޮޑެތި މައްސަލަތައް ފާހަގަ ކުރައްވައިފަ އެވެ.

މެލްޒާގެ ރިޕޯޓު އޭނާ 2021 ގައި ޝާއިއު ކުރިއިރު ބަންދު ކުރާ މީހުންގެ ސިއްހީ ހާލަތްތަކާ ގުޅޭ ގޮތުން ވަނީ ސީރިއަސް މައްސަލަތަކެއް ފާހަގަ ކުރައްވައިފަ އެވެ. އެގޮތުން؛

  • އަސާސީ ސިއްހީ ފަރުވާދެވޭނެ ގޮތްތައް ރާއްޖޭގެ ބަންދު މަރުކަޒުތަކުގައި ނެތުން
  • ބަންދުގައި ހުއްޓާ މަރުވާ މީހުންގެ މައްސަލަތައް ރަނގަޅަށް ތަހުގީގު ނުކުރުން
  • ޖަލުތަކުގައި މަރުވާ މީހުންގެ އޮޓޮޕްސީ ނުހެދުން
  • ޑްރަގް ވިތުޑްރޯވަލްއަށް ފަރުވާ ކުރެވޭނެ އެއްވެސް އިންތިޒާމެއް ނެތުން

އދ. ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން (2021)

އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން ރާއްޖެ އެއީ ދިވެހި ސަރުކާރުގެ ދައުވަތަކަށް ޑިސެމްބަރު، 2021، ގަ އެވެ. އެ ގްރޫޕުން ވަނީ ރާއްޖޭގެ ޖަލުތަކާއި ވަރަށް ގިނަ ބަންދު މަރުކަޒުތަކަށް ޒިޔާރަތްކޮށްފަ އެވެ.

ޖަލުތަކުގައި ހުރި ބޮޑެތި މައްސަލަތައް އެ ގްރޫޕުން ޝާއިއު ކުރި 2022 ވަނަ އަހަރުގެ ރިޕޯޓުގައި ވެސް ފާހަގަކޮށްފައިވާއިރު ގައިދީންގެ ހާލަތާ ގުޅޭ ގިނަ ކަންބޮޑުވުންތަކެއް ހިއްސާކޮށްފައިވެ އެވެ. އެގޮތުން؛

  • ތޮއްޖެހުމުގެ މައްސަލަ އާދަޔާ ހިލާފަށް ބޮޑުވުން
  • ސާފު ވަޔާއި އަލި ނުލިބޭ ގޮތަށް މީހުން ބަންދު ކުރުން
  • ކަސްރަތާއި ވައި ޖެއްސުމަށް ގޮޅިން ބޭރަށް ނެރެންޖެހޭ ވަގުތު، ގިނަ ގައިދީންތަކެއް އެއްކޮށް ކޮއްޓެއްގައި ނެރުން
  • ޑްރަގް ވިތުޑްރޯވަލްއަށް ފަރުވާ ކުރެވޭނެ އެއްވެސް އިންތިޒާމެއް ނެތުމާއި އޭގެ ސަބަބުން ތަހުގީގު ކުރަނީ ބަންދު މީހާ ހަމަހޭގައި ހުރި ވަގުތެއްގައިތޯ ކަށަވަރުނުވުން

ފައިސަލްއަށް ގެއްލުނު ކަމަށް ބެލެވޭ ބައެއް ހައްގުތައް

ފައިސަލް އޭނާ ބަންދުކޮށްފައި އޮތް ގޮޅީގެ ތޭރިތަކުގައި ބާލީސް އުރައެއް ބޭނުންކޮށްގެން ދަންޖެހުނީ އޭނާ ޖަލަށްލިތާ ހަތަރު ވަނައަށްވި ދުވަހެވެ. ކުރީގެ ރިޕޯޓުތަކުން އެނގޭ ގޮތުގައި ކުޅުދުއްފުށީ ހޮސްޕިޓަލުގައި މެޑިކަލް އެސެސްޓެންޓުތަކެއް ނުހަދަ އެވެ. އެހެންކަމުން ބަންދު ކުރިއިރު، ފައިސަލް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ހުރި ހާލަތު ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ބަލާފައިނުވާނެ ކަމަށް ބެލިދާނެ އެވެ.

ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ގޮސް ފައިސަލް އެތަނުގެ މުވައްޒަފުންނާ ހަވާލުވިއިރު، މި ނޫހަށް އެނގިފައިވާ ގޮތުގައި އޭނާއަކީ މަސްތުވާތަކެތި ބޭނުން ކުރާ މީހެކެވެ. ހދ. ނޮޅިވަރަމް ކައުންސިލާއި އޭނާގެ ނިޔާވި އަނބިމީހާގެ އާއިލާއިން ވެސް ބުނެފައި ވަނީ ފައިސަލްއަކީ މަސްތުވާތަކެތި ބޭނުން ކުރާ މީހެއް ކަމަށެވެ. އެހެންކަމުން ޖަލުގައި ހުރި ވަގުތު ޑްރަގް ވިތުޑްރޯވަލްސް ސިންޑްރޯމް އޭނާއަށް ކުރިމަތިވާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގައި ޑްރަގް ވިތުޑްރޯވަލްސްއަށް ފަރުވާ ކުރެވޭނެ ގޮތެއް ނުހުރުމުން އެ ހައްގު އޭނާއަށް ނުލިބޭ ކަމަށް ބެލިދާނެ އެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ފަރާތުން މި އަހަރު ޝާއިއު ކުރި އެންޓި ޓޯޗާ ރިޕޯޓުގައި ބުނެފައިވާ ގޮތުން މީހަކު އެކަހެރިކޮށް ބަންދު ކުރާ ނަމަ އޭނާގެ ހާލަތު އަބަދުވެސް ފެންނަ ގޮތަށް އޮފިސަރަކު ހުންނަންޖެހެ އެވެ. އަދި އެތަނެއްގައި، ބަންދު މީހާގެ ހަރަކާތްތައް ބެލޭނެ ފަދަ ގޮތަކަށް ކެމެރާ ވެސް ހުންނަންޖެހެ އެވެ. ނަމަވެސް ފައިސަލް ބަންދުކޮށްފައި ހުރީ އޭނާގެ ހަރަކާތްތައް ފެންނާނެ ގޮތަކަށް ނޫނެވެ. ފުލުހުންނާއި ހޯމް މިނިސްޓްރީން ދިން މައުލޫމާތުތަކުން އެނގެނީ، އޭނާގެ ހާލަތު ފުލުހުން ބެލީ ކޮންމެ 10 މިނެޓަކުން ކަމަށެވެ.

ޖަލުތަކުގައި އަވަސް ފަރުވާ ދޭނެ އިންތިޒާމް ހަމަޖެއްސުމަށް ޖަލުތަކުގެ އޮޑިޓު ރިޕޯޓުގައި ބުނެފައިވެ އެވެ. އެގޮތުން ކޮންމެ ކަސްޓޯޑިއަލެއްގައި މަދުވެގެން ދެ ނަރުހުންނާއި ދެ މެޑިކަލް ސަޕޯޓް ސްޓާފުން ބައިތިއްބަންޖެހޭ ކަމަށް އެ ރިޕޯޓުގައި އިރުޝާދު ދީފައިވެ އެވެ. އަދި އެމެޖެންސީ ހާލަތެއްގައި ބޭނުން ކުރުމަށްޓަކައި އޮކްސިޖަނާއި ގައިދީއަކު ހިތް ހުއްޓިއްޖެ ހާލަތެއްގައި ބޭނުންވާ ބޭސް ޖަލުތަކުގައި ބަހައްޓަންވާނެ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. ނަމަވެސް އެއިން އެއްވެސް ހިދުމަތެއް ކުޅުދުއްފުށީ ސްޓޭޝަނަކުން ނުލިބެ އެވެ.

ފައިސަލް މަރުވިތާ އެއް ދުވަހުގެ ތެރޭގައި ފުލުހުން ވަނީ އޭނާގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް ވަޅުލައިފަ އެވެ. އޭނާ މަރުވީ ދަންޖެހިގެން ނޭވާ ލައްވާ މެޝިނެއްގައި ބާއްވާފައި އޮއްވާ ދަންޖެހުނުތާ ހަ ދުވަސް ފަހުންނެވެ. އެ މައްސަލަ ރަނގަޅަށް ތަހުގީގު ކުރާނެ ކަމަށް ހޯމް މިނިސްޓްރީން ބުނި ނަމަވެސް ފައިސަލްގެ ހަށިގަނޑު ވަޅުލާފައި ވަނީ އޮޓޮޕްސީއެއް ހެދުމެއް ނެތި އެވެ. އެހެންކަމުން، މަރުގެ އެންމެ ފުންމިނަށް މި މައްސަލައިގައި ހާސިލުވެވިދާނެކަމާމެދު ސުވާލު އުފެދެ އެވެ.

ފައިސަލްއަކީ ބޮޑު ކުށެއްގެ ތުހުމަތު އޭނާގެ ބޮލުގައި އެޅިފައި އޮތް މީހެއް ނަމަވެސް މަރުވުމާ ހަމައަށް އޭނާއަކީ ކުށެއް ނެތް މީހެކެވެ. އޭނާ މަރުވީ ޖަލުތަކުގައި ލިބެންޖެހޭ ހައްގުތައް ނުލިބި އެވެ. ޖަލުތަކުގެ ހާލަތު ގޯސްކޮށް އޮއްވަ އެވެ.

"ސިޔާސީ މީހުން ބޭނުން ނެތީ ޖަލުތަކުގައި ހުރި މައްސަލަތައް ހައްލު ކުރަން. އެކަމަކު ފައިސާ ހޯދަން އެބަ ނިޔަތް އޮވޭ، އެ މަސައްކަތް ބަރާބަރަށް ހިނގާ. ފުލުހުން ގިނަކޮށްފަ، ޖަލުތައް ބޮޑުކުރަން ފައިސާ ލިބޭ. އެކަމަކު ދުވަހަކު ވެސް ބަންދުކޮށްފައި ހުރި މީހަކަށް ހައްގު ލިބޭ ތަނެއް ނުފެނޭ،" ކުރިން މި ލިޔުމަށް ވާހަކަ ދެއްކި ފޯމީ، ޖަލުތައް އިސްލާހުނުވާ މައްސަލައިގައި އޭނާގެ ރައުޔު ހާމަ ކުރައްވަމުން ވިދާޅުވި އެވެ.