Advertisement

ކުރިމަގާމެދު ގޮތެއް ނިންމަން ފްރާންސްގެ ކޯޗު ޑެޝޯމްޕްސް އަދި ބޭނުމެއް ނުވޭ

19 ޑިސެންބަރު 2022 - 11:20 1


ކުރިމަގާމެދު ގޮތެއް ނިންމަން ފްރާންސްގެ ކޯޗު ޑެޝޯމްޕްސް އަދި ބޭނުމެއް ނުވޭ

19 ޑިސެންބަރު 2022 - 11:20 1

ދޯހާ، ގަތަރު (ޑިސެމްބަރު 19) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލު މެޗުން ބަލިވި ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުގެ ގޮތުގައި ދެމި ހުރުމާ މެދު މިވަގުތު ގޮތެއް ނިންމަން ބޭނުން ނުވާކަމަށް ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނެފި އެވެ.

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ފްރާންސް މި އަހަރު ބަލިވީ އާޖެންޓީނާ އާ ވާދަކޮށް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، 2-2 އިން ދެ ޓީމް އެއްވަރުވެ، އިތުރު ވަގުތު ނިމުނުއިރު 3-3 އިން އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 4-2 އިން ކުރި ހޯދައިގެންނެވެ.

ފައިނަލް މެޗަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ފްރާންސްގެ ކޯޗު ޑެޝޯމްޕްސް ބުނީ އެންމެންގެ ފުރަތަމަ ސުވާލު އަމާޒުވާނީ ފްރާންސްގެ ކޯޗުގެ ގޮތުގައި އޭނާ ދެމި ހުރުމާމެދުކަން އެނގޭ ކަމަށެވެ. އެ ކަމަށް އޭނާ ހުރީ ތައްޔާރުވެގެންކަން ފާހަގަކޮށް، ޑެޝޯމްޕްސް ބުނީ ފައިނަލުން ބަލިވިޔަސް މޮޅުވިޔަސް އޭނާ ހުރީ އިސްތިއުފާ ދޭ ގޮތަކަށް ނޫން ކަމަށެވެ.

"އަހަރެން ހުރީ މި ސުވާލަށް ރެޑީވެގެން ކުރިން ވެސް. ބުނެލަން އޮތީ މި މެޗުގެ ނަތީޖާ އިން އަހަރެންގެ ނިންމުމަށް ބަދަލެއް ނާދެއޭ. އަހަރެން ކުރިމަގުގެ ވާހަކަ ދައްކަން ބޭނުންމެއް ނޫން މިވަގުތު. މިއީ ޓީމާ އެކު ހުންނަންވީ ވަގުތު" 2018 ގައި ފްރާންސަށް ވޯލްޑް ކަޕް ހޯދައިދިން ޑެޝޯމްޕްސް ބުންޏެވެ.

ޑެޝޯމްޕްސް ބުނީ މިއީ ޓީމަށް އުނދަގޫ ދަނޑިވަޅެއް ކަމަށާއި، ފައިނަލުން ބަލިވުމަކީ އެއްވެސް މީހަކު ބޭނުންވާނެކަމެއް ނޫން ކަމަށެވެ. މި ދަނޑިވަޅުގައި ކުރިމަގުގެ ވާހަކަދައްކައި އިތުރު ކަންކަން މި ހިތާމައިގެ ތެރެއަށް ލާން ބޭނުން ނުވާކަމަށް ޑެޝޯމްޕްސް ވަނީ ބުނެފަ އެވެ.

ފްރާންސުން 1998 ވަނަ އަހަރު ވޯލްޑް ކަޕްގެ ތަށި ހޯދިއިރު ކެޕްޓަނަކަށް ހުރި ޑެޝޯމްޕްސް ބުނީ އޭނާގެ ކުރިމަގާ ގުޅޭ މަޝްވަރާތައް އަންނަ މަހު ފްރާންސްގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސްއާ އެކު ބާއްވާނެ ކަމަށާއި، ގޮތެއް ނިންމާނީ އޭގެފަހުން ކަމަށެވެ.

އޭނާ ބުނީ މި ވަގުތު ޓީމާ ދުރަށް ދާން ޖެހުނަސް ފްރާންސް ޓީމުގައި އޮތީ އުއްމީދީ މުސްތަގުބަލެއް ކަމަށާއި، ޓީމުގައި ތިބި އާ ޒުވާން ކުޅުންތެރިންނާ އެކު ކުރިމަގު އޮތީ ވަރަށް އުޖާލާކޮށް ކަމަށެވެ. ކީލިއަން އެމްބާޕޭ ކަހަލަ ކުޅުންތެރިންނާ އެކު ފްރާންސުން ކުރިއަށް އޮތް ތާނގައި އިތުރު ކާމިޔާބީތައް ހޯދާނެކަމަށް އުއްމީދުކުރާކަމަށް ވެސް ޑެޝޯމްޕްސް ބުންޏެވެ.

ޑެޝޯމްޕްގެ ކޯޗުކަމުގެ ދަށުން ފްރާންސުން ވަނީ 2016ގެ ޔޫރޯގެ ފައިނަލުގައި ކުޅެފަ އެވެ. އޭގެ ފަހުން 2018ގެ ވޯލްޑް ކަޕްގެ ތަށި ހޯދިއިރު، 2021 ގެ ޔުއެފާ ނޭޝަންސް ލީގުވެސް ކާމިޔާބުކުރި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން 2024ގެ ޔޫރޯގައި ފްރާންސް ނުކުންނާނީ އާ ކޯޗަކާއެކުގަ އެވެ. މިގޮތުން އެ މަގާމަށް އައުން އެންމެ ގާތީ މިވަގުތު ވަޒީފާއެއް ނެތިފައިހުރި ފްރާންސްގެ ކުރީގެ ކެޕްޓަން އަދި ރެއާލް މެޑްރިޑްގައި ކޯޗެއްގެ ގޮތުގައި ތަފާތު މަސައްކަތެއް ކުރި ޒިނެދިން ޒިދާން އެވެ.

ފްރާންސްގެ ގައުމީ ޓީމް ދެން މެޗެއް ކުޅެން ހަމަޖެހިފައި އޮތީ އަންނަ މާޗު މަހު އެވެ. އެއީ 2024ގެ ޔޫރޯ ކޮލިފައިންގަ އެވެ. ކޮލިފައިންގެ ފުރަތަމަ މެޗުގައި ފްރާންސް ނުކުންނާނީ ނެދަލެންޑްސްއާ ދެކޮޅަށެވެ.